ސައުދީ އަރަބިއްޔާގެ ފުޓްބޯޅަ ކްލަބް އަލް ހިލާލްގެ ކޯޗްކަން ޖޯޖް ޖީސަސްއާއި އަލުން ހާވާލުކޮށްފިއެވެ.

ޕޯޗުގީޒްއަށް ނިސްބަތްވާ އުމުރުން 68 އަހަރުގެ ޖީސަސް މި މަގާމަށް އަލުން އައްޔަންކުރީ 1 އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރުމާއިއެކުއެވެ.

މީގެ ކުރިން ބެންފިކާގެ ކޯޗްގެ މަގާމް ފުރި ޖީސަސް އަލް ހިލާލްއަށް ކޯޗްކަންކޮށްދިނީ 2018-19 ގައިއެވެ. އަލް ހިލާލްއާއި ގުޅުމުގެ ކުރިން އޭނާ ހުރީ ތުރުކީ ލީގް ކްލަބް ފެނަބާޗޭގައިއެވެ. އޭނާ އަލް ހިލާލްއާއި ހަވާލުވުމަށްފަހު ކުޅުނު ފުރަތަމަ މެޗްއިން ޖީސަސްގެ އިރުޝާދުގެ ދަށުން އަލްހިލާލްއަށް އެ ސީޒަންގެ ސައުދީ ސުޕަ ކަޕްގެ ތަށި ހާސިލުކުރެވުނެވެ.

2022-23 ވަނަ އަހަރުގެ ސީޒަނުގައި އޭނާ ވަނީ ތުރުކީ ކަޕް ކާމިޔާބުކޮށް، ފެނަބާޗޭ އަށް ނުވަ އަހަރު ފަހުން ލީގްގެ ޓައިޓަލް ހޯދައިދީފައެވެ.

އަލް ހިލާލްއަށް އެންމެ ފަހަކަށް ކޯޗްކަންކޮށްދީފައި ވަނީ ރަމޯން ޑިއޭޒްއެވެ. ޒާތީ ކަމަކަށް ކުއްލި ގޮތަކަށް އާޖެންޓީނާއަށް ދާން ޖެހުމުގެ ސަބަބުން މޭ މަހުގައި ޑިއޭޒް ވަނީ އެ ކްލަބް ދޫކޮށްފައިއެވެ. އޭނާގެ އިރުޝާދުގެ ދަށުން 2022-23 ސީޒަން އަލް ހިލާލްއަށް ނިންމުނީ ލީގުގެ ތިން ވަނަ ހޯދައިގެންނެވެ. އެ ސީޒަންގެ ލީގް އަލް އިއްތިހާދުން ކާމިޔާބުކުރިއިރު މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯގެ ކްލަބުން ވަނީ ރަނަރައަޕްކަން ހޯދާފައިއެވެ.

އަލް ހިލާލްއިން ދަނީ ޔޫރަޕްގެ ކްލަބްތަކަށް ކުޅޭ ހުނަރުވެރި ކުޅުންތެރިން އެ ކްލަބަށް ހޯދުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން، އެންމެ ފަހަކަށް އެ ކްލަބާއި ގުޅުނު ކުޅުންތެރިންނަކީ ޗެލްސީގެ ކަލިދޫ ކުލިބަލީ އަދި ވޮލްވްސްގެ ރޫބެން ނާވޭސްއެވެ.

ކިޔުންތެރިންގެ ހިޔާލު