މެންޗެސްޓާ ސިޓީއިން ބެލްޖިއަމްގެ ތަރި ޖެރެމީ ޑޯކޫއަށް ފާރަލާން ފަށައިފި ކަމަށް ބޭރުގެ ރިޕޯޓްތައް ބުނެފިއެވެ.

ދެފައިން ވެސް ބޯޅައިގައި ބާރަށް ޖަހާ އަދި ކޮއްޓުމާއި ނެއްޓުމުގެ ހުނަރުވެސް ލިބިފައިވާ މި ކުޅުންތެރިޔާ ހޯދުމަށް ޔޫރަޕްގެ ބޮޑެތި ކްލަބްތަކުން މަސަތްކަތް ކުރަމުން އަންނައިރު ބޭރުގެ ހަބަރުތަކުން ރިޕޯޓް ކުރާ ގޮތުން ޑޯކޫ ހޯދުމާއި އެންމެ ގާތުގައި މިވަގުތު އޮތީ އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީއެވެ.

ރިޕޯޓުތައް ބުނާގޮތުން، މެންޗެސްޓަރ ސިޓީން ވަނީ 55.4 މިލިއަން ޕައުންޑަށް އޭނާ ގަތުމަށް އެއްބަސްވެފައެވެ. އުމުރުން 21 އަހަރުގެ ކުޅުންތެރިޔާ ވަނީ ފްރެންޗް ލީގުގެ ޓީމަށް 92 މެޗު ކުޅެދީ، 12 ލަނޑު ޖަހާފައެވެ. އޭނާ ވެގެންދާނީ މި ހޫނުމޫސުމުގައި ސިޓީއަށް ސޮއިކުރާ ތިންވަނަ ކުޅުންތެރިޔާއަށެވެ. ޗެލްސީއަށް ކުޅުނު މަޓެއޯ ކޮވަސިޗް 25 މިލިއަން ޕައުންޑަށް ބަދަލުވެފައިވާއިރު، ލެއިޕްޒިގަށް ކުޅުނު ގްވާޑިއޯލް ވަނީ 77 މިލިއަން ޕައުންޑަށް ސިޓީއަށް ބަދަލުވެފައެވެ.

ސިޓީއިން ޑޯކޫ ހޯދުމަށް މަސައްކަތް ފެށީ ފޯވާޑް ރިޔާދް މާރޭޒް ނެތްތަން ފޫބައްދަން ކަމަށް ބޭރުގެ ރިޕޯޓްތަކުން ބުނެއެވެ. ހަމައެހެންމެ އެޓީމުގެ ކެޕްޓަން އިލްކާއީ ގުންޑޮގަން ވެސް ވަނީ ދާދިފަހުން ބާސެލޯނާއަށް ސޮއިކޮށްފައެވެ.

ސިޓީގެ އިތުރުން، ވެސްޓް ހޭމް، ޓޮޓެންހަމް އަދި ޗެލްސީންވެސް ވަނީ ޑޯކޫ ހޯދުމުގެ މަސައްކަތް ކޮށްފައެވެ. ނަމަވެސް، ޑޯކޫ މިއިން އެއްވެސް ކުލަބަކަށް އައުމަށް އެއްބަސްވެފައި ނުވަނީ، ސިޓީއަށް ބަދަލުވުމަށް ޝައުގުވެރިކަން ހުރުމުން ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

ސިޓީން ވަނީ ޓީމުގެ ޑިފެންޑަރު، އައިމެރިކް ލަޕޯޓްވެސް ސައުދީގް އަލް-ނަސްރަށް ވިއްކާލަން އެއްބަސްވެފައެވެ. މީގެއިތުރުން، ކަންސެލޯވެސް ވަނީ ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ޖެހިލާފައެވެ.

މެންޗެސްޓަރ ސިޓީން ވަނީ އައު ސީޒަނުގެ ފުރަތަމަ ދެ މެޗުވެސް ކާމިޔާބުކޮށްފައެވެ. ލީގު ފެށުމުގެ ކުރިން ސިޓީން ވަނީ ސެވިއްޔާ ބަލިކޮށް ސުޕަ ކަޕްވެސް ކާމިޔާބުކޮށްފައެވެ.