ޕީއެސްޖީގެ ފުޓްބޯޅަ ތަރި ކިލިއަން އެމްބާޕޭ އެ ކުލަބާ އެކު މަޑު ކުރުމާ ދޭތެރޭގައި ގޮތް ނިންމަން ބާކީ އޮތީ ދެ ހަފްތާ ކަމަށް ޕީއެސްޖީގެ ޗެއާމަން ނާސިރް އަލް ޚެލާފީ ވިދާޅުވެއްޖެއެވެ.

ޕީއެސްޖީގެ ރައީސް ނާސިރް މިގޮތަށް ވިދާޅުވީ އެ ޓީމުގެ ކޯޗަކަށް ލުއިސް އެންރީކޭ ހަމަޖެއްސި ކަން އިއުލާން ކުރަން ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެންނެވެ.

"ފުޓްބޯޅައިގެ މިންގަނޑުން ބަލާއިރު، ދުވަހަކުވެސް ކްލަބްގެ އެންމެ މޮޅު ކުޅުންތެރިޔާ ހިލޭ ވަކިވާ ތަނެއް ނުފެނޭ. އެއީ ވާކަމެއް ނޫން. އަހަރެމެން ބޭނުމެއް ނޫން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ހިލޭ ދޫކޮށްލާކަށް، އެއީ ނުކުރެވޭނެ ކަމެއް." ނާސިރް ވިދާޅުވިއެވެ.

ނާސިރް ވިދާޅުވީ ކްލަބަށް ވުރެ ބޮޑަށް އެއްވެސް މީހަކަށް އިސްކަން ނުދެވޭނެ ކަމަށެވެ. އެހެންކަމުން، އެމްބާޕޭގެ ކުރިމަގާ މެދުގައި ގޮތް ނިންމަން ހަފްތާއެއް ނުވަތަ ދެ ހަފްތާގެ މުހުލަތެއް ދީފައިވާ ކަމަށް ނާސިރް ވިދާޅުވިއެވެ.

އަންނަ އަހަރުގެ ޖޫންގައި ފްރީ އެޖެންޓްއެއް ގޮތުގައި ކްލަބް ދޫކުރާނެ ކަމުގެ ވާހަކަތައް އުމުރުން 24 އަހަރުގެ ފްރާންސް ގައުމީ ފުޓްބޯޅަ ޓީމްގެ ކެޕްޓަންކަން ކުރަމުންދާ އެމްބާޕޭ ދައްކާފައިވެއެވެ. ރިޕޯތްތައް ބުނާގޮތުންނަމަ، އެމްބާޕޭ ބޭނުންވަނީ ރެއާލް މެޑްރިޑަށް ބަދަލުވާށެވެ. އަދި ރެއާލް އިންވެސް އެމްބާޕޭ ހޯދަން ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ. ނަމަވެސް، ޕީއެސްޖީގައި މަޑުކުރަން ބޭނުންވާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.