އިނގިރޭސި ޕްރިމިއަރ ލީގުގެ ވުލްވްސްގެ ކެޕްޓަން ރުބެން ނެވޭޒް، ސައުދީ ޕްރޯ ލީގުގެ އަލް ހިލާލަށް ސޮއިކޮށްފިއެވެ.

ބޭރުގެ ރިޕޯޓްތައް ބުނާގޮތުން ވުލްވްސްއިން ނެވޭޒް ވިއްކާލާފައިވަނީ 47 މިލިއަން ޕައުންޑަށެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މިއީ ވުލްވްސްއަށް ރިކޯޑް އަގެކެވެ. ނެވޭޒް ވުލްވްސް ދޫކޮށްލިއިރު އޭނާ އެޓީމާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާން ބާކީ އޮތީ އެއް އަހަރެވެ. އަދި އޭނާ ވުލްވްސް ދޫކޮށް މިދިޔައީ ހަ އަހަރު އެކްލަބްގައި ހޭދަކުރުމަށްފަހުއެވެ. ނެވޭޒް ވެފައިވަނީ ޔޫރަޕްގެ ފުޓްބޯޅަ ދޫކޮށް ފަހަކަށް އައިސް ސައުދީ ލީގަށް ބަދަލުވާ ފާހަގަ ކޮށްލެވޭ ކުޅުންތެރިންގެ ލިސްޓަށް އެންމެ ފަހުން އިތުރުވި ނަމަށެވެ.

އެންމެ ފުރަތަމަ ކްރިސްޓިއާނޯ ރޮނާލްޑޯ އާއެކު ފެށިގެންދިޔަ މިފަހަރުގެ އޮއެވަރުގައި ދެން ފެނިގެންދިޔައީ ރެއާލް މެޑްރިޑްގެ ކެޕްޓަން ކަރީމް ބެންޒީމާ، އަލް އިއްތިހާދަށް ސޮއިކުރި ތަނެވެ. އަދި އެއާއެކު އެންގޯލޯ ކާންޓޭވެސް ވަނީ އަލް އިއްތިހާދަށް ސޮއިކޮށްފައެވެ. މީގެ އިތުރުން ލިއޮނެލް މެސީ އާއި ޔޫރަޕްގެ ފާހަގަ ކޮށްލެވޭ މޮޅެތި ކުޅުންތެރިން ގެންދިއުމަށް ސައުދީ ޕްރޯ ލީގުގެ ކްލަބްތަކުން ވަނީ ބޮޑެތި ހުށަހެޅުންތައް ހުށަހަޅާފައެވެ.

ދުނިޔޭގެ މަޝްހޫރު ކުޅުންތެރިންނަށް ސައުދީގެ ކުލަބުތަކުން ފާރަލަމުން އަންނަ އިރު، ޗެލްސީގެ ކީޕަރ އެޑުއާޑް މެންޑީވެސް މިހާރުވަނީ އަލް އަހްލީއަށް ސޮއިކުރުމުގެ ކަންތައްތައް ގާތްގަޑަކަށް ހަމަޖެހިފައެވެ. އަދި އިންގްލިޝް ޕްރިމިއަރ ލީގުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީގެ ބެނާޑޯ ސިލްވަރ ގެންދިއުމަށްވެސް އަލް ހިލާލްއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.