އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި އެވަޓަން ބަލިކޮށް އާސެނަލުން ތާވަލްގެ ހަތަރުވަނަ އަށް ޖެހިލިއިރު، ބޯންމައުތުއާ ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ އެއްވަރުވެއްޖެއެވެ.

އެވަޓަންގެ ދަނޑުގައި އާސެނަލް މޮޅުވީ 1-0 އިންނެވެ. ޗެލްސީއާ ބޯންމައުތު ބައްދަލުކުރި މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.

ރޭގެ ނަތީޖާއާއެކު އާސެނަވް ވަނީ ފަސް މެޗުން 13 ޕޮއިންޓް ހަމަކޮށް، ހަތަރުވަނަ އަށް ޖެހިލާފައެވެ. ދެވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާ އާއި ތިނެއްގައި އޮތް ލިވަޕޫލަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވާއިރު، ޓޮޓެންހަމަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. އަދިވެސް އެއްވަނައިގައި އޮތީ ސައްތައިން ސައްތައިގެ ރެކޯޑަކާއެކު އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީ އެވެ. އެ ޓީމަށް ކުޅުނު ފަސް މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ.

އާސެނަލުން މި މެޗަށް ނިކުތްއިރު އާއްމުކޮށް އެ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެމުން އަންނަ އިނގިރޭސި ގޯލްކީޕަރު، އާރޮން ރަމްސްޑޭލްގެ ބަދަލުގައި މި މެޗުގައި ކުޅުނީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ލޯން އެއްބަސްވުމެއްގެ ދަށުން ބްރެންޓްފޯޑުން އެ ޓީމަށް ބަދަލުވި ސްޕެއިނުގެ ކީޕަރު، ޑޭވިޑާ ރާޔާ އެވެ. މިއީ އާސެނަލްގެ ޖާޒީގައި އޭނާ ކުޅުނު ފުރަތަމަ މެޗެވެ.

ގުޑިސަން ޕާކްގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 69 ވަނަ މިނެޓުގައި އާސެނަލަށް ކާމިޔާބުކޮށްދިނީ ބެލްޖިއަމްގެ ވިންގް، ލެއަންޑްރޯ ޓްރޮސާޑް އެވެ. މިއީ އެ ޓީމުގެ އިނގިރޭސި ވިންގް، ބުކާޔޯ ސަކާ ދިން ބޯޅައަކުން އެއް ފަހަރުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ޓްރޮސާޑް ކާމިޔާބުކުރި ރީތި ގޯލެކެވެ. ޓްރޮސާޑް ކުޅެން ނިކުތީ ފުރަތަމަ ހާފުގައި ގެބްރިއެލް މާޓިނެލީގެ ބަދަލުގައެވެ.

ބޯންމައުތުއާ ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ޕްރިމިއާ ލީގު.ކޮމް

އޭގެކުރީން، މެޗުގެ ފުރަތަމަ ހާފުގައި އާސެނަލުން ގޯލެއް ކާމިޔާބުކުރިނަމަވެސް، ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ ވަނީ އެ ލަނޑު ގަބޫލުނުކޮށްފައެވެ. މެޗުގެ 19 ވަނަ މިނެޓުގައި އެ ޓީމުގެ ބްރެޒިލް ވިންގް، ގެބްރިއެލް މާޓިނެލީ ކާމިޔާބުކުރި މި ލަނޑު ގަބޫލުނުކުރާން ރެފްރީ ނިންމީ، އެ ބޯޅަ މާޓިނެލީ އަށް ލިބުމުގެ ކުރީން އާސެނަލްގެ ފޯވާޑް، އެޑީ އެންކެޓިއާ އޮފްސައިޑް މަގާމެއްގައި ހުރުމުންނެވެ.

ލީގުގައި ރޭ ޗެލްސީ ކުޅުނު މެޗުގައި ބޯންމައުތުއާ ލަނޑެއްނުޖެހި އެއްވަރުވިއިރު، ދެ ޓީމުގެ ގޯލްކީޕަރުން ވެސް ވަނީ މުހިއްމު ސޭވްތަކެއް ކޮށްފައެވެ. ރޭގެ މެޗުގައި ޗެލްސީ އަށް ލަނޑުޖަހަން ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ދެވަނަ ހާފުގެ ކުރީކޮޅު ރަހީމް ސްޓާލިން ފޮނުވާލި ހިލޭޖެހުމެއް ގޯލްގެ ދަނޑީގައި ޖެހިފައި ގޯލް ރޮނގު ހުރަސްނުކުރީ ހަމަކިރިޔާ އެވެ. އެވަގުތު އެ ބޯޅަ ދެވަނަ ފަހަރަށް ލެވީ ކޯލްވިލް ފޮނުވާލި ނަމަވެސް، ރެފްރީ ވަނީ އޮފްސައިޑް ކަމަށް ނިންމާ އެ ލަނޑު ގަބޫލުނުކޮށްފައެވެ.

މި މެޗުން އެއްވަރުވުމާއެކު ޗެލްސީ ވަނީ ތާވަލްގެ 14 ވަނަ އަށް ވެއްޓިފައެވެ. މައުރީސިއޯ ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޗެލްސީ މިހާތަނަށް ލީގުގައި މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އެ ޓީމަށް ލިބިފައިވަނީ ފަސް ޕޮއިންޓެވެ. ބޯންމައުތު އޮތީ ތިން ޕޮއިންޓާއެކު 15 ވަނައިގައެވެ.

މި މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ނޮޓިންހަމް ފޮރެސްޓުން އަމިއްލަ ދަނޑުގައި ނިކުންނާނީ ބާންލީއާ ދެކޮޅަށެވެ. މި މެޗު ފަށާނީ މިރޭ ރާއްޖޭގަޑިން 11:45 ގައެވެ.

ކިޔުންތެރިންގެ ހިޔާލު