ޕްރިމިއާ ލީގުގެ ބޮޑެތި ކްލަބްތަކުން ފާރަލަމުން ދިޔަ ފްރާންސްގެ ފުޓްބޯޅަ ކުޅުންތެރިިޔާ މާކަސް ތުރަމް ހިލޭ ޓްރާންސްފާއެއްގައި އިންޓަ މިލާނާ ގުޅިއްޖެއެވެ.

އުމުރުން 25 އަހަރުގެ ތުރަމް ބޮރޫޝިއާ މޮންޗެންގްލަޑްބާހްއަށް ކުޅެމުންދިޔައިރުގައި އޭނާ ހޯދަން ޝައުގުވެރިކަން ފާޅުކުރި ކްލަބްތަކުގެ ތެރޭގައި އާސެނަލް، ޗެލްސީ އަދި މެންޗެސްޓާ ޔުނައިޓެޑް ހިމެނެއެވެ. ނަމަވެސް، އޭނާ ވަނީ އިންޓަ މިލާނާއެކު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިއެވެ. އެއާއެކު، 2028 ވަނަ އަހަރުގެ ނިޔަލަށް އޭނާ އެ ކްލަބްގައި މަޑުކުރުމަށް ހަމަޖެހިފައިވެއެވެ.

ފްރާންސްއަށް ނިސްބަތްވާ ތުރަމް ގަތަރުގައި ބޭއްވުނު ނިމިދިޔަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން އޭނާއަށް ވަރަށް ގިނަ ކްލަބްތަކުގެ ސަމާލުކަން ލިބުނެވެ.

އޭނާއަކީ ނިމިދިޔަ ސީޒަންގައި ބޮރޫޝިއާ މޮންޗެންގްލަޑްބާހްއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ. ތުރަމް އެ ކްލަބަށް ޖުމްލަ 16 ލަނޑު ޖަހައި ދިނަސް، އެ ކްލަބަށް ޖަރުމަން ލީގުގެ ތާވަލުން ލިބުނީ 16 ވަނައެވެ.

އޭނާއާއެކު ހަދާފައިވާ އެއްބަސްވުން ނިމުމަކާ ގާތް ވުމުން ބުންޑެސްލީގާ ކްލަބް ބޮރޫޝިއާ މޮންޗެންގްލަޑްބާހްއިން ވަނީ އޭނާގެ ކޮންޓްރެކްޓް އާ ކުރުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް، ތުރަމް އިޚްތިޔާރުކުރީ އެހެން ލީގަކަށް ކުޅުމަށެވެ.

މިއީ އިޓަލީ ލީގުން އޭނާ ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. މާކަސް ތުރަމްގެ ބައްޕަ ލިލިއަން ތުރަމް ވަނީ ގާތްގަނޑަކަށް 10 ވަރަކަށް އަހަރު ވަންދެން އިޓަލީ ލީގަށް ކުޅެދީފައިއެވެ. ލިލިއަން ތުރަމް ވަނީ 1996 އާއި 2006 ވަނަ އަހަރާއި ހަމައަށް ޕާމާއާއި ޔުވެންޓަސްގައި މަސައްކަތްކޮށްފައެވެ.

2015 ގައި މާކަސް ތުރަމް އޭނާގެ ފުޓްބޯޅަ ކެރިއަރު ފަށާފައިވަނީ އަމިއްލަ ގައުމުގެ ޑިވިޝަން ދޭއްގެ ކްލަބަކުންނެވެ.