އެސްޓީއޯ ޒިގްޒެގް އިންޓަރ އޮފީސް 9 ވަނަ ފުޓްސަލް މުބާރާތުގައި ފުރަތަމަ މެޗުން ބަލިވި ނަމަވެސް ރޭ ކުޅުނު މެޗުން މޮޅުވެ ކުޅުދުއްފުށި ޕޯޓް ރެކްރިއޭޝަނުން މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ބޮޑުކޮށްފިއެވެ.

މާލޭގެ އެންމެ މަތީ ފަންތީގައި ފުޓްސެލް ކުޅޭ ގޯލް ކީއްޕަރު ތާޑޭއާއި، އައިހަމް ފަދަ މޮޅެތި ކުޅުންތެރިންނާއިއެކު ޕޯޓުން ރޭގެ މެޗަށް ނުކިތީވެސް މޮޅުވުމުގެ އަޒުމުގައެވެ. މޮޅުވެގެން ނޫން ގޮތަކަށް މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ހަނި ވެފައި އޮތުމުން ރޭގެ މެޗުވެގެން ގޮސްފައިވަނީ ފޯރިގަދަ އަދި ބަލާ ހިތްވާފަދަ ކުޅުމެއް ފެނިގެން ދިޔަ މެޗަކަށެވެ.

ރޭގެ މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ގޯލު ކާމިޔާބު ކޮށްދިނީ ޕޯޓުގެ އިބްރާހިމް އަތީގެވެ. ރޭގެ މެޗުގައި ފުލުހުން ފޮނުވާލި ހަމަލާތައް ހުށިޔާރު ކަމާއިއެކު ކީއްޕަރު ތާޑޭ ވަނީ ދިފާއުކޮށްފައެވެ. މިމެޗުގައި ފުލުހުންގެ ޓީމުން މޮޅު ކުޅުމެއް ދައްކައި ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް މެޗު ނިމިގެން ދިޔައީ ގޯލެއް ކާމިޔާބު ނުކުރެވިއެވެ. މިމެޗުގެ މޮޅު ކުޅުންތެރި އަކަށް ހޮވިފައިވަނީވެސް މިމެޗުގައި މޮޅު ކުޅުމެއް ދެއްކި ތާޑޭއެވެ.

ރޭގެ މެޗުން ބަލިވި ފުލުހުން ވަނީ މުބާރާތުގައި އެޓީމު ކުޅުނު ފުރަތަމަ މެޗުން ފަސޭހަ ކަމާއިއެކު އޭއީސީ ކޮޅަށް 9 ގޯލް ޖަހާ ކާމިޔާބު ކޮށްފައެވެ. ފުރަތަަމަ މެޗުގައި ޕޯޓް ވަނީ ކޭއާރުއެޗު އަތުން ބަލިވެފައެވެ.

މިމުބާރާތުގައި ޗެމްޕިއަން ޓީމާ ރަނަރަޕް އަދި ފެއާރ ޕްލޭ ޓީމާއި ކިންގް އޮފް ދަ ޓޯނަމެންޓްގެ އިތުރުން ކޮންމެ މެޗެއްގެ މޭން އޮފް ދަ މެޗާއި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ އަދި އެންމެ މޮޅު 5 ކުޅުންތެރިން ހޮވުމަށް ހަމަޖެހިފައިވެއެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 20 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވެސް ދިނުމަށް ހަމަޖެހިފައިވެއެވެ. މުބާރާތުގެ ގަވާއިދަށް މުބާރާތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ވެސް، ކުޅިވަރުގެ ރޫހާ ހިލާފު ނުވާގޮތުގެ މަތިން ވަރަށް ފޯރިއާއެކު މުބާރާތް ނިންމާލުމަކީ ޒިގްޒެގުގެ ވަރަށް ބޮޑު އެދުމެކެވެ.

މިމުބާރާތުގެ އެކްސްކްލޫސިވް ޕާޓްނަރަކީ އެސްޓީއޯއެވެ. ބޭންކިން ޕާޓްނަރަކީ ބީއެމްއެލްއެވެ. ޑިޖިޓަންލް ޕާޓްނަރަކީ ދިރާގެވެ. މުބާރާތުގެ ބްރޯޑްކާސްޓިން ޕާޓްނަރަކީ ޔެސްޓީވީއެވެ. އަދި އޮންލައިން ޕާޓްނަރުންނަކީ ޚަބަރު އޮންލައިނާއި ވަގުތެވެ. ޕްރިންޓިން ޕާޓްނަރަކަށް ޑަބްލިއު ކްރާފްޓް ސެންޓަރ ހަމަޖައްސާފައިވާއިރު، ކޭޓްރިން ޕާޓްނަރުންނަކީ އޮރެންޖް ޑެކް އަދި ކަނިވަލް އެވެ. މުބާރާތުގެ އެޑް ބޯޑަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ އިންކްވެލް، ޗާންލަދަލިޔާ ބުކްޝޮކް އަދި ސީންއެވެ.

ކިޔުންތެރިންގެ ހިޔާލު