އިނގިރޭސި ޕުރިމިޔަރ ލީގުގައި މިރޭ މެންޗެސްޓަރ ޔުނައިޓެޑާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗު، ފަހަތުން އަރާ މެންޗެސްޓަރ ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ.

ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުގައި ނޮޓިންހަމްއިން ވަނީ މެޗުގެ ދެވަނަ މިނެޓުގައި ލަނޑު ޖަހާ ލީޑު ނަގާފައެވެ.

މި ސީޒަނުގައި ޖެހި އެންމެ އަވަސް ގޯލާއި އެކު ނޮޓިންހަމްއިން ލީޑު ނަގާ ރެކޯޑު ހެދި އިރު، އެޓީމުގެ ދެވަނަ ލަނޑު މެޗުގެ ހަތަރު ވަނަ މިނެޓުގައި ވަނީ ކާމިޔާބުކޮށްފައެވެ. ފުރަތަމަ ލަނޑު އަވޮނިޔި ކާމިޔާބުކޮށްދިން އިރު، ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބޮލީއެވެ.

ގިނަ ބަޔަކަށް ހައިރާން ކަން ލިބުނު މި ދެގޯލާއި އެކުވެސް ޔުނައިޓެޑުން ހިތްވަރު އެލުވާ ނުލާ ވަނީ ގޯލު ޖެހުމަށް ގިނަ މަސައްކަތް ތަކެއް ކޮށްފައެވެ. ގިނަ ހަމަލާތަކެއް އުފައްދަމުންގޮސް މެޗުގެ 17 ވަނަ މިނެޓުގައި ޔުނައިޓެޑުގެ ފުރަތަމަ ގޯލު ކާމިޔާބު ކޮށްދިނީ އެރިކްސަންއެވެ. މި ނަތީޖާގައި އޮވެ ފުރަތަމަ ހާފު ނިމުނު އިރު، ދެވަނަ ހާފުގައި ޔުނައިޓެޑުން ވަނީ ކުޅުން އިތުރަށް ރަނގަޅުކޮށްފައެވެ.

މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން ލަނޑު މެޗުގެ 52 ވަނަ މިނެޓުގައި ބުރެޒިލްގެ ހުނަރުވެރި މިޑްފިލްޑަރ ކަސަމީރޯ ކާމިޔާބުކޮށްދިނުމާއި އެކު ޔުނައިޓެޑަށް ވަނީ އިތުރު އުންމީދެއް ލިބިގެން ގޮސްފައެވެ. މިއާއި އެކުވެސް ނޮޓިންހަމްއިން ގޯލު ޖެހުމަށް މަސައްކަތް ކުރި ނަމަވެސް ކާމިޔާބު ނުކުރެވުނެވެ. މެޗުގެ 67 ވަނަ މިނެޓުގައި ނޮޓިންހަމްގެ ޖޮއެ ވޮރެލް ކުރި ފައުލަކާއި ގުޅިގެން ވަނީ ރަތްކާޑު ދައްކާފައެވެ.

ޖޮއެ ވޮރެލް ކުރި ފައުލްއާ ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ބަލި ވަމުންދިޔަ ޓީމު ސަލާމަތް ކޮށްދިނީ މި ސީޒަނުގައި ރަސްމީކޮށް ޓީމުގެ ކެޕްޓަން ކަމާއި ހަވާލުވި ޕޯޗުގަލްގެ ހުނަރުވެރި މިޑްފިލްޑަރ ބުރޫނޯ ފެނާންޑޭސްއެވެ. މި މޮޅާއި އެކު ކުޅުނު ތިން މެޗުން އަދި ލިބިފައި ވަނީ 6 ޕޮއިންޓެވެ. މިރޭ އާސެނަލްވެސް ވަނީ ފުލްހަމް ކައިރިން 2-2 ނަތީޖާ އަކުން މެޗު އެއްވަރުވެފައެވެ.