ފަނަރަ އަހަރު ވަންދެން ބާސެލޯނާ އަށް ކުޅެދީފައިވާ ސްޕެއިންގެ ކުޅަދާނަަ ފުޓްބޯޅަ ކުޅުންތެރިޔާ ސާޖިއޯ ބުސްކެޓްސް އެމްއެލްއެސްގެ ފުޓްބޯޅަ ކްލަބް އިންޓަ މިއާމީއަށް ބަދަލުވާން ނިންމައިފިއެވެ.

ބުސްކެޓްސް ބާސެލޯނާ ދޫކޮށްފައިވަނީ މީގެ އެއް މަސް ކުރިންނެވެ. އެއަށްފަހު، ސައުދީ އަރަބިއްޔާގެ ކްލަބްތަކުންވެސް ވަނީ ބުސްކެޓްސް ހޯދަން ޝައުގުވެރިކަން ފާޅުކޮށްފައެވެ. ނަމަވެސް، އޭނާ އިޚްތިޔާރު ކުރީ ބާސެލޯނާގައި އޭނާއާ އެއްކޮށް ކުޅުނު ލިއޮނަލް މެސީއާއި އެއްކޮށް އެމެރިކާ ލީގް ތަޖުރިބާކުރާށެވެ. ބުސްކެޓްސް އާއި މެސީ ވަނީ 2008 އިން 2021 އަށް ބާސެލޯނާގައި 13 ސީޒަން އެއްކޮށް ހޭދަކޮށްފައިއެވެ. ބާސެލޯނާއާއި އެއްކޮށް ބުސްކެޓްސް ހަދާފައިވާ އެއްބަސްވުން މި މަހުގެ 30 ވަނަ ދުވަހުގައި ހާމަވާނެއެވެ.

ބާސެލޯނާގެ އިތުރު ކުޅުންތެރިއެއް ކަމަށްވާ ޖޯޑީ އަލްބާވެސް ކުރިއަށް އޮތް ސީޒަނަށް ބާސެލޯނާއާ އަލްވަދާއު ކިޔާ ކަން ވަނީ އިއުލާންކޮށްފައެވެ. އެހެންކަމުން، އިންޓަ މިއާމީގެ ރާޑަރަށް އަލްބާވެސް އަރާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިވަގުތު އަލްބާއާއި އިންޓަ މިއާމީއިން ދަނީ އެކަމުގެ މަޝްވަރާތައް ކުރަމުންނެވެ.

ބާސެލޯނާއަށް ކެޕްޓަންކަންކޮށްދީފައިވާ އުމުރުން 34 އަހަރުގެ ބުސްކެޓް އެ ކުލަބަށް ކުޅެން ފެށީ 2008 ވަނަ އަހަރުގައެވެ. އެއަށްފަހު، އޭނާ ވަނީ ޖުމްލަ 700 މެޗުގައި ކުޅެފައެވެ. މިއާއިއެކު، އޭނާ ވެގެންދިޔައީ ކްލަބްގެ ތާރީހުގައިވެސް އެ ކްލަބަށް ތިން ވަނައަކަށް އެންމެ ގިނަ މެޗްތައް ކުޅެދިން ކުޅުންތެރިޔާއަށެވެ. ބާސެލޯނާގެ ސީނިއާ ޓީމާއެކު ހޭދަކުރި 15 އަހަރުގެ ތެރޭގައި އޭނާ ވަނީ 18 ގޯލް ޖަހައި 40 އެސިސްޓްކޮށްފައެވެ.

ބާސެލޯނާއަށް ކުޅެމުންދިޔަ މުއްދަތު ތެރޭގައި އޭނާ ވަނީ 15 ސީޒަންގައި 30 ޓްރޯފީ ހާސިލުކުރުމުގެ އިތުރަށް ބާސެލޯނާއަށް ނުވަ ފަހަރު މަތިން ލާ ލީގާގެ ޓައިޓަލް ކާމިޔާބުކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިއެވެ. އަދި ހަމައެއާއިއެކު، އޭނާ ވަނީ އެ ކްލަބަށް ހަތް ކޮޕާ ޑެލް ރޭ ޓައިޓަލް އަދި ތިން ޔުއެފާ ޗެމްޕިއަންސް ލީގްގެ ޓައިޓަލް ހޯދާ ދިނުމުގައި ވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ.

މީގެ އިތުރުން އޭނާ ވަނީ 2010 ވަނަ އަހަރު ސްޕެއިންއާއެކު ވޯލްޑް ކަޕް ކާމިޔާބުކޮށް، 2012 ވަނަ އަހަރު ޔޫރަޕިއަން ޗެމްޕިއަންޝިޕް ކާމިޔާބުކުރުމުގައި ސްޕެއިންއަށް އެހީތެރިވެދީފައިއެވެ. ބައިނަލްއަގްވާމީ ކުޅިވަރުގެ މައިދާނުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދުމަށްފަހު ބުސްކެޓްސް ވަނީ މިދިޔަ އަހަރުގައި ސްޕެއިންގެ ގައުމީ ޓީމުން ރިޓަޔާވެފައިއެވެ.