ބްރެޒިލްގެ ރިއޯ ޑެ ޖެނީރިއޯ ސަރުކާރުން ނަސްލީ ތަފާތުކުރުންތަކާ ދެކޮޅު ގާނޫނަށް ފުޓްބޯޅަ ކުޅުންތެރިޔާ ވިނިޝިއަސް ޖޫނިއާގެ ނަން ދީފިއެވެ.

ބުދަ ދުވަހުގައި ނަން ދެވިފައިވާ މި ޤާނޫނުގެ ދަށުން އެއްވެސް ކުޅިވަރުގެ ހަރަކާތެއް ތެރެއިން ނަސްލީ ތަފާތުކުރުމުގެ އަމަލެއް ފެންނަ ހިސާބުން ސަސްޕެންޝަން ނުވަތަ އެ ކުޅިވަރުގެ ހަރަކާތް ހުއްޓުމަކަށް ގެނައުމުގެ އަދަބު ތަންފީޒުކުރެވިދާނެއެވެ.

ރިއޯ ސަރުކާރުން މި ގާނޫނު ތަސްދީގުކުރެއްވީ ނިމިދިޔަ ޖޫން މަހުގައިއެވެ.

ލަލީގާގައި ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ވެލެންސިއާގެ ސަޕޯޓަރުންގެ ފަރާތުން ވިނިޝިއަސް ޖޫނިއަރއަށް ވަނީ ނަސްލީ ފުރައްސާރަކުރުމާއި ކުރިމަތިލާން ޖެހިފައިއެވެ.

އެ މެޗު ތެރެއިން ވެލެންސިއާގެ ސަޕޯޓަރުން ވަނީ "ރާމާމަކުނުގެ އަޑު" ލައްވައި ވަރަށް ފާޅުގައި ވިނީޝިއަސްއާ ނަސްލީ ގޮތުން ދިމާކޮށްފައެވެ. އެކަމާ ހިތްހަމަނުޖެހި މެޗުގެ ތެރެއިން، އަތުގެ އިޝާރަތުން ވިނީޝީއަސް ވަނީ އޭނާއާ ދިމާކުރި މީހުންނަށް އިޝާރާތް ކޮށްފައެވެ. އެކަމަކު ރެފްރީ އެކަމަށް އެއްވެސް ފިޔަވަޅެއް ނޭޅިއެވެ. އޭގެ ފަހުން މެޗުގެ ފަހުކޮޅު ވެލެންސިއާގެ ކުޅުންތެރިންނާއި ދެމެދު ހިނގި ހަމަނުޖެހުމެއްގައި ވިނީޝިއަސް އަށް ރެފްރީ ރަތް ކާޑު ދެއްކިއެވެ.

މުބާރާތުގެ ކޮމިޓީން ބުނީ، މެޗުގައި ހިނގާދިޔަ މައްސަލައާ ގުޅިގެން 10 މިނެޓަށް މެޗު މެދުކަނޑާލަން ޖެހުމުން ރެފްރީގެ ނިންމުންތަކަށް އަސަރު ކުރި ކަމަށެވެ. އަދި ރަތް ކާޑު ދެއްކީ ހިނގާދިޔަ ހުރިހާ ކަމެއް ރެފްރީއަށް ރަނގަޅަށް ނޭނގޭތީ ކަމަށް ބުންޏެވެ.

ނަމަވެސް، އެންމެ ފަހުން ސްޕެނިޝް ފުޓުބޯޅަ ފެޑަރޭޝަނުން ވެލެންސިއާ މެޗުގައި ވިނީޝިއަސް އަށް ދެއްކި ރަތް ކާޑު މާފުކޮށް، ވެލެންސިއާއާއި ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅިއެވެ.