ސައުދީ އަރަބިއްޔާގެ ޕްރޯ ލީގުގައި ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ލަނޑާއެކު އަލް ނަސްރު ތާވަލްގެ ދެވަނައަށް ޖެހިލައިފިއެވެ.

އަލް ނަސްރު އަދި އަލް ހަލީޖް ބައްދަލު ކުރި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ އަލް ނަސްރެވެ. އަލް ނަސްރުން ވަނީ ސައުދީ ލީގު ނުވަ ފަހަރު މަތިން ކާމިޔާބުކޮށްފައެވެ. އަލް ހަލީޖް ވަނީ ސައުދީ ލީގު އަށް ފަހަރު މަތިން ކާމިޔާބުކޮށްފައެވެ.

މި މެޗުގެ ފުރަތަމަ ހާފް ފެށިގެން މެޗުގެ 26 ވަނަ މިނެޓުގައި އަލް ނަސްރުން ވަނީ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑު ކާމިޔާބުކޮށް ދީފައި ވަނީ އަލް ނަސްރުގެ ފޯވާޑު ރޮނާލްޑޯއެވެ. މިއީ ރޮނާލްޑޯ މި ސީޒަންގައި ޖެހި 12 ވަނަ ލަނޑެވެ. ރޮނާލްޑޯ ވަނީ އަލް ނަސްރަށް ކުޅުނު 41 މެޗުން ޖުމްލަ 35 ލަނޑު ކާމިޔާބުކޮށްފައެވެ.

ރޮނާލްޑޯ ވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު މަތިން ކާމިޔާބުކޮށްފައެވެ.

މެޗްގެ ފުރަތަމަ ހާފްގައި އަލް ނަސްރުން ވަނީ ފަސް ހަމަލާއެއް އުފައްދާފައެވެ. ހަމައެއާއެކު އަލް ހަލީޖުން ވަނީ ތިން ހަމަލާއެއް އުފައްދާފައެވެ. މެޗެގެ ފުރަތަމަ ހާފް ނިމިގެންދިޔައީ 1-0 ގެ ނަތީޖާއިން އަލް ނަސްރު ކުރީގައި އޮވެގެނެވެ.

ދެވަނަ ހާފްގެ ކުޅުން ފެށި މެެޗްގެ 58 ވަނަ މިނެޓުގައި އަލް ނަސްރުން ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑު ކާމިޔާބުކޮށްދީފައިވަނީ ސްޕެއިންގެ އުމުރުން 29 އަހަރުގެ އެމެރިކް ލަޕޯޓެވެ. މިއީ ލަޕޯޓް އަލް ނަސްރަށް ކާމިޔާބު ކުރި ފުރަތަމަ ލަނޑެވެ. ލަޕޯޓް ވަނީ ކުރިން މެންޗެސްޓާ ސިޓީގައި ކުޅުނު 180 މެޗުން 12 ލަނޑު އެ ޓީމައް ކާމިޔާބުކޮށްދީފައެވެ. ހަމައެއާއެކު ލަޕޯޓްވަނީ އެތްލެޓިކް ކްލަބްގައި ކުޅުނު ދުވަސްތަކުގައި 222 މެޗުން 10 ލަނޑު ކާމިޔާބުކޮށްފައެވެ.

އަލް ނަސްރުން ކުރިއަށް އޮތީ މި ހަފްތާ އަންގާރަ ދުވަހު އަލް ދުހެއިލް އާ ދެކޮޅަށް ކުޅޭ މެޗެވެ.