އެސްޓީއޯ ޒިގްޒެގް އިންޓަރ އޮފީސް 9 ވަނަ ފުޓްސަލް މުބާރާތުގައި ރޭ ކަސްޓަމާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް އެސްޓީއޯއިން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ތިން ޓީމު ހިމެނޭ މި ގުރޫޕްގައި ކަސްޓަމްގެ މިމެޗަކީ މުބާރާތުގައިވެސް އެޓީމު ކުޅުނު ފުރަމަ މެޗެވެ. މިމެޗު އެސްޓީއޯއިން ކާމިޔާބު ކުރީ ވާދަވެރި ކުޅުމަކަށްފަހު 2-1ގެ ނަތީޖާއަކުންނެވެ. މިއީ މިހާތަނަށް މުބާރާތުގައި ފެނިގެން ދިޔަ އެންމެ ފޯރިގަދަ އަދި ބަލާހިތްވާ ހިތްގައިމު ކުޅުމެއް ދެނިގެން ދިޔަ މެޗެވެ.

މިމެޗުގައި ދެޓީމުންވެސް ވަނީ ރީތި ކުޅުމެއް ދެއްކާފައެވެ. ދެޓީމުގެވެސް ހުނަރުވެރި ކުޅުންތެރި ދިޔައީ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. މިމެޗުގައި ފުރަތަމަ ލީޑު ނެގީވެސް އެސްޓީއޯއިންނެވެ. އެޓީމުން ވަނީ މެޗުގެ 5 ވަނަ މިނިޓްގައި ލީޑް ނަގާފައެވެ. މިގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ އަހުމަދު މުހައްމަދެވެ. މެޗުގައި އެސްޓީއޯގެ ދެވަނަ ގޯލް ޖެހީ 25 ވަނަ މިނިޓްގައި ހަސަން މުހައްމަދެވެ.

މެޗުގައި ކަސްޓަމްސް އިން ކާމިޔާބު ކުރި ހަމަ އެކަނި ގޯލް ކާމިޔާބު ކޮށްދިނީ މައުފޫޒް އާދަމްއެވެ. މިމެޗުގައި ކަސްޓަމްސްގެ ދެ ކުޅުންތެރިއަކަށާއި، އެސްޓީއޯގެ ކުޅުންތެރިއަކަށް ވަނީ ރީދޫ ކާޑު ދައްކާފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެސްޓީއޯގެ އަހުމަދު މުހައްމަދެވެ.

މިމެޗުން ބަލިވި ނަމަވެސް ކަސްޓަމަށް ދެން އޮންނަ މެޗު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާއަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް ދެން އޮންނަ މެޗުގައި ކަސްޓަމްސްއިން ކުޅެންޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން އުރީދޫއާއި ދެކޮޅަށެވެ. އެމެޗު އެއްޗަރު ކޮށްލައިގެންވެސް ކުއާޓާއަށް ދިއުމުގެ ފުރުސަތު އުރީދޫއަށް އޮންނާނެއެވެ. ކަސްޓަމްސްއަށް ކުއާޓާއަށް ދެވޭނީ މެޗުން މޮޅުވެގެންނެވެ.

މިމުބާރާތުގައި ޗެމްޕިއަން ޓީމާ ރަނަރަޕް އަދި ފެއާރ ޕްލޭ ޓީމާއި ކިންގް އޮފް ދަ ޓޯނަމެންޓްގެ އިތުރުން ކޮންމެ މެޗެއްގެ މޭން އޮފް ދަ މެޗާއި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ އަދި އެންމެ މޮޅު 5 ކުޅުންތެރިން ހޮވުމަށް ހަމަޖެހިފައިވެއެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 20 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވެސް ދިނުމަށް ހަމަޖެހިފައިވެއެވެ. މުބާރާތުގެ ގަވާއިދަށް މުބާރާތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ވެސް، ކުޅިވަރުގެ ރޫހާ ހިލާފު ނުވާގޮތުގެ މަތިން ވަރަށް ފޯރިއާއެކު މުބާރާތް ނިންމާލުމަކީ ޒިގްޒެގުގެ ވަރަށް ބޮޑު އެދުމެކެވެ.

މިމުބާރާތުގެ އެކްސްކްލޫސިވް ޕާޓްނަރަކީ އެސްޓީއޯއެވެ. ބޭންކިން ޕާޓްނަރަކީ ބީއެމްއެލްއެވެ. ޑިޖިޓަންލް ޕާޓްނަރަކީ ދިރާގެވެ. މުބާރާތުގެ ބްރޯޑްކާސްޓިން ޕާޓްނަރަކީ ޔެސްޓީވީއެވެ. އަދި އޮންލައިން ޕާޓްނަރުންނަކީ ޚަބަރު އޮންލައިނާއި ވަގުތެވެ. ޕްރިންޓިން ޕާޓްނަރަކަށް ޑަބްލިއު ކްރާފްޓް ސެންޓަރ ހަމަޖައްސާފައިވާއިރު، ކޭޓްރިން ޕާޓްނަރުންނަކީ އޮރެންޖް ޑެކް އަދި ކަނިވަލް އެވެ. މުބާރާތުގެ އެޑް ބޯޑަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ އިންކްވެލް، ޗާންލަދަލިޔާ ބުކްޝޮކް އަދި ސީންއެވެ

ކިޔުންތެރިންގެ ހިޔާލު