ސައުދީ ޕްރޯ ލީގުގައި އަލް ރައީދާ ދެކޮޅަށް ކުޅުނު މެޗުން އަލް ނަސްރު މޮޅުވެއްޖެ އެެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު އަލް ނަސްރުން ކާމިޔާބު ކުރީ 3-1 އިންނެވެ. ލީގުގައި އެންމެ ފުރަތަމަ ކުޅުނު ދެ މެޗުން ބަލިވި ނަމަވެސް، ފަހުން ކުޅުނު ހަތަރު މެޗުގައި ވެސް އަލް ނަސްރުން ވަނީ މޮޅުވެފަ އެވެ. ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުން 12 ޕޮއިންޓު ހޯދައިގެން އެ ޓީމު އޮތީ ފަސް ވަނައިގަ އެވެ.

ރޭގެ މެޗު ފަށައިގެން އަލް ނަސްރުން އައީ ފަހަތުން ލިބޭ ބޯޅްތަކުގައި ކައުންޓާ އެޓޭކްތަކެއް ކުރުމަށް ވިސްނައިގެންނެވެ. މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އަލް ނަސްރަށް ލީޑު ނަގައިދިނީ ސެނެގާލްގެ ފޯވާޑް ސަޑިއޯ މާނޭ އެވެ. މިއީ ބަޔާން މިއުނިކް ދޫކޮށް އަލް ނަސްރަށް ބަދަލުވި މާނޭ އެ ކުލަބަށް ޖަހައިދިން ހަ ވަނަ ލަނޑެެވެ.

ދެ ވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގައި އަލް ނަސްރުގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްދިނީ ޓަލިސްކާ އެވެ. އޭގެ ފަހުން 78 ވަނަ މިނެޓުގައި އަލް ނަސްރުގެ ތިން ވަނަ ލަނޑު ޖެހީ ޕޯޗުގަލްގެ ކެޕްޓަން އަދި އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ ރޮނާލްޑޯ އަލް ނަސްރުގައި ޖާޒީގައި ޖެހި 27 ވަނަ ލަނޑެވެ. އަލް ނަސްރުން ތިން ލަނޑު ޖެހި ފަހުން އަލް ރައީދުން ވަނީ އެ ޓީމުގެ ހަމައެކަނި ލަނޑު ޖަހައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ މުޙައްމަދު ފައުޒައިރް އެވެ.