މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޖެލެންޖުގެ ގަދަ 16 ގައި ފުވައްމުލަކު، ދަނޑިމަގު އަދި ގާފަރު ބައްދަލު ކުރި މެޗު ޕެނަލްޓީގައި 5-3 އިން ގާފަރު މެޗު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ޒޯން 3 ގެ ޗެމްޕިއަނުންގެ ގޮތުގައި ގަދަ 16 އިން ގާފަރު ޖާގަ ހޯދި އިރު، ދަނޑިމަގު ގަދަ 16 އަށް ދަތުރު ކުރީ ޒޯން 7 ގެ ރަނަރަޕުންގެ ގޮތުގައެވެ.

ފުރަތަމަ ހާފު ނިމެން 3 މިނެޓަށް ވެފައި ވަނިކޮށް ދަނޑިމަގުން ވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މި މެޗު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ކެޕްޓަން ސާދުއެވެ. މިއީ ގާފަރުގެ ދެ ކުޅުންތެރިން ނައްޓާލުމަށް ފަހު ސާދު ކާމިޔާބު ކުރި މޮޅު ލަނޑެކެވެ. ދެ ޓީމުން ވެސް ވަނީ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އަދި ދެ ޓީމުންވެސް ވަނީ ގިނަ ހަމަލާތަކަކަށް ހުރަސް އަޅާ ބޯޅަ ދިފާއުވެސް ކޮށްފައެވެ.

ދެ ވަނަ ހާފު ފެށިގެން ގާފަރުން ވަނީ މިނެޓެއް ވެސް ނުވަނިސް ގޯލެއް ޖަހާފައެވެ. މި ގޯލަކީ މައްޓު މެދު ތެރެއިން ކުރިމަތީ ހުސްކޮށް ހުރި ޝަނާނަށް ޖައްސާލުމުން އޭނާ ފޮނުވާލި ބޯޅަ ކީޕަރު އަތުގައި ޖެހިފައި މަޑުމަޑުން ގޮސް ގޯލަށް ވައިން ބޯޅައެކެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު މެޗުގެ ނަތީޖާ އެއްވަރުވުމުން ވަނީ ނަތީޖާ ނެރުމަށް ޕެނަލްޓީ ޖަހާފައެވެ. ގުރުލައިގެން ފުރަތަމަ ޕެނަލްޓީ ޖަހަން ޖެހުނީ ގާފަރަށެވެ.

ގާފަރުން ޖެހި 5 ޕެނަލްޓީން 4 ޕެނަލްޓީ ކާމިޔާބު ކުރި އިރު ދަނޑިމަގަށް ކާމިޔާބު ކުރެވުނީ 2 ޕެނަލްޓީއެވެ.

މި ނަތީޖާއާއެކު ގާފަރުން ކުއާޓާ ފައިނަލުގައި ބައްދަލު ކުރަން ޖެހޭނީ ކުޑަހުވަދޫއާއެވެ. މި މެޗު އޮންނާނީ މާޗު 1 ވަނަ ދުވަހުގެ ރޭ 21:30ގައެވެ.

 

ކިޔުންތެރިންގެ ހިޔާލު