އިނގިރޭސި ޕްރިމިޔަރ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑާއި އާސެނަލް ބައްދަލު ކުރި މެޗު ނިއުކާސަލް ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ.

ނިއުކާސަލްގެ އެސްޓީ ޖޭމްސް ޕާކް ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެކުލަބުން ކާމިޔާބުކޮށްފައި ވަނީ 0-1 ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ ފުރަތަމަ ހާފުގައި ދެޓީމުންވެސް ވަނީ ގޯލު ޖެހުމަށް މަސައްކަތްތަކެއް ކޮށްފައެވެ. އެެހެން ނަމަވެސް ފުރަތަަމަ ހާފުގައި ގޯލާއި އަމާޒުކޮށް ހަމަލާއެއް އަމާޒު ކުރެވުނީ ހަމަ އެކަނި އާސެނަލަށެވެ. ދެޓީމުގެ ކުޅުންތެރިންގެ ފަރާތުންވެސް ވާދަވެރިކަން ފެނިގެން ދިޔަ އިރު ފުރަތަމަ ހާފުގައި ނިއުކާސަލްގެ ތިން ކުޅުންތެރިއަކަށް ވަނީ ރީނދޫ ކާޑުވެސް ދައްކާފައެވެ.

އާސެނަލްގެ ކައި ހަވާޓްސް ކުރި ފައުލަކާއި ގުޅިގެން ހިނގި ހަމަނުޖެހުމާއި ގުޅިގެން ނިއުކާސަލުން ކާޑު ދައްކާފައިވަނީ އެންތޮނީ ގޯޑަންއާއި ސީން ލޯންގްސްޓާފް އާއި ފަބިއަން ސަޗާއަށެވެ. އަދި މީގެ އިތުރުން އާސެނަލްގެ ކައި ހަވާޓްސްއަށް ވެސް ވަނީ ރީނދޫ ކާޑު ދައްކާފައެވެ.

އެއްވެސް ޓީމަކަށް ލަނޑެށް ނުޖެހި ފުރަތަމަ ހާފު ނިމުނު އިރު، ދެވަނަ ހާފަށް ދެޓީމުންވެސް ވަނީ ގިނަ ބަދަލު ތަކެއް ގެނެސްފައެވެ. އެގޮތުން ނިއުކާސަލްގެ ހަތަރު ކުޅުންތެރިއަކު ބަދަލު ކުރި އިރު، އާސެނަލުން ވަނީ ތިން ކުޅުންތެރިން ބަދަލުކޮށްފައެވެ.

ދެވަނަ ހާފުގައި އާސެނަލުން މެޗުގެ ކޮންޓްރޯލު ނަގައިން ކުޅުން ނަމަވެސް ގޯލަށް އަމާޒުކޮށް އެއްވެސް ހަމަލާއެއް ފޮނުވާ ނުލެވުނެވެ. އެހެން ނަމަވެސް ނިއުކާސަލުން ވަނީ ގޯލާ އަމާޒުކޮށް ދެ ހަމަލާއެއް ފޮނުވާލާފައެވެ. ނިއުކާސަލުން ޖެހި ހަމައެކަނި ލަނޑު މެޗުގެ 64 ވަަނަ މިނެޓުގައި އެންތޮނީ ގޯޑަން ކާމިޔާބުކޮށްދިން އިރު، މި ލަނޑާއި މެޗު އާސެނަލުން ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. އެހެން ނަމަވެސް ވީއޭއާރު ބެލުމަށް ފަހު ރެފްރީ ވަނީ އެއީ ސައްހަ ގޯލެއް ކަމުގައި ނިންމާފައެވެ.

ކުޅުނު 11 މެޗުން ލިބުނު 20 ޕޮއިންޓާއި އެކު ނިއުކާސަލް ތާވަލުގެ ހަ ވަނައިގައި އޮތް އިރު، ކުޅުނު 11 މެޗުން ލިބުނު 24 ޕޮއިންޓާއި އެކު އާސެނަލް އޮތީ ތާވަލުގެ ތިން ވަނައިގައެވެ.