ސްޕެއިންގެ ކުރީގެ ކޯޗް ލުއިސް އެންރީކޭ ފްރާންސް ލީގް ކްލަބް ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)އަށް ބަދަލުވެއްޖެއެވެ.

އެންރީކޭއާއެކު ޕީއެސްޖީން އެއްބަސްވުން ހެދީ 2025 ވަނަ އަހަރުގެ ނިޔަލަށެވެ. މިއީ 2017 ވަނަ އަހަރުގެ މެއި މަހު ބާސެލޯނާ ދޫކޮށްލި ފަހުން އެންރީކޭ ކްލަބް މެނޭޖްމަންޓާ ހަވާލުވި ފުރަތަމަ ވަޒީފާއެވެ.

އެންރީކޭގެ ކުރިން މި މަގާމު ފުރީ ކްރިސްޓޯގް ގަލްޓިއޭއެވެ. އޭނާ އެ މަގާމަށް އައްޔަން ކުރިތާ އެއް އަހަރު ދުވަސް ފަހުން ވަނީ މަގާމުން ދުރުކޮށްފައެވެ. ޕީއެސްޖީން ގަލްޓިއޭއާއެކު އެއްބަސްވުން ހަދާފައިވަނީ ޖުލައި 2022 ގައިއެވެ. އޭނާގެ ކޯޗްކަމުގެ ދަށުން ގަލްޓިއޭ ވަނީ ޕީއެސްޖީއަށް ފްރާންސް ލީގްގެ ތަށި ހޯދައި ދީފައެވެ. ގަލްޓިއޭ ފުރި މަގާމަށް މީހަކު އައްޔަންކުރުމަށް ޕީއެސްޖީން ވަނީ އެކި އެކި ކޯޗުންނަށް ބަލައިފައެވެ. ޕީއެސްޖީން ވަނީ ޖޫލިއަން ނާގަލްސްމަންއާއި ވެސް މަޝްވަރާކޮށްފައެވެ.

ވޯލްޑް ކަޕްގައި ސްޕެއިންއަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން ސްޕެއިންއިން އޭނާ މަގާމުން ވަކިކުރިޔަސް، އެންރީކޭ ކޯޗްކަން ކޮށްދިން ކުރީގެ ކްލަބްތަކުގައި އޭނާ ކުރި މަސައްކަތަށް ބަލާފައި ޓޮޓެންހަމްއާއި ޗެލްސީން ވަނީ އެންރީކޭ ހޯދަން ޝައުގުވެރިކަން ފާޅުކޮށްފައެވެ.

އެންރީކޭ ބާސެލޯނާގައި ހޭދަކުރި ދުވަސްކޮޅުގައި އޭނާ ވަނީ ލަ ލީގާގެ ތަށި، ކޮޕާ ޑެލް ރޭ އާއި ޗެމްޕިއަންސް ލީގްގެ ތަށި ހޯދާދިނުމުގައި ބާސެލޯނާއަށް އެހީތެރިވެފައެވެ. އަދި 2014-15 ގެ ސީޒަނުގައި އޭނާ ވަނީ ބާސެލޯނާއަށް ޓްރެބްލްއެއް ވެސް ކާމިޔާބުކޮށްދީފައިއެވެ. އޭނާ ބާސެލޯނާއާއި ހަވާލުވި ފުރަތަމަ ސީޒަންގައި އޭނާ ވަނީ ބާސެލޯނާއަށް ޗެމްޕިއަންސް ލީގްގެ ތަށި މިލްކުކޮށްދީފައިއެވެ. އެއަށްފަހު، އެންރީކޭ ވަނީ ކާމިޔާބުކަމާއިއެކު، ޖުމްލަ ހަތް ތަށި ބާސެލޯނާގެ މިލްކިއްޔާތަށް ގެނެސްދީފައިއެވެ.