ބްރޫޝިއާ ޑޯޓްމަންޑަށް ކުޅޭ ރަފައެލް ގުރޭރޯ ހިލޭ ޓްރާންސްފާއެއްގައި ބަޔާން މިއުނިކަށް ބަދަލުވެއްޖެއެވެ.

އުމުރުން 29 އަހަރުގެ ރަފައެލް ބަޔާނަށް ބަދަލުވާން ނިންމީ ހަތް އަހަރުގެ މުއްދަތެއްގައި ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅުމަށްފަހުގައެވެ. އޭނާ ބަޔާންއަށް ކުޅުމަށް އެއްބަސްވެފައިވަނީ ތިން އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައެވެ. އެހެން ކަމުން، އޭނާ ބަޔާންގައި ޖޫން 30، 2026 ގެ ނިޔަލަށް ހުންނާނެއެވެ.

ޑޯޓްމަންޑަށް ކުޅުނު ހަތް ސީޒަނުގައި ރަފައެލް ވަނީ 224 މެޗު ކުޅެދީ، 40 ގޯލް އާއި 50 އެސިސްޓް ހަދައިފައެވެ.

މީގެ އިތުރުން އޭނާއަކީ ޕޯޗުގަލްގެ ގައުމީ ޓީމަށްވެސް ކުޅޭ ކުޅުންތެރިއެކެވެ. އެންމެ ފަހުން ގަތަރުގައި ކުޅުނު 2022 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕްގައި ރަފައެލް ވަނީ ޕޯޗުގަލް ތަމްސީލުކޮށްފައެވެ. އަދި ޔޫރޯ 2016 ގެ ފައިނަލުގައި ފްރާންސްއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް އޭނާ ވަނީ އެ މުބާރާތުގައި މުހިންމު ދައުރެއް އަދާކޮށް އެ އަހަރު ޕޯޗުގަލްއަށް ޔޫރަޕިއަން ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިނުމުގައި އެހީތެރިވެފައިއެވެ.

މިއާއިއެކު، ޕޯޗުގީޒަށް ނިސްބަތްވާ ކުޅަދާނަ ޑިފެންޑަރު ރަފައެލްއަށް ހަ އަހަރު ފަހުން ކޯޗް ތޯމަސް ޓުޗެލްއާ އެކީ މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ޑޯޓްމަންޑްގައި 2016-17 ގެ ސީޒަންގެ މެޗްތައް އޭނާ ކުޅުނީ ޓުޗެލްގެ އިރުޝާދުގެ ދަށުންނެވެ. ރަފައެލް ބުނީ ބަޔާންއިން އޭނާއަށް ހުށަހެޅުން ލިބުމުން، އޭނާ ވަގުތުން ބަޔާންއަށް ބަދަލުވާން ނިންމި ކަމަށާއި ބަޔާންއާއި ގުޅުމުން އޭނާ ވަރަށް އުފާވާ ކަމަށެވެ.

ރަފައެލްގެ އިތުރުންވެސް ވާދަވެރި ކްލަބްތަކުން އެހެން ކުޅުންތެރިންވެސް ހޫނު މޫސުމާ ދިމާކޮށް ބަޔާންއާއި ގުޅިފައިވެއެވެ. އާރްބީ ލައިފްޒިގްއަށް ކުޅެމުންދިޔަ ކޮންރަޑް ލައިމާވެސް ވަނީ ލައިޕްޒިގާއިއެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އައުމުން ބަޔާންއާ ގުޅިފައެވެ.

ރަފައެލް އަކީ މިހާރު ބޮރޫޝިއާ ޑޯޓްމަންޑް ދޫކޮށް ބަޔާން އަށް މިދިޔަ 10 އަހަރު ތެރޭގައި ބަދަލުވި ހަތަރު ވަނަ ކުޅުންތެރިޔާއެވެ. މާރިއޯ ގޮޓްޒޭ އަކީ 2013 ވަނަ އަހަރު 31.5 މިލިއަން ޕައުންޑަށް ޑޯޓްމަންޑަށް ބަޔާންއަށް ބަދަލުވި ފުރަތަމަ ކުޅުންތެރިޔާއެވެ. އަދި އޭނާގެ ފަހަތުން އަހަރެއްހާ ދުވަސް ފަހުން ރޮބަޓް ލެވަންޑޯސްކީ ވެސް ބަޔާނަށް ބަދަލުވިއެވެ.
އެންމެ ފަހުން 33 މިލިއަން ޕައުންޑަށް ޑޯޓްމަންޑުން ބަޔާންއާ ގުޅުނު ކުޅުންތެރިއަކީ މެޓްސް ހަމެލްސްއެވެ. ބަޔާންއިން މިހާރުވެސް ދަނީ ކުރިއަށް އޮތް ސީޒަނަށް ވަރުގަދަ ޓީމެެއް އުފެއްދުމަށް ޓްރާންސްފާ މާކެޓްގައި ހަރަކާތްތެރިކޮށް މަސައްކަތްކުރަމުންނެވެ. އެގޮތުން، އެންމެ ފަހުގެ ޚަބަރުތައް ރިޕޯޓްކުރާގޮތުން ނަމަ، މިހާރު ބަޔާންއިން ދަނީ ޗެލްސީއަށް ކުޅެމުންދާ ސޭޒާ އަޒްޕިލިކުއެޓާ އަށް ފާރަލަމުންނެވެ.