ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ފަސްކޮށްފިއެވެ.

ޕްރިމިއާ ލީގުގެ ކުލަބެއްގެ އޮފިޝަލަކު ކިޔައި ދިން ގޮތުގައި ދެ މަސް ދުވަހުގެ ބްރޭކަށް ފަހު، ފެށުމަށް ހަމަޖެހިފައިވާ ލީގުގެ ކުޅުން މިއަދު ނެތް ކަން ވަނީ އެނގިފައެވެ. އެކަމަކު، މިކަމުގައި އެފްއޭއެމް އިން ރަސްމީކޮށް އެއްވެސް އެއްޗެއް އަންގާފައި ނެތް ކަމަށް އޮފިޝަލް ބުންޏެވެ.

ފީފާ އާއި އޭއެފްސީ އަދި އެ ނޫން ވެސް ގޮތް ގޮތުން އެފްއޭއެމް އަށް ލިބޭ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރާ ކަމަށް ތުހުމަތުކޮށް، މިދިޔަ ހަފްތާގައި ފުލުހުން ވަނީ އެފްއޭއެމް ހިންގަމުން އަންނަ އިމާރާތަށް ވަދެ، އެ ތަން ބަލައި ފާސްކޮށްފައެވެ.

ފުލުހުން ވަދެ ބައެއް ތަކެތި ގެންދިއުމުން ދުވަހުން ދުވަހަށް ކުރަން ޖެހޭ މަސައްކަތަށް ބުރޫ އަރާ، މުބާރާތްތައް ވެސް ނުކުޅޭވޭނެ ކަމަށް އެފްއޭއެމުން މިދިޔަ ހަފްތާ އާދިއްތަ ދުވަހު ވަނީ ބުނެފައެވެ. ފުލުހުން ގެންދިޔަ ތަކެއްޗަކީ ކޮބައިތޯ އެހުމުން ވެސް އެ ތަކެތީގެ ތަފްސީލެއް އެފްއޭއެމުން ނުދެއެވެ. ލީގުގެ ޝެޑިއުލް އަށް ބަދަލު ގެނެސްފައިވާ ކަމެއް ވެސް އެ އެސޯސިއޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.

ލީގު އިތުރު 10 ދުވަހަށް ފަސްކުރެވިފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ. ނަމަވެސް އެފްއޭއެމުން އެކަހަލަ އެއްވެސް ކަމެއް އިއުލާންކޮށްފައެއް ނެތެވެ. ލީގުގެ ކުޅުން މިއަދު ފަށާނެތޯ ނޫސްވެރިން ތަކުރާރުކޮށް އެފްއޭއެމްގެ އޮފިޝަލުން ކައިރީ އެހުމުން ވެސް އެއްވެސް އޮފިޝަލަކު ޖަވާބުދާރީވެފައެއް ނުވެއެވެ.

މާޒިޔާގެ ކުޅުންތެރިއެއް/ ރާއްޖެ އެމްވީ

އެންމެ ފަހުން އޮގަސްޓް 19 ވަނަ ދުވަހު އެފްއޭއެމުން އާންމުކުރި ލީގު ޝެޑިއުލްގައި ވާގޮތުން، އިންޓަނޭޝަނަލް ބްރޭކަށް ފަހު މިއަދު ހަވީރު އަލުން ފަށާނީ ކްލަބް އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީ ކުޅޭ މެޗުންނެވެ.

އެންމެ ފަހުން ދިވެހި ޕްރެމިއާ ލީގް ކާމިޔާބުކޮށްފައިވަނީ މާޒިޔާ ސްޕޯޓްސް ކްލަބުންނެވެ. އެއީ ކުޅުނު 21 މެޗުގެ ތެރެއިން 20 މެޗުން މޮޅުވެ 60 ޕޮއިންޓް ހޯދައިގެނެވެ. އެ ސީޒަނުގައި ދިވެހި ޕްރެމިއާ ލީގުގައި އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިނީ އީގަލްސްގެ ބިދޭސީ ކުޅުންތެރިއާ ޓާނާއެވެ. މާޒިޔާ ވަނީ މިދިޔަ ތިން އަހަރުގައިވެސް ދިވެހި ޕްރެމިއާ ލީގް ކާމިޔާބުކޮށްފައެވެ. ދިވެހި ޕްރެމިއާ ލީގުގެ ތާރީހުގައި އެންމެ ގިނައިން ލީގް ކާމިޔާބުކޮށްފައިވަނީވެސް މާޒިޔާއެވެ. އެއީ ޖުމްލަ ހަތަރު ފަހަރެވެ.

މާޒިޔާ ސްޕޯޓްސް ކްލަބުން 2022 ވަނަ އަހަރު ދިވެހި /ޕްރެމިއާ ލީގް ކާމިޔާބުކޮއްފައި / ރާއްޖެ އެމްވީ

ދިވެހިންނަކީ ފުޓްބޯޅައަށް ލޯބި ޖެހިފައިވާ، ފުޓްބޯޅަ ލޭގައި ހިފާފައިވާ ކުޅިވަރެކެވެ. ހަމައެއާއެކު ދިވެހި ޕްރެމިއާ ލީގަކީ ގިނަ ދިވެހިންގެ ސަޕޯޓް އޮތް ލީގެކެވެ. ނަމަވެސް މިފަހުން އެފްއޭއެމް އެސޯސިއޭޝަންގެ އަމަލުތައް ހުރި ގޮތުން ގިނަ ދިވެހިން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.