ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕް އަންނަ އަހަރު ރާއްޖޭގައި ބާއްވަން ފުރުސަތު ލިބިއްޖެއެވެ.

ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕަކީ ކޮންމެ އަހަރަކުވެސް ވޯލްޑް ބޮޑީބިލްޑިން ފެޑެރޭޝަން އިން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ މުބާރާތެކެވެ.

ރާއްޖޭގެ ބޮޑީބިލްޑިން އެސޯސިއޭޝަނުން ބުނީ ބޮޑީބިލްޑިން އަދި ފިޒީކް ސްޕޯޓްސް ފެޑެރޭޝަނުން އެގޮތަށް ނިންމުމާ ގުޅިގެން ރާއްޖޭގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާ ވެސް އެކަން ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އާ ސަރުކާރުން އެކަމަށް އެހީތެރިކަމާއި އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައިވެ އެވެ.

ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވަން ފުރުސަތު ލިބުމާ ގުޅިގެން ވޯލްޑް ބޮޑީބިލްޑިން ފެޑެރޭޝަންގެ ރައީސް ދާތުކް ޕޯލް ޗުއާ ވެސް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އިންތިހާބީ ރައީސް މުއިއްޒުގެ ފަރާތްޕުޅުން 15 ވަނަ ވޯލްޑް ޗެމްޕިއަންޝިޕްގެ ރާއްޖޭގައި ބޭއްވުމަށް ރަސްމީކޮށް ހުއްދަ ދެއްވާފައިވާކަމުގެ ޚަބަރު ލިބިވަޑައިގަތުމުން ބޮޑު ހިތްހަމަޖެހުމެއް ލިބިވަޑައިގެންފައިވާ ކަމަށެވެ.

ވޯލްޑް ޗެމްޕިއަންޝިޕްގެ 14 ވަނަ މުބާރާތް އަންނަ މަހު 6-12 އަށް ދެކުނު ކޮރެއާގައި އޮންނާނެ އެވެ. އެ މުބާރާތުގައި ރާއްޖޭގެ އެތުލީޓުން ވާދަކުރާނެ އެވެ.

މިދިޔަ އަހަރު ބޭއްވި 13 ވަނަ ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކޮށް ރާއްޖޭގެ އަޒްނީން ރަޝާދު ވަނީ ރަން މެޑަލް ހޯދައިފަ އެވެ. އޭނާ އަކީ ވޯލްޑް ޗެމްޕިއަންޝިޕްގައި ރަން މެޑަލް ހޯދި ރާއްޖޭގެ ފުރަތަމަ އެތުލީޓެވެ.