ފްރާންސް ލީގުގައި ރެނެސްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ނީސް އަލުން އެއް ވަނަ އަށް ޖެހިލައިފިއެވެ.

ފްރާންސް ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން މޮޅުވެ، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އެއް ވަނަ އަށް ޖެހިލިއިރު، ހޯމަ ދުވަހު ކުޅުނު މެޗުން މޮޅުވެ އެއް ވަނަ އަށް ޖެހިލުމުގެ ފުރުސަތު ނީސް އަށް އޮތެވެ. ނީސްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-0 އިންނެވެ.

ރޭގެ މެޗު ފަށައިގެން ނީސް އިން އައީ ބޯޅަ ހިފެހެއްޓުމުގެ ބަދަލުގައި އެޓޭކް ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ.

މެޗުގައި ނީސް އިން ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ފުރަތަމަ ހާފުގެ 45 ވަނަ މިނެޓުގައެވެ. އެ ޓީމަށް ލީޑު ނަގައިދިނީ ފޯވާޑް ޖެރެމީ ބޮގާއެވެ. ދެ ވަނަ ހާފަށް ނިކުމެ ރެނެސް އިން ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް، މެޗުގެ 87 ވަނަ މިނެޓުގައި އެ ޓީމުގެ ގޯލް ކީޕަރު ސްޓީވް މަންޑަންޑާ އަތުން ވަނީ ބައި ކޮޅަށް ލަނޑެއް ވަދެފައެވެ.

މޮޅާއެކު ނީސް އިން ވަނީ އެއް ވަނައިގައި ޕޮއިންޓެއްގެ ލީޑު ނަގައިފައެވެ. މިހާތަނަށް ކުޅުނު 11 މެޗުން އެ ޓީމު ވަނީ 25 ޕޮއިންޓު ހޯދައިފައެވެ. މި ސީޒަންގެ ފްރާންސް ލީގުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން އެ ޓީމު ބަލިވެފައެއް ނުވެއެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ އަށް ލިބެނީ 24 ޕޮއިންޓެވެ.