ރާއްޖޭގައި ދެވަނައަށް އެންމެ މަގްބޫލު ކުޅިވަރު ވޮލީގައި ހިމެނޭ ކުޅުންތެރިންނާ އެއްވަރަށް ރެފްރީންނަކީ ވެސް މުހިއްމު ރޯލެއް އަދާކުރާ ބައެކެވެ. އަތުގަ އޮންނަ ރެފްރީ ކަށިގަނޑާއި އެއްވަަރަށް އަތުގެ އަވަސް ހަރަކާތްތަކުން އެ ދައްކާާ ނިޝާންތަކާއެކު މެޗުގެ ނިންމުންތައް ނިންމުމަކީވެސް ވޮލީ ކުޅޭ ކުޅުންތެރިއެކޭ އެއްގޮތަށް ހުނަރުހުރި މީހަަކަށް ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ.

ވޮލީގެ ފޯރި ރާއްޖޭގައި އެންމެ ވަރުގަދަ ހިސާބުތަކުގެ ތެރޭގައި ހިމެނޭ ތިލަދުންމަތީ އުތުރުގައި ވޮލީގެ ވަރުގަދަ ރަށެއް ކަމަށްވާ މުރައިދޫއަށް ނިސްބަތްވާ އަބްދުﷲ މުފީދު އެއީ ކާކުކަން ނުދަންނަ މީހެއް ތިލަދުންމަތީގައި ވޮލީގެ ހަރަކާތް ބާއްވާ ރަށެއްގައި ނުހުންނާނެއެވެ. މުރައިދޫގެ ކައުންސިލް މެމްބަރުކަންވެސް ކުރަމުން އަންނަ މުފީދަކީ އަތޮޅުގެ ރައްޔިތުންނާ މުޅި ރާއްޖޭގައިވެސް ތިބި ހަރަކާތްތެރި މަދު ރެފްރީންގެ ތެރޭގައި ހިިމެނޭ އެކަކެވެ.

ވޮލީ ކޯޓުގައި މުފީދަށް އަތޮޅާއި އަމިއްލަ ރަށުން ފުރިހަމައަށް އިތުބާރުކުރެއެވެ އެއީ މިހާތަނަށް އައި އިރުވެސް އޭނާގެ ނިންމުންތައް އިންސާފުވެރި ވީމައެވެ. ޕްރޮފެޝަނަލް ކަމާއި ކުޅިވަރުގެ ހަމަތަކާއި އުސޫލުތައް ދަމަހައްޓާތީ އެވެ. މެޗުގެ އޮއެވަރު އެއްހަމައެއްގައި ހިފަހައްޓާތީއެވެ.

ވޮލީބޯޅަ މުބާރާތްތައް ކޮންމެ އަހަރަކުވެސް ތިލަދުންމަތީގައި ބާއްވައެވެ. މި ސަރަހައްދުގައި ގިނަ އަދަަދެއްގެ ވޮލީ ރެފްރީން ތިބި ނަމަވެސް އަތުޖެހެނީ މަދު މީހެކެވެ. ގިނަ ފަހަރަށް ދެތިން މީހަކު ލައިގެން މުބާރާތްތައް ނިންމާފަވެސް އެބަހުއްޓެވެ. މި ދައްކަނީ ގިނަ އަދަދެއްގެ ރެފްރީން ތަމްރީނުވެފައި ތިބި ހިސާބެއްގެ ވާހަކައެވެ. ނަަމަވެސް ދިރިއުޅުމުގެ ކަންކަމާއި އެހެނިހެން ސަބަބުތަކާހުރެ އަމަލީ ގޮތުން މި ރެފްރީން ފެންނަނީ މަދު ހާލަތްތަކެއްގައެވެ. ނަމަވެސް މުފީދަކީ ތަފާތު ރެފްރީއެކެވެ. މުރައިދޫ ކައުންސިލް މެމްބަރުކަމުގެ މަގާމު އަދާކުރަމުން ވޮލީގެ ކަންކަމަށް ވަގުތު ހުސްކުރަނީ އެކަމުން ލިބޭ އާމްދަނީއަށްވުރެ ބޮޑަށް އެކަމަށް އޮންނަ ޝައުގެއްގެ ބޮޑުކަމުންނެވެ. ރެފްރީކަން ކުރަނީ ކައުންސިލުން ދޭ ބޮޑު އެއްބާރުލުމާއެކު އެވެ.

