މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ބީޗް ވޮލީބޯޅަ ޓުއާގައި މިއަދު ކުޅުނު ކުއާޓާ ފައިނަލް މެޗުން މޮޅުވެ، ރާއްޖޭގެ އެއްވަނަ ޕެއާ، އާދަމް ނަސީމް (އެޑަމް) އާއި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން، އެޑަމް އާއި ކުޑަކާއްޓޭގެ ޕެއާ ވަނީ ކުއާޓާގައި ބޫޓާންގެ ޑޯޖީ އާއި ކިންލޭގެ ޕެއާ ބަލިކޮށްފައެވެ.

މި މެޗުގެ ސެޓުތައް އެޑަމް އާއި ކުޑަކާއްޓޭ ގެންދިޔައީ، 21-08، 21-07 އިންނެވެ. މިހާތަނަށްއައިއިރު މި މުބާރާތުގައި އެޑަމް އާއި ކުޑަކާއްޓޭގެ ޕެއާ އަތުން ސެޓެއް ވެސް ގެއްލިފައެއްނުވެއެވެ.

މިިދިޔަ އަހަރުގެ މުބާރާތުގައި ކުޅުނު ފަސް މެޗު ކާމިޔާބުކޮށް، ރަން މެޑަލް ހޯދީ އެޑަމް އާއި ކުޑަކާއްޓޭގެ ޕެއާ ވަނީ މިހާތަނަށް ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށްފައެވެ.

މި ފަހަރުގެ މުބާރާތުގައި އެޑަމް އާއި ކުޑަކާއްޓޭގެ ޕެއާ ކުޅުނު ފުރަތަމަ މެޗުގައި ބޫޓާންގެ ސޯނަމް އާއި ރާމްގެ ޕެއާ އަތުން މޮޅުވީ 21-05، 21-08 އިންނެވެ. ދެވަނަ މެޗުގައި ބަންގްލަދޭޝްގެ ވަރުގަދަ ޕެއާ ކަމަށްވާ، މަންސޫރު އާއި ޝާޖަހާން އަތުން މޮޅުވީ 21-13، 21-19 އިންނެވެ.

މުބާރާތުގައި ދެން ކުޅުނު މެޗުގައި އިންޑިއާގެ ނިތިން އާއި ރާމާގެ ޕެއާ އަތުން 21-15، 21-18 އިން ވަނީ މޮޅުވެފައެވެ.

ސެމީގައި އެޑަމް އާއި ކުޑަކާއްޓޭގެ ޕެއާ ނިކުންނާނީ މުބާރާތް ބާއްވާ ގައުމު، ބަންގްލަދޭޝްގެ ހޮރޮޝިޓް އާއި އަހުމަދުގެ ޕެއާ ދެކޮޅަށެވެ.