ފީފާ ކުލަބު ވޯލްޑް ކަޕް މިހާރު ކުޅެމުން އަންނަ ފޯމެޓަށް ބަދަލު ގެނެސް، ބާއްވާ ފުރަތަމަ މުބާރާތް އެމެރިކާގައި ބާއްވަން ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.

ފީފާގެ ފަރާތުން އެކަން ރަސްމީކޮށް އިއުލާން ކުރީ އެ އިދާރާގެ ރައީސް ޖިއާނީ އިންފަންޓީނޯއެވެ. އިންފަންޓީނޯ ވިދާޅުވީ އާ ފޯމެޓާއެކު 2025 ވަނަ އަހަރުގެ ކުލަބު ވޯލްޑް ކަޕް އޮންނާނީ އެމެރިކާގައި ކަމަށެވެ.

އާ ގަވާއިދާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން ޓީމުތައް ބައިވެރިވާނެ ކަމުގައި ފީފާގެ ރައީސް ވަނީ ވިދާޅުވެފައެވެ. އިންފަންޓީނޯ ވިދާޅުވީ، އެމެރިކާ ސަރަހައްދުގައި ފުޓުބޯޅަ ކުރިއަރަމުން އަންނަ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށެވެ. ކުލަބު ވޯލްޑް ކަޕަށްފަހު ދެން އޮންނަ ފީފާ ވޯލްޑް ކަޕާ ހަމައަށް އަންނައިރު، ފުޓުބޯޅައަކީ އެމެރިކާގައި ކުރިއަރާފައިވާ ކުޅިވަރަކަށް ވާނެކަމަށް އިންފަންޓީނޯ ގަބޫލުކުރައްވައެވެ.

އެންމެ ފަހުން ބޭއްވުނު ކުލަބް ވޯލްޑް ކަޕުގެ ޗެމްޕިއަން ރިއަލް މެޑުރިޑު

ކުލަބު ވޯލްޑް ކަޕް އެމެރިކާގައި ބާއްވަން ނިންމުމާއެކު، ޖެހިގެން އަންނަ ތިން އަހަރުގެ ތެރޭގައި އެ ގައުމުގައި ބޮޑު ތިން މުބާރާތް ކުރިއަށްދާނެއެވެ. އެންމެ ފުރަތަމަ 2024 ވަނަ އަހަރު އެމެރިކާގައި ކުރިއަށް ދާނީ ކޮޕަރ އެމެރިކާ ފުޓުބޯޅަ މުބާރާތެވެ. އެއަށްފަހު 2025 ވަނަ އަހަރު ކުލަބު ވޯލްޑް ކަޕް ބޭއްވުމަށްފަހު، 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްވެސް އެމެރިކާގައި ކުރިއަށްދާނެއެވެ

ފީފާއިން އިއުލާނުކޮށްފައިވާ ގޮތުން 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގައިވެސް 48 ގައުމުން ބައިވެރި ވުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް ހުޅުވާލާނެއެވެ. އެހެން ކަމުން ކުރިއާ ހިލާފަށް ފީފާ ވޯލްޑް ކަޕް ފޯރި ގަދަވުމާއި އެކު ގިނަ ދުވަހަށް ދެމިގެންދާނެއެވެ. 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ހަމަޖެހިފައިވަނީ އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެންނެވެ.

މިހާރު ކުޅެމުން އަންނަ ފޯމެޓުގައި ބާއްވާ އެންމެ ފަހު ކުލަބު ވޯލްޑް ކަޕް އޮންނާނީ މިއަހަރުގެ ޑިސެމްބަރު މަހު ސައޫދީ އަރަބިއްޔާގައެވެ. 2025 ވަނަ އަހަރުގެ މުބާރާތް އޮންނާނެ ސީދާ ތާރީޚެއް މިހާާތަނަށް ފީފާއިން އިއުލާންކޮށްފައެއްނުވެއެވެ.