އިނގިރޭސި ކުލަބް ލިވަޕޫލަށް ކުޅެމުން ގެންދިޔަ ބުރެޒިލްގެ ޑިފެންޑަރު ފަބީނިއޯ ސައުދީގެ އަލް އިއްތިހާދަށް ބަދަލުވެއްޖެއެވެ.

ލިވަޕޫލާއެކު ހަދާފައިވާ އެއްބަސްވުން ހަމަވުމަށް ބާކީ ތިން އަހަރު އޮތް ނަމަވެސް ލިވަޕޫލުން އޭނާ ވިއްކާލުމަށް ވަނީ މިދިޔަ ހަފުތާގައި އިއުލާނުކޮށްފައެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ސައުދީގެ އެހެން ކުލަބަކުންވެސް ފަބީނިއޯ ގަތުމަށް މަސައްކަތް ކުރިއެވެ.

ސާޅީސް މިލިއަން ޕައުންޑަށް އަލް އިއްތިހާދަށް ފަބީނިއޯ ބަދަލުވެފައި ވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެން ކަމުން 2026 ވަނަ އަހަރާ ހަމައަށް ފަބީނިއޯ ފެނިގެން ދާނީ ސައުދީގެ އަލް އިއްތިހާދުންނެވެ. މިއީ ލިވަޕޫލް ދޫކޮށް ސައުދީ ޕްރޯ ލީގަށް ބަދަލުވި ދެ ވަނަ ކުޅުންތެރިޔާއެވެ. ފަބީނިއޯގެ ކުރިން އެ ޓީމުގެ ކެޕްޓަން ޖޯޑަން ހެންޑަސަން ވެސް ވަނީ ސައުދީ ލީގުގެ އަލް އިއްތިފާގަށް ސޮއިކޮށްފައެވެ.

2018 ވަނަ އަހަރު މޮނާކޯއިން ލިވަޕޫލަށް ބަދަލުވި ފަބީނިއޯ ވަނީ އެ ކުލަބާއެކު ޖުމުލަ 151 މެޗު ކުޅެދީފައެވެ. އަދި ޑިފެންޑަރަކަށް ކުޅެމުން ދިޔަ ނަމަވެސް އޭނާ ވަނީ ލިވަޕޫލަށް ޖުމުލަ އަށް ލަނޑުވެސް ކާމިޔާބުކޮށްދީފައެވެ. މީގެ އިތުރުން 2015 ވަނަ އަހަރުން ފެށިގެން ބުރެޒިލްގެ ގައުމީ ޓީމަށް އޭނާ ވަނީ ޖުމުލަ 29 މެޗު ކުޅެދީފައެވެ.

ސައުދީގެ ފުޓުބޯޅަ ކުރި އެރުވުމަށް ޔޫރަޕުން ގިނަ ކުޅުންތެރިންތަކެށް ގަންނަމުން ދާއިރު، ލިވަޕޫލުން ޖަރުމަނުގެ ބަޔާން މިޔުނިކަށް ބަދަލުވި ސާޑިޔޯ މާނޭވެސް ވަނީ ސައުދީ ލީގަށް ބަދަލުވެފައެވެ. ކުރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ އަލް ނަސްރަށް މާނޭ ބަދަލުވި އިރު، ލިވަޕޫލުގެ ކުރީގެ ކެޕްޓަން ސްޓީވަން ޖެރާޑު ވަނީ ސައުދީގެ އަލް އިއްތިފާގުގެ ކޯޗު ކަމާއި ހަވާލުވެފައެވެ.