ހދ. ކުޅުދުއްފުށި ސިޓީގައި ކުރިއަށްދާ އެސްޓީއޯ ޒިގްޒެގް އިންޓަރ އޮފީސް 9 ވަނަ ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލް މެޗުތައް މިރޭ ފަށާނެއެވެ.

ރާއްޖޭގެ އެންމެ ވަރުގަދަ ފުޓްސަލް ކުޅުންތެރިން ފެނިގެންދާ މިމުބާރާތުގެ މެޗުތައް މުޅި ރާއްޖެއަށް ފެންނާނޭހެން ހުރިހާ މެޗެއް ލައިވް ކުރަމުން ދެއެވެ. އެެގޮތުން ހުރިހާ މެޗެއް ފޭސްބުކް ލައިވް ގެނެސްދޭއިރު، ކުއާޓާ ފައިނަލް މެޗުތަކުން ފެށިގެން ފައިނަލް މެޗާއި ހަމައަށް ހުރިހާ މެޗެއް ޔެސް ޓީވީން ވަގުތުން ގެނެސްދޭނެއެވެ. މިރޭ ކުޅޭ ސެމީގެ ދެމެޗް ވެސް ޔެސް ޓީވީން ވަގުތުން ގެނެސްދޭނެއެވެ. އަދި މުބާރާތުގެ މެޗުތަކުގެ ޚަބަރުތައް، ޚަބަރު އޮންލައިނާއި، ވަގުތު އޮންލައިން އަދި ޕީއެސްއެމުން ދަނީ ގެނެސް ދެމުންނެވެ.

މުބާރާތުގެ އެންމެ ފޯރިގަދަ ހިސާބަށް މިހާރު ގޮސްފައިވާއިރު ތައްޓާއި ގާތަށް ޖެހިލުމަށް މިރޭ ސެމީގެ ދެމެޗަކީވެސް ކޮންމެ ޓީމަކަށްވެސް ފައިނަލް މެޗެކެވެ. މިރޭގެ ފުރަތަމަ މެޗުގައި މިރޭ 20:30 ގައި ވާދަކުރާނީ ކޭއާރުއެޗާއި، ދިރާގެވެ. ސެމީގެ ފަހު މެޗުގައި 21:30 ގައި ވާދަކުރަނީ ޕޯޓާއި، ފުލުހުންނެވެ.

ކޭއާރުއެޗް ސެމީން ޖާގަ ހޯދީ ކުއާޓާގައި ކޭސީސީއާރުސީ ބަލިކޮށްގެންނެވެ. ކޭސީޕީ ނުވަތަ ކުޅުދުއްފުށި ޕޮލިހުން ސެމީން ޖާގަ ހޯދީ ކުއާޓާގައި ފޯރިގަދަ ކުރިމަތިލުމަކަށްފަހު ޕެނަލްޓީގައި އެމްއެންޑީއެފް ބަލިކޮށްގެންނެވެ. ދިރާގުން ސެމީގެ ޖާގަ ހޯދީ އެސްޓީއޯ ބަލިކޮށްގެންނެވެ. ޕޯޓުން މިމުބާރާޓުގެ ސެމީއަށް ދަތުރުކުރީ މުބާރާތުގެ ޓޮޕް ފޭވަރިޓުން ކަމުގައިވާ އެންމެ ފަހުގެ ޗެމްޕިއަން އުރީދޫ ބަލިކޮށްގެންނެވެ. އެހެން ކަމުން މިރޭގެ ދެމެޗަކީ ފޯރިގަދަ ބަލާ ހިތްވާ ކަހަލަ ކުޅުމެއް ފެނިގެންދާނެ ދެމެޗަށް ވާނެކަމަށް ބެލެވެއެވެ.

މުބާރާތުގައި ޗެމްޕިއަން ޓީމާއި، ރަނަރަޕް އަދި ފެއާޕްލޭ ޓީމާއި، ކިންގް އޮފް ދަ ޓޯނަމެންޓުގެ އިތުރުން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަދި އެންމެ މޮޅު ފަސް ކުޅުންތެރިން ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 20000 ރުފިޔާގެ ފައިސާގެ އިނާމެއްވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މުބާރާތުގެ އެކްސްކްލޫސިވް ޕާޓްނަރަކީ އެސްޓީއޯއެވެ. ބޭންކިން ޕާޓްނަރަކީ ބީއެމްއެލްއެވެ. ޑިޖިޓަންލް ޕާޓްނަރަކީ ދިރާގެވެ. މުބާރާތުގެ ބްރޯޑްކާސްޓިން ޕާޓްނަރަކީ ޔެސްޓީވީއެވެ. އަދި އޮންލައިން ޕާޓްނަރުންނަކީ ޚަބަރު އޮންލައިނާއި ވަގުތެވެ. ޕްރިންޓިން ޕާޓްނަރަކަށް ޑަބްލިއު ކްރާފްޓް ސެންޓަރ ހަމަޖައްސާފައިވާއިރު، ކޭޓްރިން ޕާޓްނަރުންނަކީ އޮރެންޖް ޑެކް އަދި ކާނިވަލް އެވެ. މުބާރާތުގެ އެޑް ބޯޑަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ އިންކްވެލް، ޗާންލަދަލިޔާ ބުކްޝޮކް އަދި ސީންއެވެ.

ޒިގްޒެގް ކުލަބަކީ ކުޅުދުއްފުށި ސިޓީގައި ކުޅިވަރު މުބާރާތްތަކާއި، ރަށުގެ ތަރައްޤީއާއި ކުރިއެރުމަށް ކުރެވޭ މަސައްކަތްތަކުގައި މުހިންމު ދައުރެއް އަދާކުރާ ޒުވާން ޓީމެއް އެކުލެވޭ ކުލަބެކެވެ.