އިޓާލިއަން ލީގުގައި ފަބިއޯ މިރެޓީ ކާމިޔާބުކޮށްދިން ގޯލާއެކު ޔުވެންޓަސް އިން ފިއޮރެންޓީނާ ބަލިކޮށްފިއެވެ.

ޔުވެންޓަސް ރޭ ފިއޮރެންޓީނާ އަތުން މޮޅުވީ 1-0 އިންނެވެ. މި މޮޅާ އެކު އެޓީމަށް ވަނީ 11 މެޗުން 26 ޕޮއިންޓް ލިބިފައެވެ. ޔުވެންޓަސް ލީގުގައި އެންމެ މެޗަކުން ބަލިވެފައިވާއިރު، އެޓީމާ ގާތުން ތިން ވަނައިގައި ވާދަކުރާ އޭސީ މިލާނަށް ލިބިފައިވަނީ 22 ޕޮއިންޓެވެ. ލީގުގެ އެއް ވަނައިގައި އޮތީ 28 ޕޮއިންޓް ހޯދާފައިވާ އިންޓަ މިލާން އެވެ.

ފިއޮރެންޓީނާގެ ދަނޑުގައި ކުޅުނު މި މެޗުގައި ޔުވެންޓަސް އަށް ގޯލެއް ޖަހަން މާ ގިނަ ފުރުސަތުތަކެއް ނުހޯދެއެވެ. 90 މިނެޓުގެ ތެރޭގައި އެޓީމުން އުފެއްދި ހަމައެކަނި ހަމަލާއަކީ މެޗުގެ 10 ވަނަ މިނެޓުގައި ފިލިޕް ކޮސްޓިޗް ނަގައިދިން ހުރަހަކުން ފަބިއޯ މިރެޓީ ޖެހި ގޯލެވެ. މިއީ އުމުރުން އަށް އަހަރުން ފެށިގެން ޔުވެންޓަސްގެ އެކަޑެމީތަކުން ތަމްރީންވަމުން އައިސް ސީނިއާ ޓީމަށް ކުޅެ އޭނާ ޖެހި ފުރަތަމަ ގޯލެވެ.

މި ގޯލަށްފަހު ފިއޮރެންޓީނާ އިން ގިނަ ފުރުސަތުތަކެއް ހޯދި ނަމަވެސް ޔުވެންޓަސްގެ ގޯލުގައި ހުރި ވޮޒްޝިއޭ ޝެޒްނީ ވަނީ ދިފާއުކޮށްފައެވެ. ރޭގެ މޮޅަކީ ޔުވެންޓަސް ލީގުގައި ޖެހިޖެހިގެން ހޯދި ހަތަރުވަނަ މޮޅެވެ. އަނެއްކޮޅުން މިއީ ލީގުގެ ކުރީކޮޅު ރަނގަޅު ކުޅުމެއް ދައްކަމުން އައި ފިއޮރެންޓީނާ ޖެހިޖެހިގެން ލީގުގައި ބަލިވި ތިންވަނަ މެޗެވެ.

ފިއޮރެންޓީނާ އޮތީ އޮތީ 11 މެޗުން ހޯދި 17 ޕޮއިންޓާއިއެކު ލީގުގެ އަށް ވަނައިގައެވެ. އާދިއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން އޭސީ މިލާން އަތުން މޮޅުވި އުދިނޭސީ އޮތީ 11 މެޗުން 10 ޕޮއިންޓާއެކު 16 ވަނައިގައެވެ.

ކިޔުންތެރިންގެ ހިޔާލު