ހދ. ކުޅުދުއްފުށި ސިޓީގައި ކުރިއަށްދާ އެސްޓީއޯ ޒިގްޒެގް އިންޓަ އޮފީސް ނުވަވަނަ ފުޓްސަލް މުބާރާތުގެ ކުއާޓާ ފައިނަލުގައި އެސްޓީއޯ ބަލިކޮށް އެންމެ ފަހުގެ ފައިނަލުގައި ކުޅުނު ދިރާގު ސެމީ ފައިނަލަށް ދަތުރުކުރިއިރު، އެންމެ ފަހުގެ ޗެމްޕިއަން އުރީދޫ ކަޓުވާލުމަށްފަހު ކޭޕީއާރްސީ ސެމީން ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ސެމީ ފައިނަލަށް ދިރާގު ދަތުރުކޮށްފައިވަނީ ކުއާޓާ ފައިނަލުގެ ތިންވަނަ މެޗުގައި އެސްޓީއޯ ރެކްރިއޭޝަން ކުލަބުގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

ބޯ ވިއްސާރައިގައި ރޭ ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގައި ދިރާގުގެ ހަމައެކަނި ލަނޑު ފެނިގެންދިޔައީ ފުރަތަމަ ހާފުގެ އަށްވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އީގާން އަބްދުލް މަޖީދެވެ.

މީގެއިތުރުން މި މެޗުގައި އެސްޓީއޯއަށް ވެސް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައެވެ. މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން އެސްޓީއޯ އިން ކުޅުނު ނަމަވެސް ދިރާގުން ވަނީ އެ ޓީމުގެ ހަމަލާތައް ހުއްޓުވުމުގައި ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ދިރާގުގެ މުހައްމަދު ރިފާއުއެވެ.

ކުއާޓާ ފައިނަލުގެ އެންމެ ފަހު މެޗުން ކޭޕީއާރުސީ މޮޅުވީ އުރީދޫއާއި ވާދަކޮށް 4-0 ގެ ނަތީޖާއަކުންނެވެ. މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި އޮތް ކޭޕީއާރުސީން މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަހްމަދު އައިހަމެވެ.

ކޭޕީއާރުސީ އާއި އުރީދޫ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ޒިގްޒެގް

ކޭޕީއާރުސީގެ އަނެއް ތިން ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފުގައެވެ. މި ހާފުގެ އެ ޓީމުގެ ތިން ލަނޑުވެސް ފެނިގެންދިޔައީ ހަތް މިނެޓުގެ ތެރޭގައެވެ. މި ތިން ލަނޑުވެސް ކާމިޔާބުކޮށް ހެޓްރިކް ހަދާފައިވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށްވެސް ހޮވުނު އިބްރާހިމް އަތީގެވެ.

މިދިޔަ އަހަރު ބޭއްވި މުބާރާތުގެ ފައިނަލުގައި ކުޅުނީ ދިރާގާއި އުރީދޫއެވެ. ޗެމްޕިއަންކަން ހޯދި އުރީދޫއަށް މިއަހަރުގެ މުބާރާތުގެ ކުއާޓާއިން މިވަނީ އަލްވަދާއު ކިޔަން ޖެހިފައެވެ.

މި ނަތީޖާތަކާއެކު މުބާރާތުގެ ސެމީ ފައިނަލުގައި ކުޅޭނެ ޓީމުތައް ވަނީ ޔަގީންވެފައެވެ. ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކޭއާރުއެޗާއި ދިރާގެވެ. ކޭއާރުއެޗް ސެމީން ޖާގަ ހޯދީ ކުއާޓާގައި ކޭސީސީއާރުސީ ބަލިކޮށްގެންނެވެ. އަދި ސެމީގެ ދެވަނަ މެޗުގަިއ ކުލަބް ކޭސީޕީ ބައްދަލުކުރާނީ ކޭޕީއާރުސީ އާއެވެ. ކޭސީޕީ ނުވަތަ ކުޅުދުއްފުށި ޕޮލިހުން ސެމީން ޖާގަ ހޯދީ ކުއާޓާގައި ފޯރިގަދަ ކުރިމަތިލުމަކަށްފަހު ޕެނަލްޓީގައި އެމްއެންޑީއެފް ބަލިކޮށްގެންނެވެ.

މުބާރާތުގެ ސެމީ ފައިނަލުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާރޭ އެވެ. މި ދެ މެޗުވެސް ޔެސް ޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޒިގްޒެގްގެ ފޭސްބުކް ޕޭޖުން މެޗުތައް ވަގުތުން ގެނެސްދޭނެއެވެ.

މުބާރާތުގައި ޗެމްޕިއަން ޓީމާއި، ރަނަރަޕް އަދި ފެއާޕްލޭ ޓީމާއި، ކިންގް އޮފް ދަ ޓޯނަމެންޓުގެ އިތުރުން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަދި އެންމެ މޮޅު ފަސް ކުޅުންތެރިން ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 20000 ރުފިޔާގެ ފައިސާގެ އިނާމެއްވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މުބާރާތުގެ އެކްސްކްލޫސިވް ޕާޓްނަރަކީ އެސްޓީއޯއެވެ. ބޭންކިން ޕާޓްނަރަކީ ބީއެމްއެލްއެވެ. ޑިޖިޓަންލް ޕާޓްނަރަކީ ދިރާގެވެ. މުބާރާތުގެ ބްރޯޑްކާސްޓިން ޕާޓްނަރަކީ ޔެސްޓީވީއެވެ. އަދި އޮންލައިން ޕާޓްނަރުންނަކީ ޚަބަރު އޮންލައިނާއި ވަގުތެވެ. ޕްރިންޓިން ޕާޓްނަރަކަށް ޑަބްލިއު ކްރާފްޓް ސެންޓަރ ހަމަޖައްސާފައިވާއިރު، ކޭޓްރިން ޕާޓްނަރުންނަކީ އޮރެންޖް ޑެކް އަދި ކާނިވަލް އެވެ. މުބާރާތުގެ އެޑް ބޯޑަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ އިންކްވެލް، ޗާންލަދަލިޔާ ބުކްޝޮކް އަދި ސީންއެވެ.

ޒިގްޒެގް ކުލަބަކީ ކުޅުދުއްފުށި ސިޓީގައި ކުޅިވަރު މުބާރާތްތަކާއި، ރަށުގެ ތަރައްޤީއާއި ކުރިއެރުމަށް ކުރެވޭ މަސައްކަތްތަކުގައި މުހިންމު ދައުރެއް އަދާކުރާ ޒުވާން ޓީމެއް އެކުލެވޭ ކުލަބެކެވެ.