ނޮޅިވަރަމްފަރުގައި ކުރިޔަށްދާ ވޮލީ މުބާރާތުގެ ތެރެއިން

ސްކޫލް ދައުރުން ފެށިގެންވެސް މުފީދަކީ ވޮލީއަށް ހާއްސަ ޝައުގެއް ބޭއްވި މީހެކެވެ. އަތޮޅު ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ މުރައިދޫގެ ޓީމު ރަށުންބޭރުގައި މެޗެއް ކުޅޭނަމަ އެ ޓީމާއެކު އޭނާ ދިޔައެވެ. އަދި ޓީމަށް ސަޕޯޓުދިނެވެ. ރަށް ތަމްސީލުކުރަން ދާ ކޮންމެ ފުރުސަތެއްގައި ވެސް މުފީދުގެ ހިތުގައި ރަށަށް ރީތި ނަން ހޯދައިދިނުމަށް އަޒުމްކުރި އެވެ. އަތޮޅުގައި ގިނަ ވޮލީ ކުޅޭ ކުޅުންތެރިން އުފެދެއެވެ. އެއާއެކު މުފީދުގެ ވިސްނުން ބަދަލުކުރީ މި ކުޅިވަރުން ރަށާއި އަތޮޅުގެ އިތުރުން މުޅި ރާއްޖެއަށް ދެން ހިދުމަތްކޮށްދެވޭނީ ކޮން ރޮނގަކުންތޯ އެެވެ. އެގޮތަށް ވިސްނި ވިސްނުމުން ވޮލީ ރެފްރީކަން ކުރުމުގެ ވިސްނުން އައެވެ.

"ސްކޫލް ދައުރުގައި ވޮލީ ކުޅުނިން، މެޗުތައް ބަލަންވެސް ބެލިން، އެގޮތުން ކައިރި ރަށްރަށަށްވެސް މެޗުތައް ބަލަން ދިޔައިން، މި ކުޅިވަރު ތައާރަފްކޮށްދިނީ ސްކޫލް ދައުރުގަ އޭރު އުޅުނު ނަސީމް ސަރ، އެއީ އަސްލު ޝައުގު އުފެދުނު ހިސާބަކީ، ރަށުގައި ރަނގަޅު ފެންވަރުގެ ރެފްރީއެއް ހުރުން މުހިއްމު ކަމެއް ގޮތުގައި ދެކިގެން ފަހުން ރެފްރީކަން ކުރަން ފެށީ" ކުޅިވަރަށް ޝައުގު އުފެދުނު ގޮތާ ގުޅޭގޮތުން މުފީދު ބުންޏެވެ.

މި ވިސްނުމާއެކު ރަށު ފެންވަރުގައި މަޑުމަޑުން މެޗުތަކުގެ ރެފްރީކަން ކުރަން ފެށިއެވެ. މާބޮޑު ތަޖުރިބާއެއް، ވޮލީ ރެފްރީކަމުގެ ސަނަދެއް ނެތިވެސް އެކަން ފެށީ ކުރިމަގުގައި މޮޅު ވުމުގެ އަަޒުމުގައެވެ. މިގޮތުގައި ކުރިޔަށްދަނިކޮށް މުފީދަށް ލައްވާލީ ރަނުގެ ފުރުސަތެކެވެ. މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓުން އިންތިޒާމުކޮށްގެން 8 ފެބްރުއަރީ 2016 ގައި ހއ. މާރަންދޫގައި ބޭއްވި ވޮލީބޯޅަ ރެފްރީ ކޯހުން ލިބުނު ފުރުސަތާއެކު ބައިވެރިވެ ފާސްވުމާއެކު މުފީދަށް ރެފްރީކަން ކުރުމަށް އިތުރު ހިތްވަރެއް ލިބިގެންދިޔަ އެވެ.

