ފްރާންސް ލީގުގެ ލިޔޯން އިން، އެކުލަބުގެ ކޯޗަކަށް ހުރި ލޯރެންޓް ބްލޮންކް މަގާމުން ވަކިކޮށްފިއެވެ.

އުމުރުން 57 އަހަރުގެ ބްލޮންކް، ލިޔޯންގެ ކޯޗަކަށް ހަމަޖައްސާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އެއީ އޭރު އެ މަގާމުގައި ހުރި ނެދަލެންޑްސްގެ ޕީޓާ ބޯސް މަގާމުން ވަކި ކުރުމަށްފަހުއެވެ.

މިދިޔަ ސީޒަނުގައި ބްލޮންކްގެ އިރުޝާދުގެ ދަށުން ކުޅެ، ލިޔޯން ލީގު ނިންމާލީ ހަތް ވަނައިގައި އޮވެއެވެ. މި ފަހަރުގެ ސީޒަނުގައި ލިޔޯނުން ކުޅުނު ހަތަރު މެޗުން އެއް ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފަހުން ކުޅުނު މެޗުން ޕީއެސްޖީ އަތުން ވަނީ 4-1 އިން ބަލިވެފައެވެ. އެ ނަތީޖާއާ އެކު ފްރެންޗް ލީގު ތާވަލުގެ އެންމެ ފުލަށް ލިޔޯން ވަނީ ވެއްޓިފައެވެ.

ބްލޮންކް މަގާމުން ވަކިކުރުމަށް ނިންމީ ލިޔޯންގެ އިސްވެރިންގެ މެދުގައި ކުރިއަށް ދިޔަ މަޝްވަރާތަކަށްފަހު އެވެ. މަގާމުން ބްލޮންކް ވަކިކުރަން ނިންމީ، އޭނާ އާއެކު ކުރިއަށްގެންދިޔަ މަޝްވަރާތަކަށްފަހު، ދެ ފަރާތް އެއްބަސްވާ ގޮތުގެ މަތީންނެވެ.

ލިޔޯން އިން މިހާރު އަންނަނީ އައު ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ވަގުތީ ކޯޗުން އެޓީމުގެ ކޯޗުކަމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައި ވަނީ ޖީން ވުލިއޭޒާއެވެ. އޭނާ އަކީ އެ ކުލަބުގެ ޓެކްނިކަލް ޑައިރެކްޓަރެވެ.

ލިޔޯނުުން ވަނީ ޗެލްސީގެ ކުރީގެ ކޯޗު ގްރަހަމް ޕޮޓާއާ މަަޝްވަރާކޮށްފައެވެ. އެކަަމަކު، އަދި ޓީމަކާ ހަވާލުވާން ޕޮޓާ ބޭނުމެއް ނުވެއެވެ. ލިޔޯނުން ދެން މަަސައްކަތް ކުރަމުން އަންނަނީ މިދިޔަ ޖެނުއަރީ މަހު ވެލެންސިއާ ކޯޗުކަން ދޫކޮށްލި އިޓަލީގެ ޖެނާރޯ ގަޓޫސޯއާ އެ ޓީމު ހަވާލުކުރުމަށެވެ.