އެސްޓީއޯ ޒިގްޒެގް އިންޓަރ އޮފީސް 9 ވަނަ ފުޓްސަލް މުބާރާތުގައި ރޭ ކުޅުދުއްފުށި ޕޯޓް ރެކްރިއޭޝަނުން އޭއީސީ ބޮޑު ތަފާތަކުން ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ކުޅުދުއްފުށި ސިޓީގެ އެންމެ ހިންގުންތެރި އެއްކުލަބު ކަމުގައިވާ "ޒިގްޒެގް" އިން އިސްނަގައިގެން ބާއްވާ މިމުބާރާތުގައި 11 ޓީމު ވާދަކުރެއެވެ. މިމުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކުގެ ތެރެއިން ރޭ ޕޯޓާއި، އޭއީސީ ކުޅުނު މެޗު ފަސޭހަ ކަމާއިއެކު 23-0 އިން ކާމިޔާބު ކުރީ ޕޯޓެވެ.

މިމެޗާއި ކުރިމަތިލިއިރުވެސް އޭއީސީ އޮތީ މުބާރާތުން ކަޓާފައެވެ. ބައިކޮޅަށް 51 ގޯލު ވަދެފައިވާއިރު، މުބާރާތުގައި އޭއީސީއަށް އެންމެ ގޯލެއްވެސް ކާމިޔާބު ވެފައި ނުވެފައެވެ. މިއީ މުބާރާތުގައި ބައި ކޮޅަށް އެންމެ ގިނަ ގޯލް ވަން ޓީމެވެ. ޕޯޓުން ރޭ ޖެހި 23 ގޯލުގެ ތެރެއިން 5 ގޯލު ކާމިޔާބުކޮށްދިނީ އައިހަމްއެވެ. ރޭގެ މެޗުގައި ބައްސާމާއި، އަހުމަދު އާދަމް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ 4 ގޯލް ޖަހާފައެވެ. އަތީގް ވަނީ މިމެޗުގައި ހެޓްރިކް ހަދާފައެވެ.

ޕޯޓަށް ދެން ގޯލްތައް ކާމިޔާބު ކޮށްދިނީ ޝަނޫން ޖެހި ދެގޯލާއި، ސާދު ނިޒާރާއި، އަބްދުލް ރަޝީދާއި، އަމްޖަދު ހަސަންގެ އިތުރުން އަބޫބަކުރު އަލީއެވެ. ރޭގެ މެޗުގައި އޭއީސީގެ އަހުމަދު ހުސެއިން އަތުން ބައި ކޮޅަށްވެސް ވަނީ ގޯލެއް ވަދެފައެވެ. ރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕޯޓުގެ އައިހަމެވެ.

ރާއްޖޭގެ އެންމެ ވަރުގަދަ ފުޓްސަލް ކުޅުންތެރިން ފެނިގެންދާ މިމުބާރާތުގެ މެޗުތައް މުޅި ރާއްޖެއަށް ފެންނާނޭހެން ހުރިހާ މެޗެއް ޒިގްޒެގް ފޭސްބުކް ޕޭޖުން ލައިވް ކުރެއެވެ. އަދި ކުއާޓާ ފައިނަލް މެޗުތަކުން ފެށިގެން ފައިނަލް މެޗާއި ހަމައަށް ހުރިހާ މެޗެއް ޔެސް ޓީވީން ވަގުތުން ގެނެސްދޭނެއެވެ. މުބާރާތުގެ މެޗުތަކުގެ ޚަބަރުތައް، ޚަބަރު އޮންލައިނާއި، ވަގުތު އޮންލައިން އަދި ޕީއެސްއެމްއިން ގެނެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިމުބާރާތުގައި ޗެމްޕިއަން ޓީމާ ރަނަރަޕް އަދި ފެއާރ ޕްލޭ ޓީމާއި ކިންގް އޮފް ދަ ޓޯނަމެންޓްގެ އިތުރުން ކޮންމެ މެޗެއްގެ މޭން އޮފް ދަ މެޗާއި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ އަދި އެންމެ މޮޅު 5 ކުޅުންތެރިން ހޮވުމަށް ހަމަޖެހިފައިވެއެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 20 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވެސް ދިނުމަށް ހަމަޖެހިފައިވެއެވެ. މުބާރާތުގެ ގަވާއިދަށް މުބާރާތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ވެސް، ކުޅިވަރުގެ ރޫހާ ހިލާފު ނުވާގޮތުގެ މަތިން ވަރަށް ފޯރިއާއެކު މުބާރާތް ނިންމާލުމަކީ ޒިގްޒެގުގެ ވަރަށް ބޮޑު އެދުމެކެވެ.

މިމުބާރާތުގެ އެކްސްކްލޫސިވް ޕާޓްނަރަކީ އެސްޓީއޯއެވެ. ބޭންކިން ޕާޓްނަރަކީ ބީއެމްއެލްއެވެ. ޑިޖިޓަންލް ޕާޓްނަރަކީ ދިރާގެވެ. މުބާރާތުގެ ބްރޯޑްކާސްޓިން ޕާޓްނަރަކީ ޔެސްޓީވީއެވެ. އަދި އޮންލައިން ޕާޓްނަރުންނަކީ ޚަބަރު އޮންލައިނާއި ވަގުތެވެ. ޕްރިންޓިން ޕާޓްނަރަކަށް ޑަބްލިއު ކްރާފްޓް ސެންޓަރ ހަމަޖައްސާފައިވާއިރު، ކޭޓްރިން ޕާޓްނަރުންނަކީ އޮރެންޖް ޑެކް އަދި ކަނިވަލް އެވެ. މުބާރާތުގެ އެޑް ބޯޑަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ އިންކްވެލް، ޗާންލަދަލިޔާ ބުކްޝޮކް އަދި ސީންއެވެ.

ކިޔުންތެރިންގެ ހިޔާލު