އެސްޓީއޯ ޒިގްޒެގް އިންޓަރ އޮފީސް 9 ވަނަ ފުޓްސަލް މުބާރާތުގައި ފަސޭހަ ކަމާއިއެކު އަފީފުއްދީން ބަލިކޮށް ކޭސީސީއާރުސީން މުބާރާތުގައި ކުރިއަށް ދިއުމުގެ އުންމީދު އާކޮށްފިއެވެ.

ރޭގެ މެޗު އަފީފުއްދީންގެ މައްޗަށް ކޭސީސީއާރުސީން ކުރި ހޯދީ 7-1 ގެ ބޮޑު ނަތީޖާއަކުންނެވެ. މިމުބަރާތުގައި ކޭސީސީއާރުސީން ކުޅުނު ފުރަތަމަ މެޗުގައި އެމްއެންޑީއެފް އަތުން ވަނީ ބަލިވެފައެވެ. ނަމަވެސް ރޭގެ މޮޅާއެކު އެޓީމަށްވަނީ ކުއާޓާއަށް ދިއުމުގެ އުންމީދު އާވެފައެވެ.

ރޭގެ މެޗުގައި ކޭސީސީއާރުސީއަށް އާދަމް އަލީއާއި، މުހައްމަދު ޖައުފަރާއި، ހަސަން ހުސެއިން މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ 2 ގޯލު ކާމިޔާބު ކޮށްދީފައެވެ. މިމެޗުގައި ކޭސީސީއާރުސީގެ 7 ވަނަ ގޯލް ކާމިޔަބު ކޮށްދިނީ މައުރޫފް އާދަމްއެވެ. މިމެޗުގައި އަފީފުއްދީނުގެ ހަމައެކަނި ގޯލް ޖެހީ ނަގަރާޖަންއެވެ.

މިނަތީޖާއާއިއެކު އަފީފުއްދީން ވަނީ ބައިކޮޅަށް މުބާރާތުން ކަޓާފައެވެ. ކުޅުނު ދެމެޗުން އެޓީމު ކޮޅަށް ވަނީ 15 ގޯލު ވަދެފައެވެ. މިނަތީޖާއާއިއެކު ކޭސީސީއާރުސީއަށް މުބާރާތުގައި ކުރިއަށް ދިއުމުގެ އުންމީދެއް އެބައޮތެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ ކޭސީސީއާރުސީގެ އާދަމް އަލީއެވެ.

މިމުބާރާތުގައި ޗެމްޕިއަން ޓީމާ ރަނަރަޕް އަދި ފެއާރ ޕްލޭ ޓީމާއި ކިންގް އޮފް ދަ ޓޯނަމެންޓްގެ އިތުރުން ކޮންމެ މެޗެއްގެ މޭން އޮފް ދަ މެޗާއި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ އަދި އެންމެ މޮޅު 5 ކުޅުންތެރިން ހޮވުމަށް ހަމަޖެހިފައިވެއެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 20 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވެސް ދިނުމަށް ހަމަޖެހިފައިވެއެވެ. މުބާރާތުގެ ގަވާއިދަށް މުބާރާތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ވެސް، ކުޅިވަރުގެ ރޫހާ ހިލާފު ނުވާގޮތުގެ މަތިން ވަރަށް ފޯރިއާއެކު މުބާރާތް ނިންމާލުމަކީ ޒިގްޒެގުގެ ވަރަށް ބޮޑު އެދުމެކެވެ.

މިމުބާރާތުގެ އެކްސްކްލޫސިވް ޕާޓްނަރަކީ އެސްޓީއޯއެވެ. ބޭންކިން ޕާޓްނަރަކީ ބީއެމްއެލްއެވެ. ޑިޖިޓަންލް ޕާޓްނަރަކީ ދިރާގެވެ. މުބާރާތުގެ ބްރޯޑްކާސްޓިން ޕާޓްނަރަކީ ޔެސްޓީވީއެވެ. އަދި އޮންލައިން ޕާޓްނަރުންނަކީ ޚަބަރު އޮންލައިނާއި ވަގުތެވެ. ޕްރިންޓިން ޕާޓްނަރަކަށް ޑަބްލިއު ކްރާފްޓް ސެންޓަރ ހަމަޖައްސާފައިވާއިރު، ކޭޓްރިން ޕާޓްނަރުންނަކީ އޮރެންޖް ޑެކް އަދި ކަނިވަލް އެވެ. މުބާރާތުގެ އެޑް ބޯޑަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ އިންކްވެލް، ޗާންލަދަލިޔާ ބުކްޝޮކް އަދި ސީންއެވެ.

ކިޔުންތެރިންގެ ހިޔާލު