މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ގަދަ 16 ގެ ފަހު މެޗުގައި އުތީމު ބަލިކޮށް ގޯލްޑަންގެ އެންމެ ކާމިޔާބު ތިމަރަފުށިން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

އުތީމުން ގަދަ 16 އަށް ދަތުރުކުރީ މުބާރާތުގެ ޒޯން 1 ގެ ޗެމްޕިއަންކަން ހޯދައިގެންނެވެ. ތިމަރަފުއްޓަށް ގަދަ 16 އަށް އާދެވުނީ ޒޯން 6 ގެ ރަނަރަޕްގެ ގޮތުގައެވެ.

މެޗު ފަށައިގެން 7 ވަނަ ސިކުންތު ތެރޭ ތިމަރަފުށިން ވަނީ މެޗުގައި ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ހަމްދާނެވެ. މިއީ ކޮއްޓިގޮތަށް ފަހަތުން ތިމަރަފުށީގެ ސިނާ އަރިމަތީ ހުރި އާދަންނާ އަށް ޖައްސާލުމުން އޭނާ ހުރަސް ކުރި ބޯޅައަކުނ،ް އޭރިޔާ ތެރޭ ހުރި ހަމްދާން އެއްފަހަރުން ބޯޅަ ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.

ގޯލްޑެން ފުޓްސަލް ޗެލެންޖްގައި އުތީމާއި ތިމަރަފުށި ބައްދަލު ކުރި މެޗްގެ ތެރެއިން - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

މި ލަނޑަށް ފަހު އުތީމުން ވަނީ ވަރަށް އެޓޭކިން ކުޅުމަކަށް ބަދަލުކޮށް ގޯލެއް ޖެހޭތޯ މަސައްކަތް ކޮށްފައެވެ. އަދި ގިނަ ހަމަލާ ތަކެއްް ވެސް ވަނީ އުފައްދާފައެވެ. އެގޮތުން ހާފު ނިމެން 3 މިނެޓަށް ވެފައިވަނިކޮށް އުތީމުގެ ނަބީލަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ހޯދާފައެވެ. އޭރިޔާ ތެރޭ ހުސްކޮށް ހުރެ އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ.

ނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ ވަގުތު ހަމަވެގެން ކުޅެވުނު އިތުރު ވަގުތުގައި ތިމަރަފުށީގެ އަސްވަދު (ގަބޭ) ވަނީ އެ ޓީމަށް ދެވަނަ ލަނޑެއް ޖަހާ މެޗުގެ ލީޑު ފުޅާކޮށްދީފައެވެ. މެދު ތެރޭ ހުރި އުތީމުގެ ތާހާ ބީޓުކޮށްކުމަށްފަހު ފޮނުވާލި މި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

ދެވަނަ ހާފު ފެށިގެން 2 ވަނަ މިނެޓުގައި ތިމަރަފުށިން ވަނީ މެޗުގަ 3 ވަނަ ލަނޑެއް ކާމިޔާބު ކޮށްފައެވެ. މި ލަނޑުވެސް އެ ޓީމަށް ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކުރި ހަމްދާނެވެ. މި ލަނޑު ޖެހުމަށްވެސް އެހީތެރިވެ ދީފައިވަނީ އާދަންނާއެވެ. މި ލަނޑަކީ އާދަންނާ ޖައްސާލި ބޯޅައަކުން ހަމްދާން ކީޕަރުވެސް ބީޓު ކޮށްލާފައި ޖެހި ލަނޑެކެވެ.

މެޗުގަ އުތީމަށް ލަނޑެއް ޖަހ،ާ އައިހަމް ވަނީ މެޗުގެ ފަރަގު ކުޑަކޮށްފައެވެ. މިއީ އައިހަމް ހާފުގެ މެދެއްހާ ހިސާބުގައި ހުރެ ފޮނުވާލި ބޯޅައެކެވެ. މި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ.

މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ތިމަރަފުށިން ވަނީ އުތީމު ކޮޅަށް 4 ވަނަ ލަނޑެއް ޖަހާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ އާއްދަންނާއެވެ.

ތިމަރަފުއްޓަކީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. ތިމަރަފުށިން ގޯލްޑަން މުބާރާތުގެ ތަށި ތިންފަހަރު ހޯދާފައިވެއެވެ. ކުއާޓާ ފައިނަލުގައި ތިމަރަފުށި ބައްދަލު ކުރާނީ މާފަންނު އަދި އޭދަފުށި ބައްދަލު ކުރި މެޗު ޕެނަލްޓިން 5-7 އިން ކާމިޔާބު ކުރި އޭދަފުއްޓާއެވެ. މިމެޗު ކުޅޭނީ މާޗު 1 ވަނަ ދުވަހުގެ ރޭ 21:30 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަޕޯރޓަރެއް

    ގޯލްޑަން ފުޓްސެލްގައި މި ދިވެހިރާއްޖޭގައި ހަމަ ތިމަރަފުށި ވަރެއް ނެތް ...