ރެފްރީ މުފީދު

އުމުރުން 33 އަހަރުގައި ފުރިހަމަކުރި މި ކޯހަށްފަހު މުފީދުގެ ރެފްރީ ކެރިއަރަށް ބޮޑު ކުރިއެރުމެއް އައެވެ. މި ދާއިރާގައި މިހާރު ރަސްމީކޮށް ހޭދަކުރާތާ ހަ އަހަރު ވެފައިވާއިރު އޭނާ ވަނީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ގައުމީ މުބާރާތާއި އެސޯސިއޭޝަނުގެ އެހެނިހެން މުބާރާތްތަކުގެ އިތުރުން ރިސޯޓު ލީގާއި އަތޮޅު ފެންވަރުގައި ބާއްވާ މުބާރާތްތަކާ ރަށު ފެންވަރުގައި ބާއްވާ ގިނަ މުބާރާތްތަކުން ފުރުސަތު ލިބި، އެ މުބާރާތްތަކުގައި ރެފްރީކަންކޮށް މީހުންގެ އިތުބާރު ހޯދާފައެވެ.

އެންމެ ފުރަތަމަ ރެފްރީކަން ކުރިއިރު ލިބުނު އާމްދަނިއާ އަޅާބަލާއިރު މިހާރު އޭނާއަށް ލިބޭ އާމްދަނީ ރަނގަޅެވެ. އަމިއްލަ ރަށް ނުވަތަ ކައިރި އަތޮޅެއްގަ މުބާރާތެއް ބާއްވާނަމަ އެންމެ ފުރަތަމަ ގުޅާ އެކަކަކީވެސް މުފީދެވެ. އެއީ މީހުން އޭނާއަށް ކުރާ އިތުބާރުގެ ބޮޑުކަމުންނެވެ.

"ބައެއް މެޗުތައް ނިންމާފަ ކޯޗުންވެސް ކުޅުންތެރިން އެބަތިބި ވަރަށް ރަނގަޅު ފީޑްބެކް ދީފަ، މެޗު ދިޔަލެއް ރަނގަޅޭ، ހިތްހަމަޖެހޭ ޑިސިޝަން މޭކް ކުރުމުގައި، އެބަހުއްޓޭ ގަބޫލުކުރަން ދަތި ކަންކަމުގަވެސް ރަނގަޅު ޑެސިޝަން މޭކް ކޮށްފަ، ބައެއް ގައުމީ ޓީމު ކުޅުންތެރިންގެ ފަރާތުންވެސް ރަނގަޅު ފީޑްބެކް ލިބުނު، އެއީ ލިބުނު ބޮޑު ހިތްހަމަޖެހުމެއް" ވަގުތު އަށް މައުލޫމާތުދެމުން މުފީދު ބުންޏެވެ.

މުފީދު ފާހަގަކުރާ ގޮތުގައި މިއީ މި ދާއިރާއިން އޭނަ ކުރިޔަށްދިއުމަށް ލިބުނު ބޮޑު ހިތްވަރެކެވެ. އަދި ކަންކަން ރަނގަޅުކޮށް މޮޅު ރެފްރީއަކަށް ވުމަށް ކުރަމުން އައި އުއްމީދަށް އިތުރު ފުރިހަމަކަމެއް ގެނުވި ކަމެކެވެ.

