މިހާރު ބޫޓާންގައި ކުރިއަށްދާ 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޓީމު އެ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މި މެޗުން ބޫޓާން އަތުން ރާއްޖެ މޮޅުވީ 3-2 އިންނެވެ.

މިއީ ރާއްޖޭގެ 16 އަހަރުން ދަށުގެ ޓީމެއް ސަރަަހައްދީ ފުޓްބޯޅަ މުބާރާތެއްގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ގޮސް ސެމީގައި ކުޅޭ ފުރަތަމަ ފަހަރެވެ.

ތިމްޕޫގެ ޗަންގްލިމިތަން ސްޓޭޑިއަމްގައި ކުޅުނު މިި މެޗުގައި ރާއްޖޭން ލީޑްނެގީ ހަތަރުވަނަ މިނެޓުގައި މުޙައްމަދު އިލާން އިމްރާން ކާމިޔާބުކުރި ގޯލުންނެވެ. މިއީ ރާއްޖޭގެ ކެޕްޓަން އީތަން އިބްރާހިމް ޒަކީ ދިން ބޯޅައަކުން އިލާން ކާމިޔާބުކުރި ގޯލެކެވެ.

ބޫޓާނުން އެއްވަރުކުރި ލަނޑު، 42 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސޯނަމް ޑޯޖީ އެވެ. އަދި އޭގެފަހުން، މި ހާފުގެ އިތުރުވަގުތުގެ ތިންވަނަ މިނެޓުގައި ސޯނަމް ޑޯޖީ ވަނީ އިތުރު ގޯލެއްޖަހައި، ބޫޓާނަށް މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑްނަގައިދީފައެވެ.

އޭގެފަހުން، އިތުރުވަގުތުގެ ފަސްވަނަ މިނެޓުގައި ބޫޓާންގެ ކިންޔެލް ވަންޗުކް ޑޯޖީ އަތުން ބައިކޮޅަށް ވަތް ގޯލަކުން ރާއްޖޭން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ.

ރާއްޖެ މޮޅުވި ލަނޑު، 71 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން، އީތަންއެވެ.

ސެމީގައި ރާއްޖޭން ބައްދަލުކުރާނީ އިންޑިއާ އާ އެވެ. އަނެއް ސެމީގައ ޕާކިސްތާން ނިކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. މި ދެ މެޗުވެސް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.

ކިޔުންތެރިންގެ ހިޔާލު