އިޓަލީ ވިލާތުގެ ކްލަބް އިންޓަ މިލާނަށް ކުޅެމުން އައި އުމުރުން 37 އަހަރުގެ، ބޮސްނިއާގެ ފޯވާޑް އެޑިން ޒެކޯ އެ ޓީމު ދޫކޮށް ތުރުކީގެ ފުޓްބޯޅަ ކްލަބް ފެނަބާޗޭއާ ގުޅެން ނިންމައިފިއެވެ.

ފުޓްބޯޅަ ކުޅުމުގައި އެތައް ތަޖުރިބާއެއް ހޯދާފައިވާ ޒެކޯ އިންޓަ މިލާނުން ފެނަބާޗޭއަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގައެވެ. އޭނާ ފެނަބާޗޭއަށް ކުޅެން އެއްބަސްވެފައިވަނީ ދެ އަހަރު ދުވަހުގެ މުއްދަތަށެވެ. ފެނަބާޗޭގައި ޒެކޯއަށް އަހަރަކު 3.6 މިލިއަން ޕައުންޑް ލިބޭނެ ކަމަށް އެ ކްލަބުން ބުނެއެވެ.

އިންޓަ މިލާން އަށް ޒެކޯ ކުޅުނު އެންމެ ފަހު މެޗަކީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި މެންޗެސްޓާ ސިޓީ އަތުން 1-0 އިން ބަލިވި މެޗެވެ.

އިންޓަ މިލާންއާއެކު ޖޫން މަހުގެ ފަހުކޮޅު ހަމަވާ ކޮންޓްރެކްޓްއެއް ހަދާފައިވާ ޒެކޯ ވަނީ 2021 ވަނަ އަހަރު ރޯމާއިން އެ ކްލަބާ ގުޅުނު ފަހުން ކުޅުނު 101 މެޗުގައި 31 ގޯލް ކާމިޔާބުކޮށްފައިއެވެ. އޭގެ ތެރޭގައި މިދިޔަ ސީޒަނުގައި ޖެހި 14 ލަނޑު ހިމެނެއެވެ. އޭނާ ވަނީ ސީރީއާ އޭ ޓީމާއެކު ކޮޕާ އިޓަލީގެ ދެ ތަށި ހޯދައި ދިނުމުގައި އެހީތެރިވެފައިއެވެ.
މީގެ ކުރިން ބޮސްނިއާ-ހަރޒެގޮވިނާގެ ގައުމީ ޓީމަށް ކުޅެފައިވާ މި ކުޅުންތެރިޔާ ވަނީ މެންޗެސްޓާ ސިޓީ އާއި ވޮލްފްސްބާގްއާ އެކު ޕްރިމިއާ ލީގާއި ބުންޑެސްލީގާގެ ޗެމްޕިއަންކަން ހޯދައި، ކްލަބް ކެރިއަރުގައި 300 އަށް ވުރެ ގިނަ ގޯލް ހަމަކޮށްފައިއެވެ.
ފެނަބާޗޭ 2022-23 ވަނަ އަހަރުގެ ސުޕަ ލީގު ސީޒަނުގައި ރަނަރަޕްކަން ހޯދިއިރު، އެންމެ ފަހުން ލީގު ޗެމްޕިއަންކަން ހޯދީ 2014 ވަނަ އަހަރުއެވެ.