މ. މުއްޔާއި މުލަކު ބައްދަލުކުރި މެޗު- ކެރިއަރުގެ އެންމެ ތަފާތު ތަޖުރިބާ

މުފީދުގެ ހަޔާތުން މިހާރު 37 އަހަރުވެފައިވާއިރު ގިނަ މެޗުތަކެއްގެ ރެފްރީކަން ކުރިއެވެ. މީގެތެރޭގައި ގައުމީ ޓީމުގެ ކުޅުންތެރިން ކުޅުނު ގިނަ މެޗުތަކެއް ފާހަގަކޮށްލެވެއެވެ. މި ހުރިހާ މެޗުތަކުގެ ތެރެއިން މުފީދަށް އެންމެ ތަފާތު ތަޖުރިބާއެއް ކުރަން ޖެހުނު މެޗަކީ މ.އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން 2019 ވަނަ އަހަރު ބޭއްްވި ކައުންސިލް މުބާރާތުގައެވެ.

މ.އަތޮޅު ވޮލީ މުބާރާތުގެ މެޗެއްގެ ތެރެއިން

މުބާރާތުގެ ގްރޫޕްސްޓޭޖުގައި މުއްޔާއި މުލަކު ބައްދަލުކުރި މެޗުގައި ދެ ޓީމުގައިވެސް ޤައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިން ތިބިއެވެ. ވާދަވެރި މި ދެ ޓީމު މި މެޗާއި ކުރިމަތިލި މެޗު ފެށުމުގެ ކުރިން މުލަކު ޓީމުގެ ކުޅުންތެރިންގެ ލިސްޓުގައި ހިމެނުނު ގައުމީ ޓީމުގެ ކުޅުންތެރިއެއްގެ ރަޖިސްޓްރޭޝަން މައްސަލަ ޖެހުނެވެ. އެ މައްސަލަ ހޫނުވުމުން އެންމެފަހުން ޖެހުނީ މެޗު ހުއްޓާލާށެވެ. އެއީ މެޗު ކުޅެވޭ ފަދަ މާހައުލެއް ނެތުމުންނެވެ. ސަޕޯޓަރުން ކޯޓު މައްޗަށް އަރައިގަތީއެވެ. އަދި ހިތްހަމަނުޖެހުން ފާޅުކުރީއެވެ. ނަމަވެސް އެއީ ރެފްރީންނަކަށް ނޫނެވެ. ހިތްހަމަނުޖެހުން ފާޅުުކުރީ މުބާާރާތް އިންތިޒާމުުކުރި ފަރާތްތަކަށެވެ.

"ފުލުހުންގެ އެހީގަ އެ ދުވަހު ޖެހުނީ އެތަނުން ފައިބަން، މީހުން ކޮންޓްރޯލްކުރަން ފުލުހުން ޕެޕާ ސްޕްރޭވެސް ބޭނުންކުރަން ޖެހުނު، އެއީ ސަޕޯޓަރުންނާ އަތޮޅު ކައުންސިލާ އޮތް މައްސަލައެއްގަ، އެއްވެސް ހާލެއްގައި ރެފްރީންނާ އޮތް މައްސަލައެއްގަ ނޫން، އެއީ އެންމެ ތަފާތު ތަޖުރިބާ ކުރެވުނު މެޗެއް ، ކައުންސިލުން ހެދި ގަވާއިދަކާ ގުޅިގެން މުލަކު ޓީމަށް ކުޅެން ހަމަޖެއްސި ގައުމީ ޓީމުގެ ކުޅުންތެރިއަކަށް ނުކުޅެވިގެން މައްސަލަ ޖެހުނީ އެފަހަރު" މުފީދު ބުންޏެވެ.

މިއީ މުފީދުގެ ރެފްރީކަމުގެ ހަޔާތުގައި ކުރިމަތިލި އެންމެ ވާދަވެރި އަދި ހަނދާނުން ފޮހެ ނުލެވޭ މެޗެވެ.

