އަންހެނުންގެ ވޯލްޑް ކަޕްގައި އޮސްޓްރޭލިއާ އިން ކެނެޑާ ބަލިކޮށްފިއެވެ.

އޮސްޓްރޭލިއާ ޓީމްގެ ކެޕްޓަން ކެރް ވަނީ މި މެޗުގައި ތަފާތު ކުޅުމެއް ދައްކައިފައެވެ. އޮސްޓްރޭލިއާ އިން ވަނީ ކެނަޑާ ކޮޅަށް ހަތަރު ލަނޑު ޖަހައިފައެވެ. ކެނަޑާއަށް މި މެޗުގައި ގޯލެއް ޖެހިފައެއް ނުވެއެވެ. ކެޕްޓަން ކެރްގެ ފައިގެ މަސްގަނޑަށް ލިބުނު ގެއްލުމެއްގެ ސަބަބުން ކުރިން މެޗުތަކަށް ނާރަ ހުރެފައި ކެރް ނިކުތީ ކެނަޑާ މެޗުން މޮޅުވުމުގެ އުންމީދުގައެވެ. އެކަން ވަނީ ކެޕްޓަން ސާބިތުކޮށްދީފައެވެ.

އޮސްޓްރޭލިއާ އާއި ކެނަޑާ ކުޅުނު މި މެޗަކީ އޮސްޓްރޭލިއާގެ މި ޓީމަށް އެންމެ ގިނައިން ގޯލް ޖަހަން ފުރުސަތު ލިބުނު އެއް މެޗު ކަމުގައި އެ ޓީމުގެ ކޯޗު ޓޮނީ ގަސްޓަވްސަން ބުނެފައި ވެއެވެ. މި މެޗުގެ އެންމެ ފުރަތަމަ ދެ ގޯލް ޖަހާފައިވަނީ ޓީމުގެ ވިންގަކަށް ހުންނަ ރާސޯއެވެ. ދެވަނަ ގޯލް ޖަހާފައިވަނީ އޮސްޓްރޭލިއަން ޓީމުގެ މެދަށް އަދި ކުރިޔަށް ވެސް ކުޅޭ ކުޅުންތެރިޔާ ފައުލާއެވެ. މި ގޯލް އެސިސްޓް ކޮށްފައިވަނީ ޓީމުގެ ކުރިޔަށް ކުޅޭ ކުޅުންތެރިޔާ ފޯރޑެވެ. އެންމެ ފަހު ގޯލް ޖަހާފައިވަނި މެޗުގެ 94 ވަނަ މިނެޓުގައި ފަހަތަށް ކުޅޭ ކުޅުންތެރިޔާ ކެޓްލޭއެެވެ. މި ގޯލު ޖަހާފައިވަނީ ޕެނަލްޓީއަކުންނެވެ.

އޮސްޓްރޭލިއާގެ މި ޓީމްއަކީ އަބަދުވެސް ސަޕޯޓަރުންގެ ތަރުހީބު ލިބެމުން އަންނަ ޓީމެކެވެ. މިގޮތުން މި މެޗުގައި ކެނަޑާގެ އޭރިޔާ ތެރެއަށް ނުރައްކާވާ ކޮންމެ ބޯޅައެއްގައި ސަޕޯޓަރުންގެ އަޑުން މުޅި ދަނޑު ގުގުމާލައެވެ. ފުޓްބޯޅައިގެ ރޫހާ ޖޯޝާ ފޯރީގަ އޮންނަ އޮސްޓްރޭލިއާގެ ޓީމް އެއްފަދައިން ސަޕޯޓަރުންގެ ސަޕޯޓުވެސް ހަމަ އެހާ ފުރިހަމައެވެ.

އަންހެނުންގެ ވޯލްޑް ކަޕް މުބާރާތުގައި އޮސްޓްރޭލިއާ ހިމެނޭ ގްރޫޕުގައި ހިމެނޭ ޓީމްތަކަކީ އޮސްޓްރޭލިއާގެ އިތުރުން ކެނަޑާ، ނައިޖީރިޔާ އަދި ރިޕަބްލިކް އޮފް އަޔަލެންޑެވެ. މިއީ މުބާރާތުގެ ގްރޫޕް ބީއެވެ. މި ގްރޫޕުގައި ޓޭބަލް ޓޮޕްގައި މިހާރު އޮތީ ދެ މެޗުން މޮޅުވެ އެއް ބަލިވި އޮސްޓްރޭލިއާއެވެ.