ޗުއްޓީގައި ހުރުމުން ނަސްލީ ފުރައްސާރައިގެ މައްސަލައިގައި ބާއްވާ އަޑު އެހުން ފަސްކޮށްދިނުމަށް ރެއާލް މެޑްރިޑްގެ ފޯވާޑް ވިނިޝިއަސް ޖޫނިއާ ވެލެންސިއާ ކޯޓެއްގައި އެދިއްޖެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މި އަޑު އެހުން ކުރިއަށް ގެންދިޔުމަށް ތާވަލު ކުރެވިފައި ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. ނަމަވެސް މިވަގުތު މިއާމީގައި ޗުއްޓީ ހޭދަކުރަމުން ދާތީ އަޑު އެހުން ފަސްކޮށް ދިނުމަށް އޭނާ ވަނީ ކޯޓުގައި އެދިފައެވެ.

މިދިޔަ މަހު 21 ވަނަ ދުވަހު ވެލެންސިއާގައި ކުޅުނު ސްޕެނިޝް ލީގުގެ މެޗެއްގައި ބްރެޒިލްގެ ފޯވާޑަށް ނަސްލީ ގޮތުން ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ ތިން މީހަކާ ދެކޮޅަށް ހެކިބަސް ދިނުމަށް ތާވަލުކޮށްފައިވާ މިމައްސަލަ ފަސްކުރުމާ މެދު ގޮތެށް ނިންމާނީ މި މައްސަލަ ބަލަމުންދާ ފަނޑިޔާރު ކަމުގައި މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ވިނީޝިއަސް އާއި ސްޓޭޑިއަމްގެ ސެކިއުރިޓީ ކެމެރާތަކުން ދެނެގަތް ތިން މީހުންގެ ތެރެއިން ދެ މީހަކު މިހާރު ވެސް ފަނޑިޔާރެއްގެ ކުރިމަތީގައި ހެކިބަސް ދީފައިވާއިރު އެންމެ ފަހުން ހެކިބަސް ދޭނީ ޖުލައި މަހުގެ 11 ވަނަ ދުވަހުއެވެ. ވެލެންސިއާއިން ވަނީ ތުހުމަތު ކުރެވޭ ތިން ސަޕޯޓަރުން އުމުރަށް އެ ސްޓޭޑިއަމަށް ވަނުން މަނާކޮށްފައެވެ.

ބްރެޒިލްގެ މި ކުޅުންތެރިޔާއަށް ފުރައްސާރަކުރި ކަމަށް ބުނެ ސްޕެނިޝް ލީގުން ކަމާބެހޭ ފަރާތްތަކަށް ރަސްމީކޮށް ގިނަ ޝަކުވާތަކެއް ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން ބައެއް މައްސަލަތައް ވަނީ މަޑުޖައްސާލާފައެވެ.

މެސްޓަލާ ސްޓޭޑިއަމްގައި ހިނގި މި ހާދިސާއަކީ ސްޕެނިޝް ލީގުގައި ވިނީޝިއަސް އަށް ކުރިމަތިވި ނަސްލީ ގޯނާގެ އެންމެ ފަހުގެ މައްސަލައެވެ. އެކަމާ ގުޅިގެން ސްޕެއިންގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ބަޔަކު ވަނީ ވަރަށް ބޮޑަށް ރައްދު ދީފައެވެ.