ބައިނަލްއަޤްވާމީ ރެފްރީއަކަށް ވުމުގެ އަމާޒު، އާއިލާއާ ސީނިއާ ރެފްރީންގެ ބޮޑު އެއްބާރުލުމެއް

ރާއްޖޭގައި މިހާރުވެސް ސީނިއާ ވޮލީ ރެފްރީން އެބަ ތިއްބެވެ. ރާއްޖެއާއި ރާއްޖޭން ބޭރުގައި ބާއްވާ ބައިނަލްއަޤްވާމީ މުބާރާތްތަކުން ދިވެހި ރެފްރީންނަށް ފުރުސަތުތައް ވެސް ލިބެއެވެ. މުފީދުގެ އެންމެ ބޮޑު ހުވަފެނަކީ އެ ރެފްރީންނެކޭ އެއްގޮތަށށް ބައިނަލްއަޤްވާމީ ވޮލީ ރެފްރީ ލައިސަންސް ލިބޭނެ ދުވަހެކެވެ. އެ ދުވަހަށް ވާސިލުވުމަށް އަދިވެސް ގިނަ ކަންކަން ހާސިލުކުރަންޖެހޭ ކަން މުފީދު ފާހަގަކުރެއެވެ. ނަމަވެސް އެއީ ނުވާނެ ކަމެއްގެ ގޮތުގައި ނުބަލައެވެ. ކުރު މުއްދަތެއްގެ ތެރޭގައި ރެފްރީކަމުން ހޯދި ކާމިޔާބީތަކާއެކު އެ މަންޒަރު މާ ދުރަކު ނެތެވެ. ގިނަބައެއްގެ އިތުބާރު ލިބުމަކީ މި ދާއިރާއިން ކުރިޔަށްދިއުމަށް މުފީދަށް ލިބުނު ބޮޑު ހިތްވަރެކެވެ.

ވީއޭއެމްގެ މުބާރާތްތަކަށް އެންމެ ބޮޑު އިސްކަމެއް ދެނީވެސް މި ސަބަބާހުރެ އެވެ. އެއީ ރަށްރަށުގައި ބާއްވާ މުބާރާތްތަކަށް ވުރެ ވާދަވެރި، އަދި ފޯރިގަދަ މެޗުތަކެއް ގައުމީ ފެންވަރުގެ މުބާރާާތްތަކުން ލިބޭތީއެވެ. އެއީ ލެެވެލް މަތިކުރުމަށް ލިބޭނެ ބޮޑު ބާރެއްގެ ގޮތުގައި ދެކިގެންނެވެ.

 

"ރަށްފުށުގަ ކުޅޭ ކުޅުންތެރިންނަށް ވުރެ ވީއޭއެމް ބޮޑެތި މުބާރާތްތަކުގެ ފެންވަރުވެސް ރަނގަޅުވާނެ، އެއާއެކު ލިބޭ ތަޖުރިބާވެސް ގިނަވާނެ،" މުފީދު ބުންޏެވެ.

މުފީދުގެ ރެފްރީ ހަޔާތް މިހާހިސާބަށް އައީ އޭނާގެ އާއިލާގެ ބޮޑު އެއްބާރުލުމަކާއެކު އެވެ. އަންހެނުންނާއި ތިން ދަރިން ބަލަމުން ކައުންސިލްގެ ވަޒީފާއަށް ވަގުތު ދެމުން ރަށުން ބޭރުގައި އަތޮޅު އަދި ގައުމީ ފެންވަރުގައި ބާއްވާ މުބާރާތްތަކުގައި ބައިވެރިވުމަކީ ފަސޭހަ ކަމެއް ނޫނެވެ. މިގޮތަށް ކަންކަން ކުރިޔަށް ގެންދެވޭނީ އާއިލާގެ ބޮޑު އެއްބާރުލުމެއް ލިބިގެންނެވެ.

