އިނގިރޭސި ޕްރިމިއާ ލީގުގެ ވުލްވަހެމްޓަންގެ ކޯޗް ޖޫލެން ލޮޕެޓެގީ އެ ކްލަބްގައި ދެމިހުންނާނެކަމާ މެދުގައި ސުވާލު އުފެދިއްޖެއެވެ.

ބާސެލޯނާ އާއި ރެއާލް މެޑްރިޑް ފަދަ ކްލަބުތަކުން ކުޅުންތެރިން ނުގެނެޔަސް، ޒުވާން އަދި މޮޅެތި ކުޅުންތެރިން ހިމެނޭ ސްކޮޑެއް ވުލްވްސްގައި އޮތުމަކީ ލޮޕެޓެގީ ބޭނުންވާ ގޮތެވެ.

ނަމަވެސް، ކްލަބުން ގެންގުޅޭ ފައިނޭންޝިއަލް ފެއަރ ޕްލޭ އުސޫލުގެ ސަބަބުން މި އަމާޒު ހާސިލުވުމަކީ ކުރެވޭނެ ކަމެއް ކަމާއި ދޭތެރޭ ފުޓްބޯޅައިގެ މާހިރުން ސުވާލު އުފައްދައެވެ.

ލޮފެޓެގީ ވުލްވްސްއާ ހަވާލުވި އިރު ކްލަބުން ވަނީ ކުޅުންތެރިން ހޯދައި ދިނުމަށް އެއްބަސްވެފައެވެ. ނަމަވެސް، ކްލަބްގެ މާލީ ހާލަތު ހުރި ގޮތުން އިންވެސްޓަރުން ނުހޯދާ ލޮޕެޓެގީގެ އަމާޒު ހާސިލުނުވާނެ ކަމުގެ ކަންބޮޑުވުން އޭނާ ވަނީ ފާޅުކޮށްފައެވެ.

ވުލްވްސްގެ ޗެއާމަން ޖެފް ޝީ އާއި ކްލަބްގެ ވެރިން ކަމުގައިވާ ފޯސަންއާއެކު ދެކެވުނު އެންމެ ފަހުގެ ވާހަކަތަކަށްފަހު ލޮޕެޓެގީ ބުނީ އޭނާގެ ޑިމާންޑްއާ އެއްވަރަށް ކަންކަން ނުދާ ކަމަށެވެ.

ނަމަވެސް، ޖުލައި މަހުގެ އެއް ވަނަ ދުވަހާ ހަމައަށް އޭނާގެ ސްކޮޑް ތައްޔާރުވެފައި ހުންނަންޖެހޭ ކަމަށް ލޮޕެޓެގީ ޝަރުތުކޮށްފައިވެއެވެ.

" އަހަރެން ވަނީ އެއްބަސްވުމެއް ހަދާފައި. އަހަރެން ވުލްވްސްގައި މަސައްކަތްކުރާތާ ހަ މަސް ދުވަސް ވެއްޖެ. މިތަނުގައި އަހަރެން މި އުޅެނީ ވަރަށް ހިތްހަމަޖެހިގެން. ކުރިމަގުގައިވެސް މިހާ ހިތްހަމަޖެހިގެން އުޅެވޭނެ ކަމަށް އުންމީދުކުރަން. އެކަމަކު ހަގީގަތަށް ވާހަކަ ދައްކާ ނަމަ، (ކްލަބްގައި) މައްސަލައެއް ދިމާވެފައި މި އޮތީ" އުމުރުން 56 އަހަރުގެ ލޮޕެޓެގީ ބުންޏެވެ.

ލޮޕެޓެގީ މިފަދައިން ބުނެފައިވަނީ ކްލަބުން ގިނަ އަދަދެއްގެ ކުޅުންތެރިން ބަދަލުވާން ހަމަޖެހިފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އެ ކްލަބަށް ކުޅެމުންދާ ރުބެން ނަވޭސް ކްލަބް ދޫކޮށްފައި ބާސެލޯނާއަށް ދާ ކަމުގެ ވާހަކަތައް ފެތުރެމުންދާއިރުގައި އަޑާމާ ޓްރާއޯރޭއާއި ޖޮއާއޯ މުޓީނިއޯވެސް ހިލޭ ޓްރާންސްފާއެއްގައި ކްލަބް ދޫކުރުމަށް ހަމަޖެހިފައިވެއެވެ. ހަމަ އެއާއިއެކު، ވުލްވްސްގެ ކީޕަރ ޔޯޒޭ ސާ ވެސް ކްލަބްގައި މަޑުކުރާނެ ކަމުގެ ޔަގީންކަން ނެތް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

"1 ޖުލައިގައި ސްކޮޑެއް ތައްޔާރުވެފައި އޮތުން އަހަރެންނަށް ވަރަށް މުހިންމު" ލޮޕޮޓެގީ ބުނެފައިވެއެވެ.

އޭނާ ބުނީ މުޓީނިއޯ އެހެން ކްލަބެއްގައި ވަރަށް އަވަހަށް ކުޅެވޭނެ ކަމަށް ބެލެވޭއިރު، ރައުލް ހިމެނޭޒް ކްލަބްގައި މަޑުކުރާނެ ކަމަށް އޭނާ އުންމީދުކުރާ ކަމަށެވެ.

މިދިޔަ އަހަރުގައި ލޮޕޮޓެގީ ވުލްވްސްއާއި ހަވާލުވިއިރު ވުލްވްސް އޮތީ ތާވަލުގެ ވަރަށް ފަހަތުގައެވެ. ނަމަވެސް، އޭނާ ވަނީ ވުލްވްސް އޭރުގައި އޮތް ހިސާބުން ކުރިއަށް އަރުވައި ދީ، ރެލިގޭޝަނުން ސަލާމަތްކޮށްފައެވެ. އެހެންކަމުން، ލޮޕޮޓެގީއަކީ ވުލްވްސްއަށް ވަރަށް މުހިންމު ކޯޗެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.