އަލް-އިއްތިހާދުގެ ކޯޗުގެ މަގާމުން ޕޯޗުގަލްގެ ނޫނޯ އެސްޕިރިޓޯ ސަންޓޯ ވަކިކޮށްފިއެވެ.

ބޭރުގެ ރިޕޯޓްތައް ބުނާގޮތުން ސައުދީ ޕްރޯ ލީގުގެ އެންމެފަހުގެ ޗެމްޕިއަން ޓީމު، އަލް-އިއްތިހާދުގެ ކޯޗުގެ މަގާމުން ނޫނޯ ވަކިކުރީ ނަތީޖާތައް ދައްވުމުންނެވެ. ހާއްސަކޮށް އޭޝިއަން ޗެމްޕިއަންސް ލީގުގައި އެ ކްލަބުގެ ކުޅުން ދަށްވުމުންނެވެ. ނޫނޯއާއެކު ލީގުގައި އިއްތިހާދުން އެންމެފަހުން ކުޅުނު 12 މެޗުގެ ތެރެއިން އެޓީމަށް މޮޅުވެވިފައި ވަނީ އެންމެ ހަ މެޗުންނެވެ. އަދި އެންމެފަހުން އޭޝިއަން ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗުގައި އިއްތިހާދުން އިރާގުގެ އެއާ ފޯސް ކްލަބު އަތުން ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ.

ކުރިން ޓޮޓެންހަމް އާއި ވުލްވްސްގެ ކޯޗުކަމުގައިވެސް ފާހަގަކޮށްލެވުނު އުމުރުން 49 އަހަރުގެ ނޫނޯ މަގާމުން ވަކިކޮށްފައި ވަނީ 16 މަސް ދުވަސް ފަހުންނެވެ. ނޫނޯ، އިއްތިހާދާ ހަވާލުވީ މިދިޔަ އަހަރު ޖުލައި މަހުއެވެ. އޭގެ ކުރިން އޭނާ ޓޮޓެންހަމްގެ ކޯޗުކަމުގެ މަގާމުން ވަކިކޮށްފައިވާ އިރު، ނޫނޯގެ ބަދަލުގައި މިހާރު އިއްތިފާގުގެ ކޯޗުކަމާ ހަވާލުވެ ހުރީ އެސިސްޓެންޓް ކޯޗު ހަސަން ހަލީފާއެވެ.

ހަބަރުތައް ބުނާ ގޮތުގައި އިއްތިފާގުން މިހާރު ދަނީ އާ ކޯޗަކަށް ސްޕެއިން ގައުމީ ޓީމުގައި ކުރިން ހުރި ކޯޗު، ޖުލެން ލޮޕެޓެގީ ގެންދަން މަޝްވަރާ ކުރަމުންނެވެ. އޭގެ އިތުރުންވެސް އިއްތިފާގުން ވާހަކަ ދައްކާ ކަމަށް މީޑިއާއިން ބުނާ ބައެއް ކޯޗުންގެ ތެރޭގައި ކުރިން ރެއާލް މެޑްރިޑްގެ ކޯޗުކަމުގައި ހުރި ޒައިނައްދީން ޒިދާން ހިމެނެއެވެ.