ސައުދީ ޕްރޯ ލީގުގައި ރޭ ކުޅުނު މެޗުގައި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެރިއަރުގެ 850 ވަނަ ގޯލާއެކު އަލް-ހާޒްމް އަތުން 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން އަލް-ނަސްރު މޮޅުވެއްޖެއެވެ.

މިއީ ލީގުގައި ޖެހިޖެހިގެން އަލް-ނަސްރު މޮޅުވި ތިންވަނަ މެޗެވެ. އެ ޓީމުން ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުގައި 14 ލަނޑުޖަހައިފައެވެ.

މި ނަތީޖާއާއެކު އަލް-ނަސްރު އޮތީ ތާވަލްގެ އެންމެ ކުރީގަ އުޅޭ އަލް-ހިލާލް އަށް ވުރެ ހަތަރު ޕޮއިންޓް މަދުން ލިބިގެން ހަވަނައިގައެވެ. މިހާތަނަށްއައިއިރު ހުރިހާ ޓީމަކުން ފަސް މެޗު ކުޅުނުއިރު، އަލް-ހިލާލް އެއްވަނައިގައި އޮތީ 13 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް އަލް-ތާވޫން އަށް މިއަދަދަށް ޕޮއިންޓް ލިބިފައިވާއިރު، އަލް-ހިލާލް އަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ތިނެއްގައި އޮތް އަލް-އިއްތިހާދު އާއި ހަތަރުވަނައިގައި އޮތް އަލް-އަހްލީ އަށް ލިބިފައިވަނީ 12 ޕޮއިންޓެވެ.

ރޭގެ މެޗުގައި އަލް-ނަސްރުން ޖެހި ފަސް ލަނޑުގެ ތެރެއިން ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ދެ ގޯލް ޖަހައިފައެވެ. މި މެޗުގައި އެ ޓީމުން ޖެހި ލަނޑުތައް ކާމިޔާބުކުރީ އަބްދުއްރަހުމާން ގަރީބް، އަބްދުﷲ އަލް-ޚައިބަރީ، އޮޓާވިއޯ އާއި ރޮނާލްޑޯ އަދި ސަޑިއޯ މާނޭ އެވެ.

މި މެޗުގައި ކާމިޔާބުކުރި ގޯލާއެކު ރޮނާލްޑޯ ވަނީ ލީގުގެ ލަނޑުލިސްޓުގެ އެންމެ ކުރިއަށް ޖެހިލާފައެވެ. ރޮނާލްޑޯ ހަ ލަނޑުޖަހާފައިވާއިރު، ދެވަނައިގައި އުޅޭ މާނޭ ވަނީ ފަސް ގޯލް ކާމިޔާބުކޮށްފައެވެ.

މީގެއިތުރުން، ރޭގެ މެޗުގައި ޖެހި ގޯލާއެކު ކެރިއަރުގައި 850 ލަނޑުޖެހި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ރޮނާލްޑޯ ހޯދާފައިވާއިރު، މިދިޔަ ޑިސެންބަރު މަހުގައި މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލުމަށްފަހު އަލް-ނަސްރު އަށް ބަދަލުވެ މިހާތަނަށް ވަނީ އެ ޓީމަށް 30 މެޗުގައި 26 ލަނޑުޖަހައިފައެވެ.

ކިޔުންތެރިންގެ ހިޔާލު