ބޫޓާން އަތުން ބަލިވުމާއެކު އޭޝިއަން ކްރިކެޓް ކައުންސިލް (އޭސީސީ) މެންސް ޗެލެންޖާ ކަޕުން ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު ކަޓައިފި އެވެ.

އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިއްޔެ ބޫޓާން އަތުން ދިވެހި ޓީމު ބަލިވީ ހަތަރު ވިކެޓުންނެވެ. ގްރޫޕް ސްޓޭޖުގައި ހަތަރު ޓީމު ވާދަކޮށް ރާއްޖެ ދިޔައީ ފުލަށެވެ.

މި މުބާރާތުގެ ފައިނަލަށް ދާ ދެޓީމަށް އޭސީސީ މެންސް ޕްރިމިއާ ކަޕުން ފުރުސަތު ލިބޭނެ އެވެ. އެކަމަކު މުބާރާތުން ކެޓުމުން އެ މުބާރާތަށް ކޮލިފައިވުމުގެ ފުރުސަތު ރާއްޖެ އަށް ވަނީ ގެއްލިފަ އެވެ.

އިއްޔެ ކުޅުނު މެޗުގެ ޓޮސް ދިމާވުމުން ބޫޓާނުން ނިންމީ ހޮވާށެވެ. ރާއްޖޭން ކުޅެން އަރައި 42.2 އޯވަރުގެ ތެރޭގައި ހެދުނީ 105 ލަނޑެވެ. ރާއްޖޭގެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 22 ބޯޅައިން 23 ލަނޑު ހެދި އާދަމް ނާސިފް އުމަރު އެވެ.

ބޫޓާނުން ކުޅެން އަރައި މެޗު ކާމިޔާބުކުރީ 28.1 އޯވަރުގެ ތެރޭގައި 106 ލަނޑު ހަދައިގެންނެވެ. ބޫޓާނުން އެ އަދަދަށް ލަނޑު ހެދީ ހަ ކުޅުންތެރިން ނުބައިވެގެންނެވެ.

ރާއްޖެ ވަނީ މި މުބާރާތުގެ ފުރަތަމަ މެޗުގައި އީރާން އަތުން 27 ލަނޑުން މޮޅުވެފަ އެވެ. އެކަމަކު އޭގެފަހުން ކުޅުނު މެޗުގައި ބަހުރޭން އަތުން 292 ލަނޑުން ބަލިވީ އެވެ. ފުރުސަތު އެއްކޮށް ގެއްލުނީ މިއަދު ބޫޓާން އަތުން ބަލިވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކިނބޫ

    ތިޔަ މީހުން ދައުލަތުން މިލިއަނުން ޚަރަދުކޮށްގެން މުބާރާތްތަކަށް ފޮނުވުމުގެ ބަދަލުގައި، ތިޔަ މީހުން ލައްވާ ކޮންމެވެސް މަސައްކަތެއްކޮށް ޤައުމަށް ( މިސާލަކަށް އެޅިގާ އެޅުން، މަގުހެދުން، ވާލުމެރުމާއި ފަޅުސާފުކުރުން) އާމްދަނީއެއް ހޯދުން ބުއްދިވެރި. ދާކޮންމެ މުބާރާތަކުން ވެލިކައިގެން އައުމަށް ވުރެ އެފައިސާއިން ފައިދާ ހުރިކަމެއް ކުރުން ހެޔޮވެގެންވެއެވެ.

    • ހުވަދޫ އަލިބެއްޔާ

      އާން އެކޭ.. ޤައުމަށް ޖެހިފަ އޮތް ބަލާވެރިކަމެއް މިވެސް..

    • ޗަކޮއި

      100 ގެ ކޮމެންޓެއް.