އިޓާލިއަން ލީގުގައި އުދިނޭސީއާ ދެކޮޅަށް ކުޅުނު މެޗުން އޭސީ މިލާން ބަލިވެއްޖެއެވެ.

ލީގުގައި އާދީއްތަ ދުވަހުގެ ރޭ އޭސީ މިލާންގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އޭސީ މިލާން ބަލިވީ އުދިނޭސީ އަތުން 1-0 އިންނެވެ. މި މެޗުގައި މިލާންގެ ތަރި ކްރިސްޓިއަން ޕުލިސިކް އަނިޔާގެ ސަބަބުން ނުކުޅެއެވެ. އެޓީމުން މެޗުގައި ރަނގަޅު ހަމަލާތަކެއް އުފެއްދި ނަމަވެސް އުދިނޭސީގެ ކީޕަރު މާކޯ ސިލްވެސްޓްރީ ވަނީ އެ ހަމަލާތައް ދިފާއުކޮށްފައެވެ.

މެޗުގެ ކުރީ ކޮޅު އޭސީ މިލާންގެ އޮލީވިއޭ ޖިރޫޑަށް ވަނީ ލަނޑު ޖަހާނެ ފުރުސަތު ލިބިފައެވެ. އޭގެ އިތުރުން އެ ޓީމުގެ ފޯވާޑް ލޫކާ ޖޮވިކަށް ވެސް ލަނޑު ޖަހާނެ ފުރުސަތު ލިބި ވަނީ ބޭކާރުވެފައެވެ. މެޗުގައި ލަނޑު ޖެހުމަށް އުދިނޭސީން މަސައްކަތް ކުރި ނަމަވެސް، އޭސީ މިލާންގެ ގޯލް ކީޕަރު ވަނީ ބޯޅަތައް ސަލާމަތް ކޮށްފައެވެ. މެޗުން އުދިނޭސީ މޮޅުވީ ދެ ވަނަ ހާފުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށްގެންނެވެ. 62 ވަނަ މިނެޓުގައި ޕެނަލްޓީ ކާމިޔާބުކޮށް އެ ޓީމު މޮޅު ކޮށްދިނީ ރޮބާޓޯ ޕެރޭރާއެވެ.

މިއީ މި ސީޒަންގެ ލީގުގައި އޭސީ މިލާންގެ ތިން ވަނަ ބައްޔެވެ. މިހާތަނަށް ލީގުގައި ކުޅުނު 11 މެޗުގެ ތެރެއިން އެ ޓީމު ވަނީ ހަތް މެޗުން މޮޅުވެފައެވެ. އެއް މެޗުން އެއްވަރުވެފައިވާއިރު، ތިން މެޗުން ބަލިވީ އެވެ. އެ ޓީމު އޮތީ 22 ޕޮއިންޓާއެކު ތިން ވަނައިގައެވެ. އޭސީ މިލާން އަތުން މޮޅުވި އުދިނޭސީ އޮތީ 11 މެޗުން 10 ޕޮއިންޓާއެކު 16 ވަނައިގައެވެ.