ޔޫރަޕްގެ މުބާރާތެއްގައި ވާދަކުރި ފުރަތަމަ މެޗުން ބްރައިޓަން ބަލިވީ ތަޖުރިބާ ނެތުމުން ކަމަށް އެ ޓީމުގެ ކޯޗު ރޮބާޓޯ ޑި ޒާބީ ބުނެފިއެވެ.

ޔުރޮޕާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ގްރީސްގެ އޭއީކޭ އެތެންސް އަތުން 3-2 އިން ބަލިވި މެޗަށްފަހު ވާހަކަ ދައްކަމުން ބްރައިޓަންގެ ކޯޗު ޑި ޒާބީ ބުނީ، މި ނަތީޖާ ނިކުތީ އޭނާގެ ޒުވާން ސްކޮޑުގައި ތަޖުރިބާ މަދުވުމުން ކަމަށެވެ.

ނިމިދިޔަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަ ޓީމުގެ ތެރޭގައި ހިމެނި ޔުރޮޕާ ލީގުން ޖާގަ ހޯދި ބްރައިޓަން އަށް ރޭގެ މެޗުގައި ދިމާވި އެންމެ ބޮޑު މައްސަލައަކީ އަނިޔާގެ ސަބަބުން އެ ޓީމުގެ ކެޕްޓަން އަދި ޑިފެންސްގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަމަށްވާ، ލުވިސް ޑަންކް އަށް ނުކުޅެވުމެވެ.

މެޗަށްފަހު ޑި ޒާބީ ވަނީ، އެ މެޗުގައި އޭނާގެ ޓީމުގެ ކުޅުންތެރިން ދެއްކި ކުޅުމަށް ތައުރީފްކޮށްފައެވެ.

"އަހަރެމެންގެ ނަސީބު ދެރައީ؛ މި ނަތީޖާ ގަބޫލުކުރަން އުނދަގޫ،"

"މެޗުގައި ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ." ޑި ޒާބީ ބުންޏެވެ.

ނިންމާލަމުން ޑި ޒާބީ ބުނީ، އެ ނަތީޖާ ނިކުތީ ފަހަރުގައި އޭނާގެ ޓީމު ޒުވާން ވީމަ ކަމަށް ވުން އެކަށީގެންވާ ކަމަށެވެ. އެކަމަކު، އެއީ ވަރަށް ތާރީޚީ ދުވަހެއް ކަމަށާއި، ނިކުތް ނަތީޖާ އަށް ސަޕޯޓަރުންގެ ކިބައިން މަޢާފަށް އެދޭ ކަމަށް ވެސް ޑި ޒާބީ ބުންޏެވެ.

ޔުރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުގައި އިތުރަށް ކުރިއަށްދިއުމަށް ބްރައިޓަން އިން ބުރަ މަސައްކަތްތަކެއް ކުރަންޖެހެއެވެ. އެތެންސްގެ އިތުރުން ބްރައިޓަން އާއެކު އެ ގްރޫޕުގައި ދެން އޮތީ ހޮލެންޑްގެ އަޔެކްސް އެމްސްޓެޑަމް އާއި ފްރާންސްގެ އޮލިމްޕިކް މާސޭ އެވެ.

މިވަގުތު ލީގު ތާވަލްގެ ފަސްވަނައިގައި 12 ޕޮއިންޓާއެކު އޮތް ބްރައިޓަން އަށް ދެން އޮތީ ލީގުގައި އަންނަ އާދީއްތަ ދުވަހު އަމިއްލަ ދަނޑުގައި ބޯންމައުތުއާ ދެކޮޅަށް ކުޅޭ މެޗެވެ. އެއަށްފަހު އަންނަ ބުދަ ދުވަހު ލީގު ކަޕްގައި އެ ޓީމު ނިކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.