ތުރުކީ ލީގަށް ކުޅޭ ފެނަބާޗޭގެ ޒުވާން ފުޓްބޯޅަ ކުޅުންތެރިޔާ އަރްދާ ގުލާ ހޯދުމަށް ކުރަމުން އައި މަސައްކަތް ސްޕެއިންގެ ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ގުލާ ރެއާލްއަށް ބަދަލުވުމާ ގުޅޭ ގޮތުން ފެނަބާޗޭ އާއި ރެއާލްއާ ދެމެދު ރަސްމީ ލިޔެކިޔުންތައްވެސް މިހާރު ދަނީ ތައްޔާރު ކުރަމުންނެވެ. އަދި ވަރަށް އަވަހަށް އޭނާ ރެއާލްގެ މެޑިކަލް ވެސް ފުރިހަމަ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ގުލާ ގަތުމަށް ރެއާލްއިން 20 މިލިއަން ޔޫރޯ ހަރަދު ކުރުމަށް ހަމަޖެހިފައިވެއެވެ.

ޔޫރޯ 2024 ކޮލިފައިން މެޗްތަކުގައި ތުރުކީގެ ގައުމީ ޓީމަށް ދެ މެޗުން މޮޅު ހޯދައި ދިނުމުގައި އެހީތެރިވި ގުލާ ވަނީ އެންމެ ފަހު ސީޒަނުގައި ފެނަބާޗޭގައިވެސް ފާހަގަކޮށްލެވޭ ހުނަރުވެރި ކުޅުމެއް ދައްކައިފައެވެ. އޭގެ ސަބަބުން ކުޅިވަރުގެ ބައެއް ރިޕޯޓްތަކުގައި "ތުރުކީ މެސީ" ގެ ނަން އޭނާއަށް ނިސްބަތްކޮށްފައިވެއެވެ.

ފުޓްބޯޅަ ދިރާސާ ކުރާ ބައެއް މީހުން ބުނާ ގޮތުން ނަމަ، ފުރާވަރުގައި މެސީ ކުޅެ އުޅުނު ވައްޓަފާޅި އާއި ގުލާގެ ކުޅުމުގެ ވައްޓަފާޅިއާ ކޮންމެވެސް ވަރަކަށް އެއްގޮތެވެ. ސަބަބަކީ މެސީއެކޭ އެއްގޮތަށް ގުލާއަށް ވެސް ހަލުވިކޮށް ބޯޅަ ޑްރިބްލް ކުރުމުގެ ހުނަރު ލިބިފައިވުމެވެ. އަނެއް ގޮތަކީ، ބޯޅަ ކޮންޓްރޯލްކުރުމުގައި ގުލާއަށް ބޮޑަށް ބަރޯސާވެވެނީ އޭނާގެ ވާތު ފަޔަށެވެ. މިއީ އޭނާގެ ކެރިއަރުގެ ކުރީކޮޅު މެސީއަށްވެސް ކުޅެވުނު ގޮތް ކަމަށް ބުނެވެއެވެ. ނަމަވެސް މެސީ ވަނީ އެއް ފަޔަށް ބަރޯސާވުމުގެ އާދަ ދޫކޮށްލައިފައެވެ.

ގުލާގެ ވާތު ފައިގެ ހަރަކާތްތެރިކަން ފުރިހަމަވުމުގެ އިތުރަށް އޭނާއަކީ ކޯނަރުން ލަނޑު ޖެހުމަށް ވަކިން ފާހަގަކޮށްލެވޭ ކުޅުންތެރިޔެކެވެ. އަދި ސްޓްރައިކަރުންގެ ކޮންޓްރޯލުން ބޯޅަ ހޯދައިގެން ދިގު ބޯޅައެއް ފޮނުވާލުމުގައިވެސް ގުލާ ކުޅަދާނައެވެ. ގުލާއަކީ މިޑްފިލްޑަރެކެވެ. އެކަމަކު، ބައެއް ހާލަތްތަކުގައި ވިންގާއެއްގެ ރޯލް ކުޅުމުގެ ހުނަރުވެސް ގުލާގެ އެބަހުއްޓެވެ.