"އާއިލާގެ ފަރާތުން ވަރަށް ސަޕޯޓު ލިބޭ ހުރިހާ ކަމެއްގަވެސް، ވޮލީއަށް ހާއްސަ ޝައުގެއް ބަހައްޓާނެ އާއިލާއިން، އެ އިތުބާރުކުރާތީ މިހާހިސާބަށް މި އައީވެސް، މަންމަވެސް ވަރަށް ސަޕޯޓިވް، އަންހެނުންވެސް ވަރަށް ސަޕޯޓިވް، ރަށުން ބޭރުގަ މުބާރާތަކަށް ގޮސް ހުންނައިރު އަންހެނުން އެބަ ގުޅާފަ އަހާ ކޮން މެޗެއްތޯ އެންމެ ފޯރިގަދަވާނީ، ރަށުގަ ކުޅޭއިރު އެ މެޗެއް ބަލަންވެސް ދާނެ، ރަށުން ބޭރުގައި މެޗެއް ކުޅޭއިރު އެ ރަށެއްގަ ހުރިނަމަވެސް ދާނެ މެޗެއް ބަލަން" މުފީދު ބުންޏެވެ.

މުފީދުގެ އާއިލާ

ކޮންމެ އަހަރަކު މަދުވެގެން ދެ ތިން މުބާރާތަށް ރަށުން ބޭރަށް މުފީދު ދާން ޖެހެއެވެ. އާއިލާގެ އިތުރަށް މުފީދުގެ އުފަންރަށް މުރައިދޫން ވެސް މުފީދުގެ ހަބަރުތައް ބަލަން ގުޅާ ހަދައެވެ. މެޗެއް ލައިވްކުރާ ނަމަ އާއިލާގެ އިތުރަށް ރަށުގެ ރައްޔިތުންވެސް މުފީދަށް ގުޅާ ހިތްވަރުދެއެވެ. ރަށުގެ ރައްޔިތުން އެ ބަހައްޓާ ގާތްކަމަކީވެސް މުފީދަށް އޮތް ބޮޑު ހިތްހަމަޖެހުމެކެވެ.

ރާއްޖޭގަ ޖޫނިއާ ކުޅުންތެރިން މަދު، ޒުވާން ވޮލީ ރެފްރީން އިތުރަށްް ބޭނުންވޭ

ވޮލީ ރެފްރީކަމުގައި މިހާތަނަށް ހޭދަކުރި މުއްދަތުގެ ތެރޭގައި މުފީދުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ޖޫނިއާ އުމުރުފުރާތަކުން އެންމެ އެކަށީގެންވާ ވަރަށް ކުޅުންތެރިން ނުއުފެދުމެވެ. އަދި ރެފްރީންވެސް ނުފެނުމެވެ. މިއީ ކުޅިވަރުގެ ކުރިމަގަށް އޮތް ހުރަހެއްގެ ގޮތުގައި މުފީދު ދެކެއެވެ. އެހެންކަމުން ވީހާވެސް ބޮޑަަށް ޖޫނިއާ އުމުރުފުރާތަކަށް އަމާޒުކޮށްގެން މުސްތަގުބަލަށް ޕްލޭންތަކެއް ކުރުމުގެ މުހިއްމުކަން މުފީދު ގަބޫލުކުރެއެވެ

"ކޯސްހަދާފައި ތިބި ގިނަ މީހުން ނޫޅޭތީ މައްސަލައަކީ، މުޅި ރާއްޖޭގައިވެސް ގިނަ ކޯޗުން އެބަތިބި ޓްރެއިނިން ހަދާފަ، މި ސަރަހައްދުގަ އެކްޓިވް 15 ވަރަކަށް ރެފްރީން އުޅޭނެ، އެކަމަކު ދެތިން ރެފްރީއެއް މައިގަނޑު ގޮތެއްގައި މި އުޅެނީ ، މި ކުޅިވަރަށް ޖާނުދޭ ރެފްރީއަކަށް ވާނެ އަޅުގަނޑު" މުފީދު ބުންޏެވެ.

