ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި އެންމެ ފަހުގެ މުބާރާތް ކާމިޔާބުކުރި މެންޗެސްޓާ ސިޓީން ފަހަތުންއަރައި 3-1 އިން ސާބިއާގެ ރެޑް ސްޓާ ބެލްގްރޭޑް އަތުން މޮޅުވިއިރު، އެ ޓީމުގެ ޕޯޗުގަލް ތަރި ބެނާޑޯ ސިލްވާ އަށް އަނިޔާވެ ކޯޗު ޕެޕް ގާޑިއޯލާ އަށް އިތުރު ބޮލުގެ ރިހުމެއް ކުރިމަތިވެއްޖެއެވެ.

ސިޓީން ރޭގެ މެޗަށް ނިކުތްއިރު އަނިޔާގެ ސަބަބުން ކެވިން ޑި ބްރޭނާ، ޖޯން ސްޓޯންސް، ޖެކް ގްރީލިޝް އަދި މަޓެއޯ ކޮވެސިޗް ނުކުޅެއެވެ.

އިއްތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ރެޑް ސްޓާ ބެލްގްރޭޑް އިން ލީޑްނެގީ އޮސްމާން ބުކާރީގެ ގޯލުންނެވެ. ސިޓީން އެއްވަރުކުރި ލަނޑު، ދެވަނަ ހާފުގެ ކުޅުން ފެށިތާ ދެވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އާޖެންޓީނާގެ ފޯވާޑް، ހޫލިއަން އަލްވަރޭޒްއެވެ.

އަދި އޭގެފަހުން، މެޗުގެ 60 ވަނަ މިނެޓުގައި ސިޓީން ފުރަތަމަ ފަހަރަށް ލީޑްނެގީ ވެސް ހިލޭޖެހުމަކުން އަލްވަރޭޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ ރެޑް ސްޓާގެ ގޯލްކީޕަރަށް ހެދުނު ގޯހެއްގެ ފައިދާނަގައި އަލްވަރޭޒް ކާމިޔާބުކުރި ގޯލެކެވެ.

މި މެޗުގައި ސިޓީ ޖެހި ތިންވަނަ ލަނޑު، 73 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސްޕެއިނުގެ މިޑްފީލްޑަރު، ރޮޑްރީއެވެ.

މި ގްރޫޕްގައި ހިމެނޭ ސްވިޒަލެންޑްގެ ޔަންގް ބޯއީސް އަތުން ޖަރުމަނުގެ އާރްބީ ލީޕްޒިގު މޮޅުވީ ވެސް 3-1 އިންނެވެ. މި މެޗުގައި ލީޕްޒިގުގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު ސިމަކާން، ޒަވޭ ޝްލާގާ އާއި ބެންޖަމިން ސެސްކޯއެވެ. ޔަންގް ބޯއީސްގެ ހަމައެކަނި ލަނޑުޖެހީ މެޝާކް އެލިއާއެވެ.

ކިޔުންތެރިންގެ ހިޔާލު