ގާނާ އަށް ރިކޯޑް އަދަދަކަށް ގޯލް ޖަހައިި ދިން ކުޅުންތެރިޔާ އަސަމޮއާ ޖިއާން ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ. ޖިއާން ފުޓްބޯޅަ ކުޅުން ހުއްޓާލާ ވާހަކަ އިއުލާންކުރީ 20 އަހަރު ވަންދެން އެ ކުޅިވަރު ތެރޭގައި އުޅެފައެވެ.

އުމުރުން 37 އަހަރުގެ ޖިއާން އޭނާގެ ނިންމުން ހާމަކުރީ ގާނާގެ ވެރިރަށް އަކްރާގައި އައިވަރީ ކޯސްޓްގެ ކުރީގެ ފޯވާޑް ޑިޑިއޭ ޑްރޮގްބާއާ އެކު ސްޓޭޖުގައި ހުރެގެންނެވެ.
"މިއީ އެންމެންނަށް ކިޔައިދޭންވީ ވަގުތު. މިއީ ވަރަށް އުނދަގޫ ވަގުތެއް،" ގައުމަށް ކުޅުނު 109 މެޗު ކުޅެ، 51 ގޯލް ކާމިޔާބުކޮށްދިން ކުރީގެ ފޯވާޑް ޖިއާނީ ބުންޏެވެ.
ދެހާސް ދިހަ ވަނަ އަހަރުގެ ބީބީސީގެ އެފްރިކަން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދި ޖިއާނީ ބައިނަލްއަގްވާމީ މެޗްއެއް އެންމެ ފުރަތަމަ ކުޅުނީ އުމުރުން 17 އަހަރުގެ ކުޅުންތެރިއެއްގެ ގޮތުގައި 2003 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގައި ސޯމާލިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. އޭނާ ގާނާގެ ގައުމީ ޓީމަށް އަށް އެންމެ ފަހު މެޗު ކުޅެދީފައިވަނީ 2019 ވަނަ އަހަރުއެވެ.

އޭގެ އިތުރުން، ޖިއާނީ ވަނީ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ހަތް މުބާރާތެއްގައި ކުޅެ، 2008 ވަނަ އަހަރު ގާނާއަށް ތިން ވަނަ ހޯދައި، 2010 އަދި 2015 ވަނަ އަހަރުގެ އެޑިޝަންގައި ރަނަރަޕްގެ މަގާމުވެސް ގާނާއަށް ހޯދައި ދީފައެވެ.

އޭނާގެ ގައުމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށްވުމުގެ އިތުރުން ޖިއާން އަކީ ވޯލްޑް ކަޕްތަކުގައި އެފްރިކާ ބައްރުން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. އޭނާ ޖެހި ހަ ގޯލުގެ ތެރެއިން ފުރަތަމަ ގޯލު ޖެހީ 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި މުބާރާތުގައި ޗެކް ރިޕަބްލިކް އަތުން 2-0 އިން މޮޅުވި މެޗުގެ 68 ވަނަ ސިކުންތުގައިއެވެ.
ދެހާސް ދިހަ ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕްގައި ގާނާ ކުއާޓާ ފައިނަލަށް ދިޔައިރު ތިން ގޯލު ޖެހި ނަމަވެސް އިތުރު ވަގުތު ނިމުނުއިރު މުހިންމު ޕެނަލްޓީއެއް ގެއްލުނަސް އޭނާގެ ގައުމު ވެގެންދިޔައީ މިހާތަނަށް އެފްރިކާ ބައްރުން ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ފުރަތަމަ ޓީމަށެވެ.
ފުޓްބޯޅަ ކުޅުން ހުއްޓާލިޔަސް، ފުޓްބޯޅަ ކުޅެން ބޭނުންވާ މީހުންނަށް ކޯޗެއްގެ ގޮތުން ވިޔަސް، އެހީތެރިވާން ޝައުގުވެރިވާކަން ޖިއާން ހާމަކޮށްފައިވެއެވެ.