އެސްޓީއޯ ޒިގްޒެގް އިންޓަރ އޮފީސް 9 ވަނަ ފުޓްސަލް މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން އުރީދޫ އާއި، އެސްޓީއޯ ވާދަކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

މުބާރާތުގެ ޓޮޕް ފޭވަރިންޓުންގެ ގޮތުގައިވެސް އޮތް އުރީދޫ އަށް އެސްޓީއޯ ކައިރިން މޮޅުނުވެވުނީ މެޗުގެ އެންމެ ފަހު ފަސް މިނިޓް ތެރޭގައި އެސްޓީއޯއިން ކާމިޔާބުކުރި ޕެނެލްޓީންނެވެ. މިމެޗު ނިމިގެން ދިޔައީ 3 - 3 އިން އެއްވަރު ވެގެންނެވެ. މުބާރާތުގައި މިހާތަނަށް ފެނިގެންދިޔަ އެންމެ ފޯރިގަދަ މެޗަށް މިމެޗު ވެގެން ގޮސްފައިވާއިރު ދެޓީމުގެ ފަރާތުންވެސް ބަލާހިތްވާ ފޯރިގަދަ ކުޅުމެއް ވަނީ ފެނިގެން ގޮސްގައެވެ.

ދެޓީމުގެ ފަރާތުންވެސް ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލިއިރު، މެޗުގައި ޒުވާން ހުނަވެރި ކުޅުންތެރިގެ ފަރާތުން މޮޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. މެޗުގެ ފުރަތަމަ ދެ ގޯލް ޖަހާ ލީޑް ނެގީ އުރީދޫއިންނެވެ. މިދެގޯލްވެސް ކާމިޔާބު ކުރީ ހުސެއިން ޝަރީފެވެ. އުރީދޫގެ ދެ ގޯލަށްފަހު އެސްޓީއޯއިން ވަނީ ކުޅުން ރަނގަޅުކޮށް ގާތް ގާތުގައި ދެގޯލް ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ދެގޯލް ކާމިޔާބު ކޮށްދިނީ އަލީ ސިނާހު އާއި، އަހުމަދު މުހައްމަދެވެ.

އުރީދޫއިން މެޗުގެ ލީޑު ދެވަނަ ފަހަރަށް ނެގީ ޖުމައްޔިލް ޖަމީލް ޖެހި ގޯލަކުންނެވެ. ނަމަވެސް މެދު ނިމެމުން ދަނިކޮށް އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން އުރީދޫ ހުއްޓުވީ ހަސަން މުހައްމަދު ޖެހި ގޯލުންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީވެސް ހަސަން މުހައްމަދެވެ.

މިމުބާރާތުގައި ޗެމްޕިއަން ޓީމާ ރަނަރަޕް އަދި ފެއާރ ޕްލޭ ޓީމާއި ކިންގް އޮފް ދަ ޓޯނަމެންޓްގެ އިތުރުން ކޮންމެ މެޗެއްގެ މޭން އޮފް ދަ މެޗާއި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ އަދި އެންމެ މޮޅު 5 ކުޅުންތެރިން ހޮވުމަށް ހަމަޖެހިފައިވެއެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 20 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވެސް ދިނުމަށް ހަމަޖެހިފައިވެއެވެ. މުބާރާތުގެ ގަވާއިދަށް މުބާރާތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ވެސް، ކުޅިވަރުގެ ރޫހާ ހިލާފު ނުވާގޮތުގެ މަތިން ވަރަށް ފޯރިއާއެކު މުބާރާތް ނިންމާލުމަކީ ޒިގްޒެގުގެ ވަރަށް ބޮޑު އެދުމެކެވެ.

މިމުބާރާތުގެ އެކްސްކްލޫސިވް ޕާޓްނަރަކީ އެސްޓީއޯއެވެ. ބޭންކިން ޕާޓްނަރަކީ ބީއެމްއެލްއެވެ. ޑިޖިޓަންލް ޕާޓްނަރަކީ ދިރާގެވެ. މުބާރާތުގެ ބްރޯޑްކާސްޓިން ޕާޓްނަރަކީ ޔެސްޓީވީއެވެ. އަދި އޮންލައިން ޕާޓްނަރުންނަކީ ޚަބަރު އޮންލައިނާއި ވަގުތެވެ. ޕްރިންޓިން ޕާޓްނަރަކަށް ޑަބްލިއު ކްރާފްޓް ސެންޓަރ ހަމަޖައްސާފައިވާއިރު، ކޭޓްރިން ޕާޓްނަރުންނަކީ އޮރެންޖް ޑެކް އަދި ކަނިވަލް އެވެ. މުބާރާތުގެ އެޑް ބޯޑަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ އިންކްވެލް، ޗާންލަދަލިޔާ ބުކްޝޮކް އަދި ސީންއެވެ.

ކިޔުންތެރިންގެ ހިޔާލު