ރާއްޖޭގެ ރަށްރަށުގައި ވޮލީގެ ފޯރި ވަރަށް ބޮޑަށް އޮތްއިރު ގިނަ ފަހަރަށް މުބާާރާތްތަކުން ފެންނަނީ ސީނިއާ އުމުރުފުރާގެ ކުޅުންތެރިންނެވެ. ޖޫނިއާ ކުދިންނަށް ފުރުސަތު ލިބެނީ މަދު ފަހަރެއްގައެވެ. އަތޮޅު ފެންވަރުގައި ނުވަތަ ރަށު ފެންވަަރުގައި ވައިޑީީޕީ މުބާރާތްތައް ބޭއްވުމަކީ މުހިއްމު ކަމެއްގެ ގޮތުގައި މުފީދު ފާހަގަކުރެއެވެ. އަދި މި ފުރުސަތުތައް ދީފިނަމަ ރާއްޖޭގެ ވޮލީ އިތުރު ހަރުފަތަކަށް އަރައިގެންދާނެ ކަމަށް މުފީދު ގަބޫލުކުރެއެވެ.

މެޗެއްގައި މުފީދު ރެފްރީކަން ކުރަނީ

މުފީދު އެންމެ ފުރަތަމަ ގައުމީ ވޮލީ މުބާރާތުގައި ރެފްރީކަން ކުރުމުގެ ފުރުސަތު ލިބުނީ 2017 ވަނަ އަހަރުއެވެ. އޭގެފަހުން 2018 ވަނަ އަހަރާ 2019 ވަނަ އަހަރުގެ ގައުމީ މުބާާރާތުގެ ރެފްރީކަން ކުރުމުގެ ފުރުސަތު އޭނާއަށް ލިބުނެވެ. ކެރިއަރުގައި މިހާތަނަށް މުފީދު ރެފްރީކަން ކުރި މުބާރާތްތަކުގެ އަދަދު އުޅޭނީ 30 އިން މަތީގައެވެ. ރާއްޖޭގެ ސީނިއާ ރެފްރީންގެ ފަރާތުން މުފީދަށް ލިބޭ އެއްބާރުލުމަކީ ކެރިއަރުގެ މިހާހިސާބަށް އައުމުގައި އޭނާގެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ.

"ސީނިއާ ލެވެލްގެ ރެފްރީންގެ ފަރާތުން ކަންކަން އަބަދުވެސް ދަސްކުރަން، ޓީީވީން މެޗުތައް ބަލަން، އިންޓަނޭޝަނަލް މެޗުތައްވެސް ބަލަން، ސީނިއާ ރެފްރީންނާވެސް ވާހަކަދައްކަން، ސީނިއާ ރެފްރީން އަބަދުވެސް ވަރަށް ގާތްވާނެ، ކުނޑި އަހުމަދު ސަލީމް، މުހައްމަދު ނާޝިދު (ތުއްތުކޯ)، ހުސެއިން ހަމީދު، މިހެން ގޮސް ސީނިއާ ރެފްރީންނާ އޮތް ގުޅުން ވަރަށް ރަނގަޅު" މުފީދު ބުންޏެވެ.

މުފީދުގެ އެދުމަކީ ކޯސް ހަދައިގެން ގޭގަ ނުތިބެ ކުޅިވަރުގެ ތެރޭގައި އުޅުމެވެ. ވޮލީއަކީ ރާއްޖޭގެ ދެވަނައަށް އެންމެ މަގުބޫލު ކުޅިވަރަށް ވާއިރު މުފީދުގެ އެންމެ ބޮޑު އެދުމަކީ ރެފްރީން އުފެއްދުމަށް ހުރިހާ ފަރާތްތަކުން ވެސް އަތުކުރި އޮޅާލައިގެން މަސައްކަތްކުރުމަށެވެ.