ކ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ކ. އަތޮޅު ވޮލީ މުބާރާތުގައި އިއްޔެ ހަވީރު ހިންމަފުށި ފިރިހެން ޓީމު މާފުށި އަތުން ބަލިވި އިރު، ރޭ ހިންމަފުށި އަންހެން ޓީމު ގުރައިދޫ ކައިރިން މޮޅު ވެއްޖެއެވެ.

އިއްޔެ ހަވީރު ކުޅުނު ފިރިހެން ޑިވިޝަންގެ ފަސް ވަަނަ މެޗު މާފުށި ޓީމުން ކާމިޔާބުކޮށްފައި ވަނީ ހަތަރު ސެޓުންނެވެ. މިއީ މިމުބާރާތުގައި މާފުށިން ކާމިޔާބު ކުރި ތިން ވަނަ މެޗުއެވެ.

މާފުށި ޓީމުން މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން ދާއިރު، އިއްޔެގެ މެޗުގައި ހިންމަފުށި ޓީމުންވެސް ވަނީ ވަރުގަދަ ކުޅުމެއް މާފުށި ޓީމާއި ދެކޮޅަށް ކުޅެފައެވެ. އެހެން ނަމަވެސް ފުރަތަމަ ސެޓު މާފުށި ޓީމުން ފަސޭހަ ކަމާއި އެކު ގެންދިޔައީ 10-25 ގެ ނަތީޖާއަކުންނެވެ. ދެވަނަ ސެޓުގައި ހިންމަފުށި ޓީމުން ކުޅުން ރަނގަޅުކޮށް ސެޓު ކާމިޔާބުކޮށްފައި ވަނީ 23-25ގެ ނަތީޖާއަކުންނެވެ. އެހެން ނަމަވެސް ޖެހިގެން އައި ދެ ސެޑުވެސް ކާމިޔާބުކޮށްފައި ވަނީ މާފުށި ޓީމުންނެވެ. ތިން ވަނަ ސެޓު 22-25 އިން ކާމިޔާބު ކުރި އިރު ހަތަރު ވަނަ ސެޓު ކާމިޔާބުކޮށްފައި ވަނީ 19-25 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ މާފުށި ޓީމުގެ ޖާސީ ނަންބަރ 11 ހުސައިން ސަމާހުއެވެ.

އަންހެން ޑިވިޝަންގެ ތިން ވަނަ މެޗުގައި ގުރައިދޫއާއި ހިންމަފުށި ބައްދަލު ކުރިިއިރު، މި މެޗުވެސް ނިމިފައި ވަނީ ހަތަރު ސެޓުންނެވެ. ފުރަތަަމަ ސެޓު 23-25 އިން ގުރައިދޫ ޓީމު ގެންދިޔަ ނަމަވެސް ޖެހިގެން އައި ހުރިހާ ސެޓެށް ގެންގޮސްފައި ވަނީ ހިންމަފުށި ޓީމުންނެވެ. ދެވަނަ ސެޓު 15-25 އިން ކާމިޔާބު ކުރި އިރު ތިން ވަނަ ސެޓާއި ހަތަރު ވަނަ ސެޓު ކާމިޔާބުކޮށްފައި ވަނީ 19-25 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ހިއްމަފުށި ޓީމުގެ ޖާސީ ނަންބަރ 10 މުނިޔަތުންސިއާއެވެ. ރޭ ކުޅުމަށް ހަމަޖެހިފައި އޮތް ދެވަނަ މެޗު މޫސުން ގޯސް ވުމުގެ ސަބަބުން ވަނީ 28 ވަނަ ދުވަހުގެ ހަވީރަށް ބަދަލު ކޮށްފައެވެ. މި މެޗުގައި ބައްދަލު ކުރާނީ ގުރައިދޫ ފިރިހެން ޓީމާއި ތުލުސްދޫ ފިރިހެން ޓީމެވެ.

މި މުބާރާތުގައި މިރޭ ފުރަތަމަ މެޗުގައި ކުޅުމަށް ހަމަޖެހިފައި ވަނީ ގުޅި އަންހެން ޓީމާއި ތުލުސްދޫ އަންހެން ޓީމުއެވެ. ދެވަނަ މެޗުގައި ގުރައިދޫ ފިރިހެން ޓީމާއި ހިއްމަފުށި ފިރިހެން ޓީމު ބައްދަލު ކުރާނެއެވެ.