ހުސްވެފައިވާ ތުރުކީގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމަށް އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ހަމަޖައްސަން ނިންމައިފިއެވެ.

ތުރުކީގެ ކޯޗުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުރި ޖަރުމަނުގެ ސްޓެފަން ކުންޓްޒް އެ މަގާމުން ދުރުކުރަން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމުމުންނެވެ.

ކުންޓްޒް، 60، ކޯޗުގެ މަގާމުން ދުރުކުރަން ނިންމީ، މި މަހުގެ 12 ވަނަ ދުވަހު ޖަޕާނާ ދެކޮޅަށް ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުން 4-2 އިން ބަލިވުމުން އެ ޓީމުގެ ކުޅުންތެރިނނަށް ފާޑުކިޔުމުގެ ސަބަބުން ކަމަށް މީޑިއާ ހަބަރުތައް ބުނެއެވެ.

މޮންޓެލާ، 49، އެންމެ ފަހުން ހުރީ ތުރުކީގެ ކްލަބެއް ކަމަށްވާ، އަދާނާ ޑެމިރްސްޕޯރްގެ ކޯޗުގެ މަގާމުގައެވެ. އެ ޓީމާއެކު ދެ އަހަރު ދުވަސް ހޭދަކުރުމަށްފަހު މަގާމު ދޫކޮށްލީ މިދިޔަ ޖޫން މަހުގައެވެ.

މޮންޓެލާ އާއެކު މި މަހުގެ 27 ވަނަ ދުވަހު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރަން ހަމަޖެހިފައިވާ ކަމަށް ވެސް ތުރުކީގެ ފުޓްބޯޅަ ފެޑެރޭޝަން (ޓީއެފްއެފް) އާ ހަވާލާދީ ފަހުގެ މީޑިއާ ހަބަރުތައް ބުނެއެވެ.

ކުރީން އިޓަލީގެ ކްލަބުތައް ކަމަށްވާ، އޭސީ މިލާން އާއި ފިއޮރެންޓީނާގެ އިތުރުން ސްޕެއިނުގެ ސެވިއްޔާ އަށް ވެސް ކޯޗުކޮށްދީފައިވާ މޮންޓެލާގެ އިރުޝާދުގެ ދަށުން ތުރުކީން ކުޅޭ ފުރަތަމަ މެޗަކަށްވާނީ ޔޫރޯ ކޮލިފައިންގައި އަންނަ އޮކްޓޫބަރު މަހުގެ 12 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ކްރޮއޭޝިއާ އާ ބައްދަލުކުރާ މެޗެވެ.