ޔުއެފާ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި ކޯޕަންހޭގަންއާ ދެކޮޅަށް ކުޅުނު މެޗުން ބަޔާން މިއުނިކް މޮޅުވެއްޖެ އެވެ.

ކޯޕަންހޭގަންގެ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު ބަޔާނުން ކާމިޔާބު ކުރީ 2-1 އިންނެވެ. ގްރޫޕް އޭ ގައި ބަޔާނުން ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމު ވަނީ މެންޗެސްޓަރ ޔުނައިޓެޑު ބަލިކޮށްފަ އެވެ. މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ހަ ޕޮއިންޓު ހޯދައިގެން ބަޔާން އޮތީ އެއް ވަނައިގަ އެވެ. ބަޔާން އަތުން ބަލިވި ކޯޕަންހޭގަން އޮތީ ގްރޫޕްގެ ތިން ވަނައިގަ އެވެ.

ފުރަތަމަ ހާފު ފަށައިގެން ބަޔާން އިން ފަހަތުން ލިބޭ ބޯޅަތަކުގައި ކައުންޓާ އެޓޭކްކޮށް ކޯޕަންހޭގަންގެ ގޯލަށް ނުރައްކާ ކުރިނަމަވެސް އެޓީމުގެ ކީޕަރު ވަނީ ހުޝިޔާރު ކަމާއެކު މަތަކޮށްފައެވެ. ގިނަ ހަމަލާތަކެއް ދެ ޓީމުން ވެސް އުފެއްދިއިރު ފުރަތަމަ ހާފު ނިމުނީ 0-0 ގެ ނަތީޖާގައި އޮވެގެންނެވެ.

ދެ ވަނަ ހާފުގައި ފުރަތަމަ ލީޑު ނެގީ ކޯޕަންހޭގަން އިންނެވެ. މެޗުގެ 56 ވަނަ މިނެޓުގައި އެ ޓީމަށް ގޯލު ކާމިޔާބުކޮށްދިނީ ލޫކަސް ލެރަގާ އެވެ. ނަމަވެސް އޭގެ ފަހުން 67 ވަނަ މިނެޓުގައި ބަޔާންގެ ޖަމާލް މުސިއާލާ ވަނީ ލަނޑު ޖަހައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އެ ލަނޑު އޭނާ ޖެހީ ނުސައިރް މަޒްރައޫއީ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މެޗުން ބަޔާން މޮޅު ކޮށްދިން ލަނޑު 83 ވަނަ މިނެޓުގައި ޖެހީ މަތީސް ޓެލް އެވެ. އޭނާ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ތޯމަސް މުލާ އެވެ.

ރޭ ކުޅުނު ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖު އިތުރު މެޗުތަކަށް ބަލައިލާއިރު، ގްރޫޕް ބީގައި އާސެނަލުން ރަށުން ބޭރުގައި ލެންސް ކައިރިން 2-1 އިން ބަލިވި އިރު، ރެއާލްއިން ގްރޫޕް ސީގައި ނަޕޯލީ ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ. އަދި ސެވިއްޔާއާއި ޕީއެސްވީ ގްރޫޕް ބީގައި ކުޅުނު މެޗު ވީ 2-2 އިން އެއްވަރެވެ. އިންޓަ މިލާނުން ގްރޫޕް ޑީގައި ބެންފިކާ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ.