ބައިނަލްއަގްވާމީ ރަޙުމަތްތެރި ކަމުގެ މެޗެއްގައި ޖަރުމަނުން ފްރާންސް ބަލިކޮށްފިއެވެ.

ޖަރުމަނުން ފްރާންސްގެ މައްޗަށް ކުރި ހޯދީ 2-1 އިންނެވެ.

މި މެޗު ފަށައިގެން ޖަރުމަނުން އައީ ބޯޅަ ހިފެހެއްޓުމުގެ ބަދަލުގައި އެޓޭކް ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. މި މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ ވެސް ޖަރުމަަނު ޓީމުންނެވެ. މިއީ ބެންޖަމިން ހެންރިޗްސް ތަނަވަސްކޮށްދިން ފުރުސަތަކުން ތޯމަސް މުލާ ކާމިޔާބުކޮށްދިން ގޯލެކެވެ.

އެއާއެކު މި މެޗުގެ ބޮޑުބައި ޖަރުމަން އެއް ލަނޑުގެ ލީޑެއްގައި އޮތްއިރު، އެ ޓީމުން ލީޑު ފުޅާކޮށްފައިވަނީ މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށެވެ. މެޗުގެ 87 ވަނަ މިނެޓުގައި ކައި ހަވާޓްޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖަރުމަނުގެ ދެ ވަނަ ލަނޑު ޖެހީ ލެރޯއީ ސާނޭއެވެ. މެޗުގައި ފްރާންސްގެ ހަމެއެކަނި ލަނޑަކީ އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، އެންޓޮއިން ގްރީޒްމަން ކާމިޔާބު ކޮށްދިން ލަނޑެކެވެ.

މިއީ ދާދި ފަހުން އެ ޓީމުގެ ކޯޗަކަށް ހުރި ޖަރުމަނުގެ ހަންސީ ފްލިކް ވަކި ކުރުމަށްފަހު ޖަރުމަނުން ކުޅުނު ފުރަތަމަ މެޗެވެ. ޖަރުމަނުގެ ކޯޗުކަމުން ފްލިކް ވަކި ކުރީ، ޖަޕާނާ ދެކޮޅަށް ކުޅެ، ލިބުނު ލަދުވެތި ނަތީޖާއާ އެކު އެވެ. މި މެޗުގައި ޖަރުމަނަށް އިރުޝާދު ދީފައި ވަނީ އެ ޓީމުގެ ޑައިރެކްޓަރު ރޫޑީ ވޮލާ އެވެ.

މި މެޗުން ފްރާންސް ބަލިވިއިރު، މިއީ މިދިޔަ އަހަރުގެ ފީފާ ވޯލްޑް ކަޕުގެ ފައިނަލުގައި އާޖެންޓީނާ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވި ފަހުން، ފްރާންސްއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ފުރަތަމަ މެޗެވެ.