ޗެންޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގެ ފުރަތަމަ މެޗް ބާސެލޯނާ ރޭ ކާމިޔާބުކޮށްފިއެވެ.

ޔޫރަޕްގެ ޕްރިމިއާ ކޮންޓިނެންޓަލް މުބާރާތުގެ ޖާގަ ބާސެލޯނާ ކަށަވަރު ކުރީ މިދިޔަ ސީޒަނުގައި 88 ޕޮއިންޓާއެކު ލަލީގާގެ ޗެމްޕިއަންކަން ހޯދައިގެންނެވެ. ބާސެލޯނާ ވަނީ މީގެ ކުރިން ފަސް ފަހަރަށް ޗެންޕިއަންސް ލީގް ކާމިޔާބު ކޮށްފައެވެ. ކުޅުނު މެޗުން ބާސެލޯނާ ވަނީ ބެލްޖިއަމްގެ އެންޓްވަރޕް އަތުން މޮޅު ކުޅުމެއް ކުޅުމަށް ފަހު 5-0 ގެ ނަތީޖާއަކުން ފަސޭހަ ކަމާއެކު މެޗް ކާމިޔާބު ކޮށްފައެވެ.

ހަމަ އެއާއެކު އެންޓްވަރޕް ޔޫއެފާގެ އެންމެ މަތީ ކްލަބު މުބާރާތަށް އެނބުރި އަންނަނީ މި މުބާރާތް ނުކުޅެ ގިނަ ދުވަސްތަކެއް ވޭތުވެދިޔަ ފަހުންނެވެ. އެންމެ ފަހުން ބެލްޖިއަމްގެ ޓީމު ޔޫރަޕިއަން ކަޕް/ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗަކީ 1957 ވަނަ އަހަރުގެ ކެމްޕޭންގައެވެ.

ފުރަތަމަ ހާފްގެ 11 ވަނަ މިނެޓުގައި ބާސެލޯނާއިން ވަނީ މެޗްގެ ލީޑް ނަގާފައެވެ. މި ލަނޑު ބާސެލޯނާއަށް ކާމިޔާބު ކޮށްދީފައިވަނީ ޕޯޗުގަލްގެ ފޯވާޑް އުުމުރުން 23 އަހަރުގެ ޖޮއާއޯ ފެލިކްސްއެވެ. މި ލަނޑާއެކު މެޗްގެ ޕްރެޝާ އެންޓްވަރޕްއަށް އިތުރައް ބޮޑުވެގެން ގޮސް ބާސެލޯނާއިން ވަނީ ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. ބާސެލޯނާގެ ދެވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮއްދީފައިވަނީ މެޗްގެ 19 ވަނަ މިނެޓުގައި ޕޮލެންޑުގެ ތަރި ރޮބާޓް ލެވަންޑޯސްކީއެވެ. ބާސެލޯނާގެ ފޯވާޑް ލައިންގެ ސަބަބުން އެންޓްވަރޕް ޓީމުގެ ކުޅުންތެރިންނަށް ވަނީ ފަހަތައް ފައިބައިގެން މަސައްކަތް ކުރަން ީ މަޖުބޫރުވެފައެވެ. މެޗްގެ 22 މިނެޓުގައި އެންޓްވަރޕް ޓީމުން ވަނީ ފަހަތުގައި ހެދުނު ގޯހަކުން ބައިކޮޅަށް ލަނޑެއް ވަދެފައެވެ، މި ލަނޑާއެކު ބާސެލޯނާއިން ފަސޭހަ ކަމާއެކު މެޗްގެ ފުރަތަމަ ހާފް ނިންމާލީ 3-0 ގެ ނަތީޖާއަކުންނެވެ.

ބާސެލޯނާގެ ކުޅުން ތެރިން/ ގެޓީ އިމޭޖަސް

މެޗްގެ ދެވަނަ ހާފްގެ ކުޅުން ފެށިގެން ދިޔައިރު ބާސެލޯނާއިން މަސައްކަތް ކުރަމުން ދިޔައީ މެޗްގެ ލީޑް ފުޅާކޮށް ބޮޑު ފަރަގާއެކު މެޗް ކާމިޔާބު ކުރުމަށެވެ. މެޗްގެ 54 ވަނަ މިނެޓުގައި ބާސެލޯނާއިން ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބު ކޮށްފައެެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ސްޕެއިންއަށް އުފަން އުމުރުން 19 އަހަރުގެ ގަވީއެވެ. ބާސެލޯނާއަށް މެޗްގެ ފަސްވަނަ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ މެޗްގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިން ފެލިކްސްއެވެ. ފެލިކްސް ވަނީ ދެ ލަނޑާއި އެސިސްޓަކާއެކު މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފައެެވެ.